އެންޖެލީނާ ޖޮލީ ފިލްމް ކުޅުން ހުއްޓާލަނީ
އެންޖެލީނާ ޖޮލީ ފިލްމް ކުޅުން ހުއްޓާލަނީ

ޓޮމްބް ރައިޑާ ފަދަ ކާމިޔާބު ފިލްމްތައް ކުޅެފައިވާ ހޮލީވުޑްގެ ބަތަލާ އެންޖެލީނާ ޖޮލީ ފިލްމް ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އޭނާގެ ގާތް ބައެއް މީހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފިލްމް ކުޅުން ހުއްޓައިލި ނަމަވެސް، ފިލްމީ މަސައްކަތްތަކާ 41 އަހަރުގެ ބަތަލާ ދުރެއް ނުވާނެ އެވެ.

އެކްޓިން އިން ރިޓަޔާ ކުރުމަށް ފަހު، އެންޖެލީނާ މިހާރު ބޭނުން ވަނީ ޑައިރެކްޝަނަށް ފޯކަސް ކުރަން ކަމަށްވެ އެވެ. އޭނާ މި ފަހުން ބޮޑަށް މަސައްކަތްކޮށްފައި ހުރީ ވެސް ފިލްމްތައް ޑައިރެކްޓް ކުރުމަށެވެ.

އެންޖެލީނާ އެންމެ ފަހުން ކުޅުނު ފިލްމަކީ 2014 ގައި ރިލީޒް ކުރި "މަލްފިޝަންޓް" އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމް ކުޅުން ހުއްޓާލަން އެންޖެލީނާ ނިންމި މައިގަނޑު އެއް ސަބަބަކީ އޭނާގެ ހަ ދަރިންނަށް ވަގުތު ހުސް ކުރުމުގެ އިތުރަށް، ކެމެރާގެ ފުރަގަހުގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން މިހާރު މާ ބޮޑު ކަމުންނެވެ.

އޮސްކާ އާއި ގޯލްޑެން ގްލޯބް ވެސް ހާސިލްކޮށްފައިވާ ބަތަލާ އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ މިދިޔަ ފެބްރުއަރީ މަހު ރިލީޒް ކުރި "ފަސްޓް ދޭ ކިލްޑް މައި ފާދާ" އެވެ.

"ގާލް، އިންޓަރެޕްޓެޑް" ފަދަ ފިލްމްތައް ކުޅެފައިވާ އެންޖެލީނާ ޑައިރެކްޓްކޮށްފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި ކުރީގެ ފިރިމީހާ ބްރެޑް ޕިޓާ އެކު ކުޅެފައިވާ ބައި ދަ ސީ (2015)، އަންބްރޯކެން (2014) އަދި އިން ދަ ލޭންޑް އޮފް ބްލަޑް އެންޑް ހަނީ (2011) ފާހަގަކޮށްލެވެ އެވެ.