ޔުވެންޓަސް އަށް ޕޮއިންޓުގެ ލީޑެއް ނަގައިފި
ޔުވެންޓަސް އަށް ޕޮއިންޓުގެ ލީޑެއް ނަގައިފި

ޕެސްކާރާ (އޭޕްރިލް 16) – ޕެސްކާރާ އަތުން 2-0 އިން މޮޅުވެ ޔުވެންޓަސް އިން އިޓާލިއަން ލީގުގެ އެއް ވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ޔުވެންޓަސް 80 ޕޮއިންޓް ހަމަކޮށްފައިވާއިރު ދެ ވަނައިގައި 72 ޕޮއިންޓާ އެކު އޮތް ރޯމާ ވަނީ ރޭ އެޓަލާންޓާއާ 1-1 އިން އެއްވަރުވެފަ އެވެ. ތިން ވަނައިގައި 70 ޕޮއިންޓާ އެކު އޮތީ ރޭ އުދިނޭޒީ އަތުން 3-0 އިން މޮޅުވި ނަޕޯލީ އެވެ.

ރަށުން ބޭރުގައި ޔުވެންޓަސް ކުޅުނު މެޗުގައި އެ ޓީމަށް ދެ ގޯލް ވެސް ޖަހައިދިނީ ގޮންޒާލޯ ހިގައިންނެވެ. ޗެމްޕިއަންސް ލީގުގައި މިދިޔަ ހަފުތާގައި ބާސެލޯނާ ކޮޅަށް ދެ ލަނޑު ޖެހި ޕައޮލޯ ޑީބަލާ އަށް ޕެސްކާރާގެ ސުލޭ މުންޓާރީ ކުރި ޓެކުލަކާ ގުޅިގެން، ދެ ވަނަ ހާފުގެ ކުރީކޮޅު ޑީބަލާ ވަނީ ބާލައިފަ އެވެ. ބެލެވޭ ގޮތުގައި އޭނާ ބޭލީ ބާސެލޯނާއާ ދެކޮޅަށް އަންގާރަ ދުވަހުގެރޭ ކުޅޭ ދެ ވަނަ ލެގު ބޯމަތީގައި އޮތުމުން ސީރިއަސް އަނިޔާއެއް ކުރިމަތިވުމުގެ ފުރުސަތު އޮތުމުންނެވެ.

ރޯމާގެ ދަނޑުގައި އެ ޓީމާއި އެޓަލާންޓާ ކުޅުނު މެޗުގެ 22 ވަނަ މިނެޓުގައި ކުރްޓިޗް ވަނީ އެޓަލާންޓާ އަށް ލީޑު ނަގައިދީފަ އެވެ. ރޯމާ އަށް އެއްވަރުކޮށްދިނީ 50 ވަނަ މިނެޓުގައި އެޑިން ޖެކޯ އެވެ. އުދިނޭޒީ އަތުން ނަޕޯލީ މޮޅުވިއިރު ލަނޑު ޖަހައިދިނީ ޑްރިއެސް މާޓިންސް އާއި އެލަން އަދި ހޯސޭ ކަލެޔޮން އެވެ.