ތިން ވަނަ ދައުރަކަށް ކުރިމަތިލައްވަން މަރުޒޫގު ނިންމަވައިފި
ތިން ވަނަ ދައުރަކަށް ކުރިމަތިލައްވަން މަރުޒޫގު ނިންމަވައިފި

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ތިން ވަނަ ދައުރަކަށް ކުރިމަތިލައްވަން އަހުމަދު މަރުޒޫގު (މަރޭ) ނިންމަވައިފި އެވެ.

ތިން ވަނަ ދައުރަކަށް ކުރިމަތިލައްވަން މަރުޒޫގު ނިންމަވައިފި
ތިން ވަނަ ދައުރަކަށް ކުރިމަތިލައްވަން މަރުޒޫގު ނިންމަވައިފި

އެ ކޮމިޓީގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނެވި މަރުޒޫގު ވިދާޅުވީ އަންނަ މަހު ބާއްވާ އިންތިހާބުގައި އިތުރު ދައުރަކަށް ކުރިމަތިލާން ނިންމީ، އެ ބަޔެއްގެ ލަފާ އޭނާ ކުޅިވަރުގައި އަބަދުވެސް ހޯދާ ފަސް ފަރާތެއްގެ މަޝްވަރާގެ މަތިން ކަމަށެވެ.

އެއީ ހޭންޑްބޯޅަ އެސޯސިއޭޝަނުގެ ރައީސް އަހުމަދު އިސްމާއިލާއީ ބެޑްމިންޓަން އެސޯސިއޭޝަނުގެ ރައީސް މޫސާ ނާޝިދުގެ އިތުރުން ޓެނިހުގެ އިސް ބޭފުޅެއް ކަމަށްވާ ކެޕްޓަން މުހައްމަދު އަމީނުގެ އިތުރުން ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ކުރީގެ ރައީސް ސީވީޑް ލަތީފް އަދި އޮލިމްޕިކް ކޮމިޓީގެ ނައިބް ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އެވެ.

"މި ބޭފުޅުންނަކީ އަޅުގަނޑު ކުޅިވަރުގެ ހަޔާތުގައި މެންޓޯގެ ގޮތުގައި ބަލާ ފަރާތްތައް. އެ ބޭފުޅުންގެ ލަފާގެ މަތިން އެ ބޭފުޅުންގެ އެޕްރޫވަލްއާ އެކު އަޅުގަނޑު އަނެއްކާ ވެސް ކުރިމަތިލާން ނިންމީ،" މަރުޒޫގު ވިދާޅުވި އެވެ.

މީގެ އިތުރުން އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލާއި ނިއު ރޭޑިއަންޓުގެ ކުރީގެ ޗެއާމަން އިބްރާހިމް ނޫރައްދީންގެ ލަފާ އާއި މަޝްވަރާ ވެސް ހޯދި ކަމަށް މަރުޒޫގު ވިދާޅުވި އެވެ.

މަރުޒޫގު ވިދާޅުވީ މިދިޔަ ދެ ދައުރުގައި ވެސް އޮލިމްޕިކް ކޮމިޓީއަށް ކުރިމަތިލީ 10 މެމްބަރުންގެ ޓީމަކާ އެކު ކަމަށާއި މި ފަހަރު ވެސް ކުރިއަށްދާނީ އެ ޓީމާ އެކު ކަމަށެވެ.

"އަޅުގަނޑުމެން ޓީމެއްގެ ގޮތުގައި ގޮތުގައި މަސައްކަތްކުރާނީ. އެގޮތުން ކޮމިޓީގެ މަގާމްތަކަށް ކުރިމަތިލާނެ ފަރާތްތައް ނިންމާނީ އަޅުގަނޑުމެން ޓީމުގެ އެންމެން މަޝްވަރާކޮށްގެން،" މަރުޒޫގު ވިދާޅުވި އެވެ.

އޮލިމްޕިކް ކޮމިޓީގެ ރައީސްގެ މަގާމަށް އާ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާންކުރައްވާފައިވާ މުހައްމަދު ޝަވީދު އެ މަގާމަށް ގެންނައީ ވެސް އެ ޓީމުންނެވެ.

