ޔުނިވާސަލް ފައުންޑޭޝަނާއި ވިލާ ކޮލެޖް ގުޅިގެން ޓޫރިޒަމް ދާއިރާއަށް މީހުން ތަމްރީނުކުރުމުގެ ގޮތުން ކުރިއަށް ގެންދާ "ޑިސްކަވާ ހޮސްޕިޓަލިޓީ" ޕްރޮގުރާމުގެ ދަށުން ހޮސްޕިޓަލިޓީ ދާއިރާއިން ސެޓްފިކެޓް ލެވެލް 3 ފުރިހަމަކުރި ހަތް ވަނަ ބެޗާއި އެ ޕްރޮގުރާމުގެ ދަށުން ކުރިއަށް ގެންދިޔަ ކަލިނަރީ އާޓްސް އިން ސެޓްފިކެޓް ލެވެލް 3 ފުރިހަމަކުރި ދެ ވަނަ ބެޗުގެ ދަރިވަރުންގެ ދަސްވެނިވުން ބާއްވައިފި އެވެ. 

އެ ރަސްމިއްޔާތުގައި ހޮސްޕިޓަލިޓީ ކޯސް
ފުރިހަމަކުރި 18 ދަރިވަރުންނާއި، ކަލިނަރީ އާޓްސް ކޯސް ފުރިހަމަކުރި 6
ދަރިވަރުންނަށް ވަނީ ސެޓްފިކެޓު ދީފަ އެވެ. އެ ރަސްމިއްޔާތުގައި، މިއަހަރު ފަށާ ހޮސްޕިޓަލިޓީ ކޯހުގެ 8
ވަނަ ބެޗާއި ކަލިނަރީ އާޓްސް ކޯހުގެ 3 ވަނަ ބެޗު ވަނީ އިފްތިތާހުކޮށްފަ އެވެ. އަދި ހޮސްޕިޓަލިޓީ ކޯހުގެ 8 ވަނަ ބެޗާ ގުޅުނު 20 ދަރިވަރުންނާއި ކަލިނަރީ އާޓްސް ކޯހުގައި ބައިވެރިވާ 10 ދަރިވަރުންނަށް ސްޕޮންސަޝިޕް ލިޔުން ވަނީ ހަވާލުކޮށްފަ އެވެ. 

'ޑިސްކަވާ ހޮސްޕިޓަލިޓީ'ގެ ޕްރޮގުރާމު ފުރިހަމަކުރި ދަރިވަރަކަށް ސެޓްފިކެޓް ދެނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

'ޑިސްކަވާ ހޮސްޕިޓަލިޓީ'ގެ ޕްރޮގުރާމު ފުރިހަމަކުރި ދަރިވަރަކަށް ސެޓްފިކެޓް ދެނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އެ ރަސްމިއްޔާތުގައި ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ ހާއްސަ ޕެނަލް ޑިސްކަޝަނެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ބަރޮސް މޯލްޑިވްސްގެ ހިއުމަން
ރިސޯސަސް މެނޭޖަރު އަލީ އަހުސަން މޮޑަރޭޓް ކޮށްދެއްވި އެ ޕެނަލްގައި
ބައިވެރިވެވަޑައިގަތީ، ވެލައްސަރު މޯލްޑިވްސްގެ އެޗްއާރް އެގްޒެކެޓިވް ޒާނާ
ޒިޔާދާއި، ކުރުނބާ މޯލްޑިވްސްގެ ފުޑް އެންޑް ބެވަރޭޖް ހޮސްޓެސް ފާތުމަތު ލަޔާގެ
އިތުރުން ހުވަފެންފުށި މޯލްޑިވްސްގެ ފްރަންޓް އޮފީސް މެނޭޖަރު މުހައްމަދު ވިސާމެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ
ހުނަރުވެރި ދިވެހި ޒުވާނުން ބިނާކުރުމަށް 2017 ވަނަ އަހަރު ފެށި
"ޑިސްކަވާ ހޮސްޕިޓަލިޓީ" ޕްރޮގްރާމަކީ ޔުނިވާސަލް ފައުންޑޭޝަނުން
ހުރިހާ ހަރަދެއް ކޮށްގެން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން ހިންގާ
ހޮސްޕިޓަލިޓީ ސެޓްފިކެޓް ލެވެލް 3 ކޯހުގައި ކިޔަވައިދެނީ ފަތުރުވެރިކަމުގެ
ދާއިރާގެ މައިގަނޑު ތިން ބައި ކަމުގައިވާ ފްރޮންޓް އޮފީހާއި، ހައުސްކީޕިން އަދި
ފުޑް އެންޑް ބެވަރޭޖް ސާވިސަސް އެވެ. އަދި 2024 ވަނަ އަހަރު އަލަށް ތައާރަފުކުރި
ކަލިނަރީ އާޓްސް ސެޓްފިކެޓް ލެވެލް 3 ކޯހުގައި، ފުޑް ސޭފްޓީ އާއި މެނޫ ޕްލޭނިން ފަދަ، ޕްރޮފެޝަނަލް ބަދިގެއެއްގައި މަސައްކަތްކުރުމަށް ބޭނުންވާ މުހިންމު
މައުލޫމާތާއި އަމަލީ ހުނަރުތައް ދަރިވަރުންނަށް ކިޔަވައިދެ އެވެ. 

'ޑިސްކަވާ ހޮސްޕިޓާލިޓީ'އާ އަލަށް ގުޅުނު ދަރިވަރެއް. -- ފޮޓޯ: ނިޝާން އަލީ | މިހާރު

'ޑިސްކަވާ ހޮސްޕިޓާލިޓީ'އާ އަލަށް ގުޅުނު ދަރިވަރެއް. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ވިލާ ކޮލެޖުން ބުނީ މިހާތަނަށް ހޮސްޕިޓަލިޓީ ކޯހުގެ 7
ބެޗަކުން 164 ދަރިވަރުން އަދި ކަލިނަރީ އާޓްސް ކޯހުގެ 2 ބެޗަކުން 15 ދަރިވަރުން
ވަނީ މި ޕްރޮގްރާމް ފުރިހަމަކޮށްފައި ކަމަށެވެ. އަދި އެ ޕްރޮގުރާމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ
އަހަރު މި ޕްރޮގްރާމްގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 65 ޕަސެންޓް ކުދިން
މިހާރު ތިބީ ވަޒީފާގައި ކަމަށް ވެސް އެ ކޮލެޖުން ބުންޏެވެ. އޭގެ ތެރެއިން ގިނަ ކުދިން ފަތުރުވެރިކަމުގެ ދާއިރާގައި
މަސައްކަތްކުރަމުން އަންނައިރު، 10 ޕަސެންޓް ކުދިން އަންނަނީ މަތީ ތައުލީމު ހާސިލުކުރަމުން ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.

ވިލާ ކޮލެޖާއި، ޔުނިވާސަލް ފައުންޑޭޝަން އަދި ވަސާ
ހޮސްޕިޓަލިޓީގެ މައިގަނޑު އަމާޒަކީ، މި ޕްރޮގްރާމް މެދުވެރިކޮށް ފަތުރުވެރިކަމުގެ
ސިނާއަތަށް ބޭނުންވާ ގާބިލު ދިވެހި ޒުވާނުން ބިނާކޮށް، އެފަރާތްތަކަށް ވަޒީފާގެ
ފަހި ފުރުސަތުތަކެއް ހޯދައިދިނުމެވެ.