15 އެޕްރީލް 2017 - 23:46

މިލާން (އެޕްރީލް 15) - ދުނިޔޭގައި ހުރި އެންމެ ދުވަސްވީ މީހާ އުމުރުން 117 އަހަރުގައި މަރުވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިޓަލީގައި އެއްމާ މޮރާނޯ އުފަންވެފައި ވަނީ ނޮވެމްބަރު 29، 1899 ގަ އެވެ. އޭނާ އަކީ 1800 ގެ އަހަރުތަކުގައި އުފަންވި މީހުންގެ ތެރޭން ދުނިޔޭގައި ހުރި ހަމައެކަނި މީހާ ވެސް މެ އެވެ. އޭނާ ދުނިޔޭގައި އެހާ ގިނަ ދުވަހު ހުރި ސަބަބެއް ކަމަށް ބުނެފައި ވަނީ ދުވާލަކު ތިން ބިސް ކެއުމެވެ. މި އާދަ އޭނާ ވަނީ 90 އަހަރު ދަމަހައްޓައިފަ އެވެ.
މޮރާނޯގެ އާއިލާގެ އެހެން މީހުންގެ ވެސް އުމުރު ވަރަށް ދިގެވެ. އޭނާގެ މަންމަ މަރުވީ 91 އަހަރުގަ އެވެ. އަދި އޭނާގެ ބައެއް ކޮއްކޮމެން ވަނީ ގަރުނެއް ވަންދެން ދުނިޔޭގައި އުޅެފަ އެވެ.
މޮރާނޯގެ ކެއުން ދާދި ފަހުން ވަނީ ދުވާލަކު ދެ ބިހަށް ބަދަލުކޮށް އަަދި ބިސްކޯދު ކާން ފަށައިފަ އެވެ. މޮރާނޯ އަށް 27 އަހަރު ޚިދުމަތް ކުރި ޑޮކްޓަރު ބުނީ ތަރުކާރީ އާއި މޭވާ މޮރާނޯ ކަނީ ވަރަށް މަދުން ކަމަށެވެ. އަދި އޭނާ މޮރާނޯއާ ފުރަތަމަ ބައްދަލުވި އިރު ދުވާލަކު ތިން ބިސް ކާ ކަމަށެވެ. ކުޑަކޮށް ރޯ ފިލުވައިގެން ބިސް ހެނދުނު އަދި މެންދުރު ކަނީ ބިސްގަނޑެއް ކަމަށާއި ރޭގަނޑު ކަނީ ކުޅުނު ކަމަށް ޑޮކްޓަރު ބުންޏެވެ.
މޮރާނޯގެ 117 ވަނަ އުފަން ދުވަސް ފާހަގަ ކުރީ މިދިޔަ ނޮވެމްބަރު 29 ގަ އެވެ. އޭނާގެ އުފަން ދުވަހާ ދިމާކޮށް "ތިން ގަރުނު ދެކެފައިވާ އަންހެނާގެ" ނަމުގައި ބަޔޮގްރަފީއެއް ވަނީ ނެރެފަ އެވެ.