ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި
މިރޭ ފްރާންސާ ދެކޮޅަށް ކުޅޭ މުހިއްމު މެޗުގައި މޮރޮކޯގެ ފޯވާޑް އިސްމާއީލް
ސައިބާރީ އަށް އަނިޔާގެ ސަބަބުން ނުކުޅެވޭނެ ކަމަށް ކޯޗު މުހައްމަދު އުއާބީ ބުނެފި
އެވެ.
ސައިބާރީގެ ފަލަމަސްގަނޑަށް އަނިޔާވީ
ގަދަ 16 ޓީމުގެ ބުރުގައި ކެނެޑާ އަތުން 3-0 އިން މޮޅުވި މެޗުގެ ފުރަތަމަ ހާފުގަ
އެވެ. އޭރު ބެލެވިފައި އޮތީ ކުއާޓާ ފައިނަލަށް ފިޓުވާނެ ކަމަށެވެ.
އެކަމަކު އިއްޔެ އޮތް ނޫސްވެރިންގެ
ބައްދަލުވުމުގައި ކޯޗު ބުނީ ސައިބާރީ ފިޓުނޫން ކަމަށެވެ.
"އޭނާ ނޫން އެހެން އެންމެން
100 ޕަސެންޓް ފިޓުކޮށް ތިބީ،" އުއާބީ ބުންޏެވެ.
"މި މެޗު ތަންކޮޅެއް
އަވަހަށް މިއައީ. އަހަރެން އުއްމީދުކުރަނީ އޭނާ އަށް އަދި މުބާރާތުގައި ކުޅެވޭނެ
ކަމަށް."
މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ތިން
މެޗުގައި ވެސް ގޯލު ޖެހި ސައިބާރީ އަކީ މުބާރާތުގައި އެންމެ މޮޅު ކުޅުމެއް
ދައްކަމުން އައި ކުޅުންތެރިޔާ އެވެ. ނެދަލެންޑްސްގެ ޕީއެސްވީ އިން ޖަރުމަނުގެ
ބެޔާން މިއުނިކަށް ދާދި ފަހުން 57 މިލިއަން ޑޮލަރަށް ބަދަލުވި ފޯވާޑް ނެތުމަކީ މޮރޮކޯ
އަށް ކުރިމަތިވާނެ މައްސަލައެކެވެ. އެކަމަކު އޭނާގެ ބަދަލުގައި އެ މެޗުގައި އެރި
ސުފިއާން ރަހީމީ ގޯލެއް ޖަހާފައިވުމަކީ ކޯޗަށް އޮތް ހިތްހަމަޖެހުމެކެވެ.
މޮރޮކޯ އިން މިރޭގެ މެޗަށް ނުކުންނަނީ
އެންމެ ފަހުގެ ވޯލްޑް ކަޕުގެ ސެމީ ފައިނަލުން ފްރާންސް އަތުން 2-0 އިން ބަލިވި ބަލިވުމުގެ
ބަދަލުހިފުމަށެވެ. އެ ފަހަރު މޮރޮކޯ ސެމީގައި ކުޅުމަކީ އެފްރިކާގެ ގައުމަކުން
ވޯލްޑް ކަޕުގައި ހޯދި އެންމެ ބޮޑު ކާމިޔާބެވެ.
އުއާބީ ވަނީ މި ފަހަރު ކުއާޓާ
ފައިނަލަށް ދެވިފައިވާތީ މިއީ ވެސް މޮރޮކޯ އަށް ކާމިޔާބު މުބާރާތެއް ކަމަށް ބުނެވިދާނެ
ކަމަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ
އެވެ.
"އަހަރެމެން ބޭނުން މި
މެޗުން މޮޅުވާން. އެހެންވީމާ އަހަރެމެން މިހިސާބުން ކެޓިޔަސް އެއީ މައްސަލައެއް
ނޫނޭ ބުނާ މީހުންގެ ވާހަކަތަކަށް ދޭނީ ބީރު ކަންފަތެއް،" އޭނާ ބުންޏެވެ.
އުއާބީ ބުނީ ފްރާންސަކީ
ފޭވަރިޓުން ކަމަށާއި އެކަމަކު މޮރޮކޯ އަށް ވެސް މި ފެންވަރުގައި ވާދަކުރެވޭނެކަން
ސާބިތުކޮށްދޭން ބޭނުންވާ ކަމަށެވެ.
"ޓީމާ މެދު ފުރިހަމަ
އިތުބާރާއި، ޔަގީންކަން އެބައޮތް،" އޭނާ ބުންޏެވެ.