ނިއު ޔޯކް ސިޓީ (ޖުލައި 1) - ސްވިޑެން އަށް މާ ބޮޑު ފުރުސަތެއް ނުދީ 3-0 އިން މޮޅު ވެގެން ފްރާންސް، ފީފާ ވޯލްޑް ކަޕްގެ ގަދަ 16 އަށް ދަތުރު ކޮށްފި އެވެ.

ނޮކައުޓް ބުރުގެ ފުރަތަމަ ބުރުގެ މެޗުގައި ރޭ ފްރާންސް ފުރަތަމަ ހާފު ނިންމާލީ ހާފުގެ ފަހު މިނިޓުގައި އުސްމާން ޑެމްބެލޭ ދިން ބޯޅައެއް ހިފައިގެން ކުރިއަށް ޖެހިލައި ކިލިއަން އެމްބާޕޭ ޖަހައިދިން ގޯލުންނެވެ.

މީގެ ކުރިން ވެސް މި ހާފުގައި އެ ޓީމަށް ލަނޑު ޖަހާނޭ ގިނަ ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން އެމްބާޕޭ އާއި ބްރެޑީ ބާކޮލާ އާއި މައިކަލް އޮލީސޭ އަދި ޑެމްބެލޭ އަދި އެޑްރިއެން ރަބޮއޯގެ ހަމަލާތައް ވަނީ ނާކާމިޔާބު ވެފަ އެވެ. އެމްބާޕޭ ފޮނުވާލި ހަމަލާއެއް ގޯލުގެ އަރިމަތީ ދަނޑިއަށް ވެސް އަމާޒު ވެފައިވެ އެވެ. އަދި ފަހުން އޮލީސޭ ފޮނުވާލި އޯވާހެޑް ކިކް ވެސް ގޯލުގެ އަރިމަތީ ދަނޑީގައި ޖެހުނު އިރު ރީބައުންސް ބޯޅަ ޑެމްބެލޭ ފޮނުވާލުމުން ދިޔައީ ގޯލުގެ ކަނާ ދިމާލުން ބޭރަށެވެ.

ދެވަނަ ހާފުގައި ފްރާންސްގެ ލީޑު ފުޅާ ކުރީ 53 ވަނަ މިނިޓުގައި ބާކޮލާ ޖަހައިދިން ގޯލުންނެވެ. އަދި އެމްބާޕޭ ވަނީ 74 ވަނަ މިނިޓުގައި ފްރާޏްސްގެ ތިންވަނަ ލަނޑު ޖަހައިދީފަ އެވެ. ދެ ގޯލު ވެސް އެސިސްޓް ކޮށްދިނީ އޮލީސޭ އެވެ.

އެމްބާޕޭ މި ވަނީ މި މުބާރާތުގައި މިހާތަނަށް ޖުމްލަ ހަ ލަނޑު ހަމަކޮށް އާޖެންޓީނާގެ ލިއޮނެލް މެސީއާ އެއްވަރު ކޮށްފަ އެވެ.

ހަމަ އެއާ އެކު އެމްބާޕޭ މި ވަނީ ފީފާ ވޯލްޑް ކަޕްގައި އޭނާ މިހާތަނަށް ކުޅުނު ޖުމްލަ 18 މެޗުން 18 ގޯލު ކާމިޔާބު ކޮށް، 29 މެޗުން 19 ގޯލު ޖަހައިގެން ލިސްޓުގެ ކުރީގައި އޮތް މެސީއާ އޮތް ފަރަގު އެއް ގޯލަށް ކުޑަ ކޮށްފަ އެވެ.

މުބާރާތުގެ ގަދަ 16 ގައި ފްރާންސް ވާދަ ކުރާނީ ޖަރުމަން ކަޓުވާލި ޕެރަގުއޭއާ ދެކޮޅަށެވެ.