ޒަމާނީ ފެންވަރަށް މިހާރު ހަދަމުން އަންނަ މާލޭގެ ބޮޑުތަކުރުފާނު މަގުގެ އެއްބައިގައި ތާރު އަޅައިފި އެވެ. 

ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ބަންދުކޮށް، އެ މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފެށީ މިދިޔަ މާޗު މަހުގެ 23 ގަ އެވެ.

އެމްޓީސީސީގެ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ ހެންވޭރު ޓާމިނަލުން ފެށިގެން ފޮރިން މިނިސްޓްރީއާ ހަމައަށް ރޭ ދަންވަރު ތާރު އަޅައި ނިންމާފައިވާ ކަމަށެވެ. އަދި ފޮރިން މިނިސްޓްރީން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ތާރު އެޅުމުގެ މަސައްކަތް އަންނަ ހަފުތާ ނިމުމާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ބެލެވޭ ގޮތުގައި އެ މަގު އާންމުންނަށް ހުޅުވާލާނީ ފޮރިން މިނިސްޓްރީން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ތާރު އަޅައި ނިމުމުންނެވެ. 

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ "މިހާރު" އަށް ކުރިން ވިދާޅުވީ އެ މަގުގެ މަސައްކަތް އެއްކޮށް ނިންމައި މި މަހުގެ 26 ގެ ކުރިން އާންމުންނަށް ހުޅުވާލާނެ ކަމަށެވެ. 

ގިނަ އަދަދެއްގެ މިނިސްޓްރީތަކާއި އޮފީސްތައް ވެސް ހިންގަމުން އަންނަ އެ ސަރަހައްދުގައި ގާ އަޅާފައި އޮތްއިރު މަގު އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އަޑިގުޑުންތައް ވެސް ގިނަ އެ މަގުގައި ޕާކުކުރުމުގެ ދަތިކަން ވެސް އިންތިހާއަށް އޮތެވެ. 

ބޭރު މަގުގައި ތާރު އަޅާފައި.

ބޭރު މަގުގައި ތާރު އަޅާފައި.

އެތަން ތަރައްގީކޮށް ނިންމާއިރު ކުރިއެކޭ އެއްގޮތަށް މަގުގެ އެއް ފަޅީގައި ޕާކުކުރެވޭނެ ޖާގަ އާއި މަސްވެރިންގެ ޕާކު ސަރަަހައްދު ވެސް ހަދާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. 

ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ދަށުން ނޯތު ހާބަރުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް ތާރު އަޅައި އެ ތަން މިހާރު އަންނަނީ ބޭނުންކުރަމުންނެވެ. އެ މަގު ފުޅާކުރުމުގެ ސަބަބުން އެ ސަރަހައްދުގެ ތޮއްޖެހުމަށް ވަރަށް ބޮޑަށް ލުޔެއް ވަނީ ލިބިފަ އެވެ.

ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން ބޭރު މަގު ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު އެއީ 455 ދުވަސް ތެރޭ ނިންމަން ޖެހޭ މަޝްރޫއުއެކެވެ.