މެކްސިކޯ ގައުމީ ފުޓްބޯޅަ ޓީމުގެ އާ
ކޯޗަކަށް އެ ޓީމާއި ބާސެލޯނާގެ ކުރީގެ ޑިފެންޑަރު ރަފައެލް މާކުއޭޒް
ހަމަޖައްސައިފި އެވެ.
މެކްސިކޯގެ ކޯޗުގެ މަގާމް ހުސްވީ ވޯލްޑް
ކަޕުގެ ގަދަ 32 ޓީމުގެ ބުރުން އިންގްލެންޑް އަތުން 3-2 އިން ބަލިވެ ކެޓުމުން
ހަވިއޭ އަގުއިރޭ އިސްތިއުފާ ދިނުމުންނެވެ. މާކުއޭޒް މިހާތަނަށް ހުރީ އަގުއިރޭގެ
ކޯޗިން ސްޓާފަކަށެވެ.
މެކްސިކޯ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ މާކުއޭޒްގެ
ޒިންމާއަކީ އަގުއިރޭ ފަށާފައިވާ ޕްރޮޖެކްޓް ކުރިއަށް ގެންދިއުން ކަމަށެވެ.
ފްރޭންކް ރައިކާޑާއި، ޕެޕް ގާޑިއޯލާގެ
ކޯޗުކަމުގެ ދަށުން ބާސެލޯނާގެ ރަން ދުވަސްވަރު އެ ޓީމަށް ކުޅެ ބޮޑެތި ކާމިޔާބީތަކެއް
ހޯދި މާކުއޭޒް މެކްސިކޯ ގައުމީ ޓީމަށް 147 މެޗު ކުޅެދީފަ އެވެ. ކުޅުން
ހުއްޓާލުމަށް ފަހު އޭނާ ވަނީ ބާސެލޯނާގެ ލަ މަސިއާ އެކަޑަމީގައި އެ ކްލަބުގެ ބީ
ޓީމުގެ ކޯޗުކަންކޮށްފަ އެވެ.
މެކްސިކޯގެ ކޯޗުކަން ތިން ފަހަރެއްގެ މަތިން
ކުރުމަށް ފަހު ވަކިވި އުމުރުން 67 އަހަރުގެ އަގުއިރޭ ދެން ބެލެވޭ ގޮތުގައި
ރިޓަޔާކުރާނީ އެވެ. މެކްސިކޯ އަށް ސަރަހައްދީ ތިން ތަށި ހޯދާފައިވާ އަގުއިރޭގެ
ކޯޗުކަމުގައި މި ފަހަރުގެ ވޯލްޑް ކަޕުގައި މެކްސިކޯ އަށް މޮޅު ކުޅުމެއް ދެއްކި
އެވެ.