16 ޖޫން 2016 - 14:34

ތެހެރާން (ޖޫން 16) - އީރާން ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތު އީރާނާއި އިނގިރޭސި ވިލާތުގެ ޕާސްޕޯޓް އޮންނަ ޗެރިޓީ މަސައްކަތްކުރާ އަންހެނެއްގެ މައްޗަށް ކޮށްފި އެވެ.

ލަންޑަންގައި ދިރިއުޅޭ ނަޒާނިން ޒަގާރީ-ރަޓްކްލިފް، 37، މިދިޔަ އެޕްރީލް މަހު ހައްޔަރުކުރީ އޭނާގެ ދެ އަހަރުގެ ދަރިފުޅާ އެކު އީރާނުގައި ތިބި ގާތްތިމާގެ މީހުން ކައިރިއަށް ޒިޔާރަތް ކުރުމުން ތެހެރާނުގެ އެއާޕޯޓުންނެވެ. އީރާނުގެ ރަސްމީ ނޫސް އެޖެންސީން ރިޕޯޓްކޮށްފައި ވަނީ އީރާން ސަރުކާރު ބަދަލު ކުރުމުގެ ވަރަށް ގިނަ ހަރަކާތްތަކުގައި އެ އަންހެން މީހާ ބައިވެރިވެފައިވާ ކަމަށް ރިވޮލިއުޝަނަރީ ގާޑުން ބުނެފައިވާ ކަމަށެވެ. އޭގެ ތެރޭގައި މީޑިއާ ކެމްޕޭންތަކާއި ސައިބާ ޕްލޮޓްތައް އީރާން ސަރުކާރާ ދެކޮޅަށް ޒަގާރީ ހިންގާފައިވާ ކަމަށް އިރްނާ ނިއުސް އެޖެންސީން ބުންޏެވެ.
އިނގިރޭސި ފޮރިން އޮފީހުން ބުނީ އެ އަންހެން މީހާއާ ބެހޭ މައުލޫމާތު ހޯދަމުންދާ ކަމަށެވެ. އަދި ޒަގާރީގެ އާއިލާއާ ބައްދަލުކޮށް އޭނާ މިނިވަން ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ވެސް ފޮރިން އޮފީހުން ބުނެފައިވެ އެވެ.
ޒަގާރީ އީރާނަށް ދަތުރުކުރީ ވެސް އީރާން ޕާސްޕޯޓުގަ އެވެ. ތެހެރާނުގެ އިމާމް ޚުމައިނީ އެއާޕޯޓުން އޭނާ ހައްޔަރުކުރީ އެޕްރީލް 3 ވަނަ ދުވަހު އެވެ. އޭނާގެ ދެ އަހަރުގެ ދަރިފުޅު ވަނީ އީރާނުގައި ދިރިއުޅޭ ޒަގާރީގެ މައިން ބަފައިންނާ ހަވާލުކޮށްފަ އެވެ. ޒަގާރީ މިހާރު ހުރީ ތެހެރާނުގެ ޖަލެއްގަ އެވެ. ޒަގާރީ މަސައްކަތް ކުރަނީ ލަންޑަނުގައި ހިންގާ ތޮމްސަން ރޮއިޓާސް ފައުންޑޭޝަނުގަ އެވެ.
ޒަގާރީގެ ފިރިމީހާ ރިޗަޑް ރެޓްކްލިފް މިހާރު ދަނީ އީރާނަށް ޒިޔާރަތް ކުރުމަށް ވިސާ ހޯދަން މަސައްކަތް ކުރަމުންނެވެ. އަދި އޭނާ ދަނީ ޒަގާރީ އަނބުރާ އިނގިރޭސިވިލާތަށް ގެނައުމަށް ކެމްޕޭން ވެސް ކުރަމުންނެވެ. ރިޗަޑް ބުނީ ޒުވާން މަންމައަކާއި ދެ އަހަރުގެ ކުޑަ ކުއްޖަކީ އީރާން ސަރުކާރަށް ބިރަކަށް ވާން ޖެހޭ ސަބަބެއް ނޭނގޭ ކަމަށެވެ.