ވޯލްޑް ކަޕުގައި އެމެރިކާގެ
ފޯވާޑް ފޮލަރިން ބަލޯގަން އަށް ދެއްކި ރަތްކާޑާ ގުޅިގެން އޭނާ އަށް ލިބުނު އެއް
މެޗުގެ ސަސްޕެންޝަން ފަސްކުރަން ފީފާ އިން ނިންމުމުން، ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާ
(ޔުއެފާ) އިން އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
މުބާރާތުގެ ގަދަ 32 ޓީމުގެ
ބުރުގައި ބޮސްނިއާ-ހެރްޒެގޮވީނާ އަތުން 2-0 އިން އެމެރިކާ މޮޅުވި މެޗުގައި
ބަލޯގަން އަށް ރަތްކާޑު ދެއްކީ ބޫޓުގެ ދަށްފުށުން ނުރައްކާތެރި ޓެކުލެއް
ކުރުމުންނެވެ. އެ ކާޑާ ގުޅިގެން ގަދަ 16 ޓީމުގެ ބުރުގައި މިރޭ ބެލްޖިއަމްއާ
ދެކޮޅަށް ކުޅޭ މެޗަށް އޭނާ ހުރީ ސަސްޕެންޑްވެފަ އެވެ.
އެކަމަކު އެމެރިކާ އިން އެ
މައްސަލަ އިސްތިއުނާފުކުރުމުން ފީފާ އިން ވަނީ އޭނާގެ ސަސްޕެންޝަން ފަސްކޮށްފަ
އެވެ. އެގޮތުން މިހާރު ނިންމާފައި އޮތް ގޮތުން ނަމަ އެ ސަސްޕެންޝަނަށް އަމަލުކުރާނީ
ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި އެފަދަ ކުށެއް ތަކުރާރުކޮށްފި ނަމަ
އެވެ.
ފީފާ އިން ބުނީ މިއީ އެ
ޖަމިއްޔާގެ ޑިސިޕްލިނަރީ ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުން ނިންމި ނިންމުމެއް
ކަމަށެވެ. ނަމަވެސް އެ މާއްދާ އަށް ހަވާލާދިން ސަބަބެއް ހާމައެއް ނުކުރެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ފީފާ
އިން މިގޮތަށް ނިންމީ ކާޑުގެ މައްސަލަ އިސްތިއުނާފުކުރަން އެދިވަޑައިގެން އެމެރިކާގެ
ރައީސް ޑޮނާލްޑް ޓްރަމްޕް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ގުޅުއްވުމުންނެވެ.
ޔުއެފާ އިން މި މައްސަލައިގައި
ނެރުނު ބަޔާނެއްގައި ބުނީ، ފީފާގެ މި ނިންމުމަކީ ނުރައްކާތެރި ރޮނގެއް
ހުރަސްކުރުން ކަމަށާއި، ރަތްކާޑުގެ ސަބަބުން ލިބޭ ސަސްޕެންޝަނަކީ އޮޓޮމެޓިކުން
ލިބޭ އަދަބެއް ކަމުން އެއީ ބަދަލުކުރެވޭނެ ނުވަތަ ފަސްކުރެވޭނެ ކަމެއް ނޫން
ކަމަށެވެ.
"މިއީ
އެއްވެސް ޑިސިޕްލިނަރީ ކޮމިޓީއެއްގެ ރުހުން ހޯދައިގެން ދޭ އަދަބެއް ނޫން. ރަތްކާޑާ
އެކު އޮޓޮމެޓިކުން ލިބޭ އަދަބެއް،" ޔުއެފާގެ ބަޔާނުގައިވެ އެވެ.
ޔުއެފާ އިން ބުނީ ބޮޑު
މުބާރާތެއްގެ މެދުތެރެއިން ފީފާ އިން އުސޫލު ބަދަލުކުރުމަކީ، މުބާރާތުގައި ހަމަ
މިގޮތަށް ރަތްކާޑު ދައްކައިގެން ސަސްޕެންޝަނުގެ އަދަބު ތަންފީޒުކޮށްފައި ތިބި
ކުޅުންތެރިންނަށް ބޭއިންސާފެއް ކަމަށެވެ.
އެ ޖަމިއްޔާ އިން ބުނީ ދުނިޔޭގެ
އެންމެންގެ މަގުބޫލު ކުޅިވަރަކަށް ފުޓްބޯޅަ ވަނީ، މިއީ ހުރިހާ ތަނެއްގައި ވެސް
އެއް ގަވާއިދަކަށް، އެއް އުސޫލަކަށް ކުޅޭ ކުޅިވަރަކަށް ވާތީ ކަމަށާއި އެގޮތަށް
އަމަލުނުކުރެވޭ ނަމަ ފުޓްބޯޅަ އަށް އިޔާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބިދާނެ
ކަމަށެވެ.
މި މައްސަލަ ފެންމަތިވީ، ފީފާގެ
ރައީސް އިންފަންޓީނޯ ވަކި އަތަކަށް ޖެހިފައިވާ ކަމަށް ބުނެ ފާޑުކިއުން ބޮޑުވެފައި
އޮއްވަ އެވެ. އެގޮތުން ވޯލްޑް ކަޕަށް އެމެރިކާ އަށް ދިޔަ ސޯމާލިއާގެ ރެފްރީ އެ
ގައުމަށް އެތެރެވިޔަނުދިން މައްސަލަ ފީފާ އިން މާބޮޑު ކަމަކަށް ނެހެދުމުން ވެސް
ފާޑުކިއުން އަމާޒުވި އެވެ. ޔުއެފާ އިން ވަނީ އެ ރެފްރީ އަށް ޔުއެފާ ސުޕަ ކަޕުން
ފުރުސަތު ދީފަ އެވެ.
އިންފަންޓީނޯ ވަނީ ދާދި ފަހުން ޓްރަމްޕަށް
ޕީސް އެވޯޑް ދެއްވައިފަ އެވެ. މިއީ ސީދާ ޓްރަމްޕަށް އަމާޒުކޮށްގެން ފީފާ އިން
ތައާރަފުކުރި އެވޯޑެއް ކަމަށް ބުނެވެ އެވެ. ވޯލްޑް ކަޕަށް އެމެރިކާގައި ގާއިމްކުރި
ފީފާގެ ވަގުތީ އޮފީސް ހެދީ ވެސް ޓްރަމްޕުގެ އިމާރާތެއްގަ އެވެ.