"އެ ބޭފުޅުން ޝަވީދަށް ކޮންވިންސްކޮށްދީގެން މިދިޔަ ދައުރުގައި ޝަވީދު އެ މަގާމަށް ކުރިމަތިލެއްވީ،" މަރުޒޫގު ވިދާޅުވި އެވެ.

މަރުޒޫގު ވިދާޅުވީ އޮލިމްޕިކް ކޮމިޓީގެ މިދިޔަ ދެ ދައުރުގައި ކާމިޔާބަކީ އެ ޓީމުގެ ވިސްނުމާއި ޕްލޭންތަކާއި ލަފާ ކަމަށެވެ.

"އަޅުގަނޑު މޫނުމައްޗަށް ފެންނަން ހުއްޓަސް، މިއީ މި ޓީމުގެ މަސައްކަތް. މިދިޔަ އަށް އަހަރުގެ ކާމިޔާބީގެ ފަހަތުގައި އޮތީ އަޅުގަނޑުމެންގެ ޓީމް،" މަރުޒޫގު ވިދާޅުވި އެވެ.

މަރުޒޫގު ވިދާޅުވީ ރައީސް ނުވަތަ ނައިބް ރައީސްގެ މަގާމަށް ކުރިމަތިލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށާއި ބޭނުންވަނީ ދުވަހުން ދުވަހަށް މަސައްކަތުގައި ހުންނަވަން ކަމަށެވެ.

"އެފަދަ ހިޔާލެއް ނެތް. އަނެއްކާ އަޅުގަނޑުމެން ޓީމުގެ މެމްބަރުންގެ ލަފާއަކީ ވެސް އަޅުގަނޑު މި މަގާމުގައި، ކޮމިޓީ ހިންގަން ހުރުން،" މަރުޒޫގު ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި އެ މަގާމްތަކަށް އަންނަން މާ ގާބިލް ބޭފުޅުން."

އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ 2009 ވަނަ އަހަރު ހަވާލުވެ މަރުޒޫގު ކުރެއްވި އެންމެ މުހިއްމު އެއް މަސައްކަތަކީ އެތުލީޓުން ތަމްރީންކުރުމުގެ ޕްރޮގްރާމެވެ. ރާއްޖެ އަށް 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިދިން ހަސަން ސާއިދަކީ އޭގެ ތެރެއިން ލިބުނު ފުރުސަތުގެ ބޭނުން ހިފި އެތުލީޓެކެވެ. ގިނަ އަދަދެއްގެ އެތުލީޓުންނަށާއި ޓީމްތަކަށް ބޭރުން ތަމްރީނުގެ ފުރުސަތުތައް ހޯދައިދިނީ ސަރަހައްދީ ކުޅިވަރު މުބާރާތްތަކުގައި ރާއްޖޭގެ ހުރިހާ ކުޅިވަރަކަށް ކަހަލަ ގޮތަކަށް މިދިޔަ ދެ ދައުރުގައި އެ ކޮމިޓީން ފުރުސަތު ހޯދައިދިނެވެ.

އޮލިމްޕިކް ކޮމިޓީއާ ގުޅުމުގެ ކުރިން މަރުޒޫގު ވަނީ ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމް ފުރައިފަ އެވެ. ކުރީގެ މަޝްހޫރު ރެފްރީ އަދި ސ. ފޭދޫ ޑީއެންސީ ހިންގެވުމުގައި އިސްކޮށް އުޅުއްވި މަރްހޫމް ހުސެއިން ދީދީ (ޖޯޖް) ގެ ބޭފުޅެއް ކަމަށްވާ މަރުޒޫގު ވަނީ ފުޓްބޯޅަ ކެރިއަރުގައި ޔޫތޫ ގައުމީ ޓީމުތަކަށާއި ކްލަބް ވެލެންސިއާ އަދި އައިއެފްސީއަށް ކުޅެފަ އެވެ.