16 ޖޫން 2016 - 15:21

ބޭރު ގައުމުތަކުގައި ހިނގާ ހަނގުރާމަތަކާއި ހަމަނުޖެހުންތަކުގައި ބައިވެރިވާން ރާއްޖެ އިން މިހާތަނަށް ދިޔަ ގިނަ މީހުންނަކީ ބޮޑެތި ކުށްތަކުގައި ހިމެނޭ މުޖުރިމުން ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އާދަމް މިއަދު ވިދާޅުވެއްޖެ އެވެ. އަދި މިހާތަނަށް ހަނގުރާމަ އަށް ދިޔަ މީހުންގެ އަދަދަކީ 49 ކަމަށް ވެސް ވިދާޅުވި އެވެ.

ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ ބޭރު ގައުމުތަކުގައި ހިނގާ ހަނގުރާމަތަކުގައި ދިވެހިން ބައިވެރިވެފައިވާ އަދަދު ދެނެގަތުން އުނދަގޫ ކަމަށެވެ. އެއީ، އެއްވެސް މީހަކު ފުރަތަމަ މާލެ އިން ފުރައިގެން ދަނީ ހަނގުރާމަ ހިނގާ ގައުމަށް ނުވާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރާއްޖެ އިން ހަނގުރާމަ އަށް ދަނީ ދީނީ ހަރުކަށި ވިސްނުމުގެ މީހުން އެކަންޏެއް ނޫން. ބޮޑެތި ކުށްކޮށްފައިވާ މުޖުރިމުންނާއި ދީނީ ހޭލުންތެރިކަން ނެތް މީހުންނާއި ސްކޫލް ނުނިންމައި ތިބެ ބޮޑެތިވާ މީހުން ވެސް ހިމެނޭ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
ރާއްޖެ އިން ހަނގުރާމަ އަށް ދިޔަ މީހުންގެ އަދަދަކީ 49 އެއް ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް ސީރިއާ އަށް ހަނގުރާމަ އަށް ދާ މީހުންނާ ގުޅޭ ގޮތުން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އެ އަދަދު 100 އަށް ވުރެ ގިނަ އެވެ. އަދި މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން ލަފާކުރާ ގޮތުގައި ހަނގުރާމަ އަށް ދިޔަ މީހުންގެ އަދަދު މިހާރު 200 އަށް އަރާނެ އެވެ.
ހަނގުރާމަ އަށް ދިޔައީ 49 މީހުން ކަމަށް ޑިފެންސް މިނިސްޓްރީން ނިންމީ ކޮން މައުލޫމާތުތަކެއްގެ މައްޗަށް ބުރަވެތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ އެ މައުލޫމާތު އެއްކުރީ ފުލުހުންނާއި ސިފައިންނާއި ކައުންޓަ ޓެރަރިޒަމް ސެންޓަރު ގުޅިގެން ކަމަށެވެ. އެކަމަކު އޭގެ ތެރޭގައި ހަނގުރާމަ އަށް ދިޔަ ކުޑަކުދިންގެ އަދަދާއި ހަނގުރާމަ އަށް ކަމަށް ބުނެ އެހެން ގައުމުތަކުގައި ތިބި މީހުންގެ އަދަދު ނުހިމެނޭނެ ކަމަށް ވިދާޅުވި އެވެ.
"މިއީ ދިވެހި ސަރުކާރުން މިއަދުގެ ނިޔަލަށް ގަބޫލުކުރާ އަދަދު. ކޮންމެ މަހަކު އެއް ފަހަރު މިއަދަދު ރިވިއުކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ހަނގުރާމަ އަށް ދިޔަ އަދަދު ބައެއް މީހުން އޮޅުވާލަމުން ދަނީ ނާޖާއިޒު ބޭނުމެއްގަ އެވެ. އެއީ ސީރިއަސް މައްސަލައެއް ކަމަށް ވިދާޅުވެ، އެ މައުލޫމާތު ކުރިއަށް އޮތް ތަނުގައި ސާފުކޮށް، އެއީ ސައްހަ މައުލޫމާތަކަށް ނުވާ ނަމަ، އަދަދުތައް ހާމަކުރި ފަރާތާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ސީރިއާގައި ކުރަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވާ ދިވެހިންގެ އަދަދު ގިނަވެ، އެ މީހުން ފޮނުވާ ބަޔަކު ރާއްޖޭގައި ތިބި ކަމަށް ތުހުމަތުކުރެ އެވެ.
މިނިސްޓަރު ވިދާޅުވީ "ހަނގުރާމަ އަށް ބޭރަށް މީހުން ފޮނުވާ ޖަމާއަތެއް ރާއްޖެއަކު ނެތް" ކަމަށެވެ. ވަކިވަކި މީހުންނަށް އެ ތުހުމަތުކުރެވޭ ކަމަށް އެއްބަސްވެވަޑައިގެން، އެކަން ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު، އާދަމް ޝަރީފް ވިދާޅުވި ގޮތުގައި، މިހާތަނަށް އެކަމުގައި އުޅޭ އެއްވެސް މީހަކު ދެނެގަނެވިފައެއް ނުވެ އެވެ.
މިނިސްޓަރު ވިދާޅުވީ ދީނީ ހަރުކަށި ވިސްނުމުގެ ސަބަބުން ރާއްޖޭގައި ހިނގާފައި ވަނީ އއ. ހިމަންދޫ ހާދިސާ އާއި ސަލްޓަން ޕާކްގައި އެއްޗެއް ގޮއްވާލުމުގެ ހާދިސާ ފަދަ ވަރަށް މަދު ހާދިސާއެއް ކަމަށެވެ.
ބޭރުގައި ހިނގާ ބައެއް ހަނގުރާމަތަކުގައި ދިވެހިން ބައިވެރިވުމަކީ އަދި ބައިވެރިވާން އުޅުމަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ޖިނާއީ ކުށެކެވެ.
ހަނގުރާމަ އަށް ދިއުން ހުއްޓުވަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.