އަކްޝޭ ކުމާރްގެ "ޕެޑްމޭން" ގައި އަމީތާބް ބައްޗަންގެ ހާއްސަ ފެނިލުމެއް
އަކްޝޭ ކުމާރްގެ "ޕެޑްމޭން" ގައި އަމީތާބް ބައްޗަންގެ ހާއްސަ ފެނިލުމެއް

ޑައިރެކްޓަރު އާރް ބަލްކީ ފިލްމެއް ޑައިރެކްޓް ކުރާ ނަމަ، އެ ފިލްމުން ކޮންމެހެން ވެސް އަމީތާބް ބައްޗަން ފެންނަން ޖެހޭނެ އެވެ. އެއްގޮތަކީ ލީޑް ރޯލުން އަމީތާބް ފެނުމެވެ. އަނެއް ގޮތަކީ އެހެން އެކްޓަރުތަކެއް ލީޑް ރޯލް ކުޅޭ ނަމަ، އަމީތާބްގެ ހާއްސަ ފެނިލުމެއް ފިލްމުގައި ހިމެނުމެވެ.

މި ފަހަރު މިއޮތީ ބަލްކީގެ ފިލްމެއްގައި އަނެއްކާ ވެސް އަމީތާބްގެ ހާއްސަ ފެނިލުމެއް ހިމަނަން ނިންމައިފަ އެވެ. އެކަން އަމީތާބް ކުރި ޓްވީޓެއްގައި ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ.

މި ފަހަރުގެ ފިލްމަކީ އަކްޝޭ ކުމާރު ލީޑް ރޯލް ކުޅޭ "ޕެޑްމޭން" އެވެ. އެ ފިލްމުގައި އަމީތާބް ފެނިގެންދާ މަދު މިނިޓްކޮޅެއްގެ މަންޒަރު މިހާރު ވަނީ ޝޫޓްކޮށް ނިންމައިފަ އެވެ.

"ޕެޑްމޭން" އިންޑިއާގެ ރަށްފުށުގެ އަންހެނުންނަށް އެހީއެއްވުމުގެ ގޮތުން، އިންޑިއާގެ ޓަމިލްނާޑޫ އަށް ނިސްބަތްވާ އާދައިގެ ވިޔަފާވެރިއެއް ކަމަށްވާ އަރުނަޗަލަމް މުރުގަނަތަން ސެނިޓަރީ ނެޕްކިން ތައްޔާރުކުރާ މެޝިނެއް އީޖާދުކޮށް، އަންހެނުންނަށް އެހީއެއް ފޯރުކޮށް ދޭން ފެށި މަސައްކަތް ކިޔައިދޭ ފިލްމެކެވެ.

އޭނާގެ މި އާދަޔާހިލާފު މަސައްކަތުގެ އަގު ވަޒަންކޮށް އިންޑިއާގެ ސަރުކާރުން ވަނީ މިދިޔަ އަހަރު ޕަދްމަ ޝްރީ އެވޯޑް ވެސް ދީފަ އެވެ.

އަރުނަޗަލަމް ހަޔާތުގެ މައްޗަށް ބަލްކީ ފިލްމެއް ޑައިރެކްޓް ކުރަން ނިންމީ، އަކްޝޭގެ އަންހެނުން އަދި ކުރީގެ ބަތަލާ ޓްވިންކަލް ކަންނާ ދާދި ފަހުން ނެރުނު ކުރު ވާހަކަ ފޮތް "ދަ ލެޖެންޑް އޮފް ލަކްޝްމީ ޕްރަސާދް" ގައި ޕެޑްމޭންގެ ވާހަކަ ގެނެސް ދީފައިވާތީ އުފެދުނު ޝައުގުވެރި ކަމެއްގެ ތެރެއިންނެވެ.

ފިލްމުގެ އެއް ޕްރޮޑިއުސަރަކީ ވެސް މިހާރު ލިޔުންތެރިއެއްގެ ގޮތުގައި މަޝްހޫރު ޓްވިންކަލް އެވެ.

މި ފިލްމުގައި އަކްޝޭއާ އެކު ބަތަލާއިންގެ ގޮތުގައި ރާދިކާ އަޕްޓޭ އާއި ސޯނަމް ކަޕޫރު ފެނިގެން ދާނެ އެވެ.

"ޕެޑްމޭން" އަކީ ބަލްކީގެ ފިލްމެއްގައި އަކްޝޭ މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.

ބަލްކީ އެންމެ ފަހުން ޑައިރެކްޓް ކުރީ މިދިޔަ އަހަރު ކަރީނާ ކަޕޫރާއި އަރުޖުން ކަޕޫރް ލީޑް ރޯލް ކުޅުނު "ކީ އެންޑް ކާ" އެވެ. އެ ފިލްމުގައި ވެސް އަމީތާބްގެ ހާއްސަ ފެނިލުމެއް ހިމަނާފައިވެ އެވެ.

ބަލްކީގެ އެންމެ ފަހުން އަމީތާބް ލީޑަށް ލައިގެން ހެދީ 2015 ގައި ރިލީޒް ކުރި "ޝަމީތާބް" އެވެ. އޭގެ ކުރިން އަމީތާބް ވަނީ ބަލްކީގެ "ޕާ" އާއި "ޗީނިކުމް" ގައި ލީޑް ރޯލް ކުޅެފަ އެވެ. އަމީތާބަކީ، ބަލްކީ "ލަސްކީ މެސްކޮޓް" އެއްގެ ގޮތުގައި ބަލާ އެކްޓަރެކެވެ.

"ޕެޑްމޭން" މި އަހަރު ސްކްރީނަށް ގެންނަން ނިންމާފައި އޮތަސް އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.