ވޯލްޑް ކަޕުން އިރާން ކަޓުމުން، އުފާފާޅުކުރުމުގެ ގޮތުން އޭނާ ލަވަކިޔަ ނެށިކަމަށް އެމެރިކާގެ ހޯމްލޭންޑް ސެކްރެޓަރީ ނުވަތަ ހޯމް މިނިސްޓަރު މާކްވޭން މަލިން ބުނެފި އެވެ.
ވޯލްޑް ކަޕްގެ ނޮކައުޓް ބުރަށް ނުދެވި އިރާން ކެޓީ ގުރޫޕް ސްޓޭޖްގެ ތިންވަނަ ހޯދި ޓީމުތަކުގެތެރެއިން ގަދަ އަށް ގައުމުގެތެރޭގައި ލައްވާ ނުލުމުންނެވެ.
އިރާނާ މެދު، އެމެރިކާގެ ސިޔާސީވެރިންގެ ހިތުގައި އަބަދުވެސް ނަފުރަތު އޮންނަކަމަށް މިޑިއާއިން ސިފަކުރެ އެވެ. އެކަން ފޮރުވާކަން މަލިން ބޭނުމެއް ނުވެ އެވެ.
ވޯލްޑް ކަޕާ ކުރިމަތިލި އިރު ވެސް އިރާން އާއި އެމެރިކާ އޮތީ ހަނގުރާމައެއްގެ ތެރޭގަ އެވެ. ހަނގުރާމަ ހުއްޓާލިކަމަށް އެއްބަސްވުމުގައި ސޮއި ކުރިނަމަވެސް މަސްރަހު ފިންޏެއް ނުވެ އެވެ.
ވޯލްޑް ކަޕްގައި އިރާންގެ ހުރިހާ މެޗެއް އެމެރިކާގެ ފަސްގަނޑުގައި ކުޅުނު ނަމަވެސް، އިރާނުގެ ޓީމު ކޭމްޕްކުރަން ޖެހުނީ އެމެރިކާއިން ބޭރުގަ އެވެ. މެކްސިކޯ އާއި އެމެރިކާ ގުޅޭ ބޯޑަރު ސަރަހައްދުގެ މެކްސިކޯފަޅީގައި ކޭމްޕް ކުރި އިރާން އެެމެރިކާއަށް ދަތުރު ކުރީ މެޗަށް އެކަންޏެވެ. މެޗު ނިންމާފައި އަނެއްކާ ފުރައިގެން މެކްސިކޯއަށެވެ.
އިރާނުގެ ޓީމަށް ފުރިހަމަ ވިސާ ދޭކަށް، އެމެރިކާގެ ސަރުކާރުން ބޭނުން ނުވީ އެވެ.
ވޯލްޑް ކަޕްގެ ސެކިއުރިޓީއާ ގުޅޭ ބްރީފިންގައި އިއްޔެ ވާހަކަދައްކަމުން މަލިން ބުނީ، އިރާން ކެޓުމުން ވަރަށް އުފާވެއްޖެ ކަމަށެވެ.
"އެ މީހުންގެ ކަންތައް ނިމި އެނބުރި ނާންނާނެތީ ހަމަ އުފާވަނީ. އެ މީހުންގެ ވިސާ ކެންސަލްކޮށް އެމެރިކާގެ ފަސްގަނޑުން ފުރައިގެން ދާން އެންގުނު ވަގުތު އަހަރެން ވަރަށް އުފާވި. އަދި އަހަރެން ލަވައެއް ކިޔައި ނަށައި ވެސްލިން ކަންނޭނގެ،" އޭނާ ބުންޏެވެ.
މުލިން ތުހުމަތުކުރި ގޮތުގައި ވޯލްޑް ކަޕަށް އިރާނުން އެކުލަވާލި ސްކޮޑްގެ ގާތްގަނޑަކަށް ދެބައިކުޅައެއްބަޔަކީ އެ ގައުމުގެ އެންމެ އިސް އަސަކަރީ ގޮފި، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އާ ސީދާ ގުޅުން އޮތް މީހުންނެވެ.
ނަމަވެސް އިރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ އެއީ އެއްވެސް ހެއްކެއް ނެތް މުޅިން ދޮގު ވާހަކައެއް ކަމަށެވެ.