އާސެނަލް އަށް ބަދަލުވާން ބޭނުންވާކަން ބްރެޒިލް
މިޑްފީލްޑަރު ބްރޫނޯ ގީމަރޭސް އޭނާ މިހާރު ކުޅެމުން އަންނަ ނިއުކާސަލް ޔުނައިޓެޑަށް
އަންގައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އިނގިރޭސި ޗެމްޕިއަން އާސެނަލުން ވަނީ ގީމަރޭސް
ގަތުމަށް މިދިޔަ ޖޫން މަގު ނިއުކާސަލް އަށް 60 މިލިއަން ޕައުންޑާ ގާތްކުރާ
އަދަދެއްގެ އޮފާއެއް އަނގަ ބަހުން ހުށަހަޅައިފަ އެވެ. އެކަމަކު ނިއުކާސަލް އިން އެ
އޮފާއަށް އެއްބަހެއް ނުވި އެވެ. އަދި އޭނާ ވިއްކަން ބޭނުންނުވާ ކަމަށް ވެސް ވަނީ
ބުނެފަ އެވެ.

ނިއުކާސަލް އިން ވަނީ އެ ޓީމުގެ ދެ މިޑްފީލްޑަރުން
ކަމަށްވާ އިޓަލީގެ ސަންދްރޯ ޓޮނާލީ އާއި އިންގްލެންޑުގެ އެންތަން ގޯޑަން
ވިއްކާލައިފަ އެވެ. އެހެންވެ އިތުރު މުހިއްމު ކުޅުންތެރިޔަކު ވިއްކާލަން އެ
ކްލަބަށް އުނދަގޫވާނެ އެވެ.

އެހެންވިޔަސް ބެލެވޭ ގޮތުގައި ކްލަބް ދޫކޮށްލަން
ގީމަރޭސް ބޭނުންވާކަން ހާމަކުރުމާ އެކު ނިއުކާސަލް އަށް އޭނާ ވިއްކާލަން މަޖުބޫރުވާނެ
އެވެ. އެކަމަކު އާސެނަލުން އަދި ރަސްމީކޮށް ނިއުކާސަލްއާ މަޝްވަރާއެއް ނުކުރެ
އެވެ.

އުމުރުން 28 އަހަރުގެ ގީމަރޭސް ވަނީ ވޯލްޑް ކަޕުގެ
ގަދަ 16 ޓީމުގެ ބުރުން ކެޓި ބްރެޒިލަށް މުބާރާތުގެ ހުރިހާ މެޗެއްގައި ކުޅެދީ ހަތަރު
ގޯލު ޖަހަން އެސިސްޓްކޮށްދީފަ އެވެ. އެކަމަކު ނޯވޭ އަތުން 2-1 އިން ބަލިވި
މެޗުގައި އޭނާ އަތުން ޕެނަލްޓީއެއް ބޭކާރުވި އެވެ.

ފްރާންސްގެ އޮލިމްޕިކް ލިޔޯން އިން 2022 ވަނަ
އަހަރު ނިއުކާސަލްއާ ގުޅުނު ގީމަރޭސް ވަނީ އެ ޓީމަށް ޕްރިމިއާ ލީގުގައި 153 މެޗު
ކުޅެދީ 30 ގޯލް ޖަހައިދީ، 26 އެސިސްޓްކޮށްދީފަ އެވެ.