16 އެޕްރީލް 2017 - 14:52

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ އޮފީސް ހިންގާ ވިލާ ބިންޑިންގް ފުލުހުން ބަލައި ފާސްކުރި ނަމަވެސް، ފުލުހުން ތުހުމަތުކުރާ އެއްވެސް އެއްޗެއް ނުފެންނަ ކަމަށާއި އެކަމުގެ ލިޔުން ވެސް ފުލުހުން ދެއްވާފައިވާ ކަމަށް އޭނާ ދެންމެ ވިދާޅުވެއްޖެ އެވެ.

ވިލާ ބިންޑްގް ދެ ގަޑިއެއްހާއިރު ވަންދެން ފާސްކުރުމަށް ފަހު، ފުލުހުން އެނބުރި ދިއުމުން ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ "އަޅުގަނޑުމެން ނުކުރާ ކަމެއް" ނުވަތަ "ނެތް އެއްޗެއް" ކިތަންމެ ފަހަރަކު ބެލިޔަސް ނުފެންނާނެ ކަމަށެވެ.

"އެ ބޭފުޅުން [ފުލުހުން] ވަރަށް ރަނގަޅަށް ބެއްލެވި. އެ ތުހުމަތު ކުރައްވާ އެއްވެސް ބާވަތެއް އެއްޗެއް، ކަމެއް ފެންނަން ނުހުންނާނެތާ ނެތް އެއްޗެއް. [ތުހުމަތުކުރާ އެއްޗެއް] ފެނިވަޑައިނުގެންނެވި ކަމަށް ވިދާޅުވެ ލިޔުމެއް ދެއްވާފައި ވަޑައިގަތީ،" ވިލާ ބިންޑިންގް ކުރިމަތީގައި ހުންނަވައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުުން މާމިގިލީ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.

ވިލާ ބިންޑިންގް އިތުރުން ގާސިމްގެ ގެ މ. މާފަންނުވިލާ ފާސްކުރުމަށް ވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެއް ގަޑިއެއްގައި ވަނެވެ. އެކަމަކު ގާސިމްގެ ވަކީލު ވިދާޅުވެފައި ވަނީ ފުލުހުން ތުހުމަތުކުރާ އެއްޗެއް މާފަންނުވިލާ އިން ވެސް ނުފެންނަ ކަމަށެވެ. އަދި އެކަމުގެ ލިޔުން ވެސް ފުލުހުން ދިން ކަމަށް އޭނާ ވިދާޅުވި އެވެ.
ގާސިމްގެ ގެ އަށާއި އޮފީހަށް ފުލުހުން ވަދެ މި ފާސްކުރީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅޭ ކަމުގެ ތުހުމަތުގަ އެވެ.
ގާސިމްގެ ފޯނު ވެސް ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ފުލުހުން ވަނީ މިއަދު ހިފަހައްޓައިފަ އެވެ.
މާފަންނުވިލާ އިން ފުލުހުން ދިއުމާ އެކު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވަކީލު ހިސާން ވިދާޅުުވީ ތުހުމަތު ކުރާ މައްސަލަތަކާ ބެހޭ އެއްވެސް އެއްޗެއް ނުފެންނަ ކަމަށް އެ ފުލުހުން ބުނެފައިވާ ކަމަށެވެ.
ފުލުހުން ދިއުމުން ބޭރަށް ނުކުމެވަޑައިގެން، އެތަނުގައި އެއްވެ ތިބި އާންމުންނަށް ގާސިމް ވިދާޅުވީ އޭނާގެ ގެކޮޅު ފާސްކޮށް މިހާރު ނިމިފައިވާ ކަމަށެވެ. އެހެންކަމުން އެހިސާބުން އާންމުން ދިއުމަށް އެދިވަޑައިގަތެވެ.
ގާސިމްގެ ތަންތަން ފާސްކުރުމަކީ ސަރުކާރުން "ކުރާ ޖެއްސުމެއް" ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާސިމްގެ ގެކޮޅާއި އޮފީސްތައް ފާސްކުރުމަކީ ބަލައިގެންނެވޭނެ ކަމެއް ނޫން ކަމަށެވެ.
"ގާނޫނާ ޚިލާފު، ސިޔާސީ މި ޖެއްސުންކުރުން ރައީސް ޔާމީން މައިތިރިކުރަން ޖެހޭނެ އެވެ،" ނަޝީދު ވިދާޅުވި އެވެ.
ގާސިމްގެ މަސްލަހަތު އޮންނަ ތަންތަނަށް ފުލުހުން މި ވަނީ އޭނާގެ މައްޗަށް އިއްވި ދައުވާތަކުގެ ޝަރީއަަތް ކުރިއަށް ދަނިކޮށެވެ. އެކަމަކު މި މަހު 6 ގައި، ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށް، އިތުރު ހަ ދުވަހަށް ބަންދުގެ މުއްދަތު އިތުރުކުރި ފަހުން ކްރިމިނަލް ކޯޓުގެ އަމުރު، ހައި ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.
ކުށުގެ ވެށިން ނޫން ގޮތަކަށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކު ހައްޔަރުކުރެވޭނީ އެކަމަށް ޕްރޮސެކިއުޓަ ޖެނެރަލް އެދިގެން ކޯޓަކުން ހޯދާ އަމުރަކުންނެވެ. އެކަމަކު ގާސިމް ހައްޔަރުކުރުމުގެ އަމުރު ފުލުހުން ހޯދީ ކްރިމިނަލް ކޯޓަށް ފުލުހުންގެ ފަރާތުން ހުށަހަޅައިގެންނެވެ. އެހެންކަމުން ހައި ކޯޓުން ނިންމީ އެއީ ގާނޫނާ ޚިލާފު އަމުރެއް ކަމަށެވެ.