"ފާސްޓް އެންޑް ފިއުރިއަސް 8" އަށް ބޮކްސް އޮފީހުގައި ވަރުގަދަ ފެށުމެއް
"ފާސްޓް އެންޑް ފިއުރިއަސް 8" އަށް ބޮކްސް އޮފީހުގައި ވަރުގަދަ ފެށުމެއް

މަޝްހޫރު ފްރެންޗައިޒް ފާސްޓް އެންޑް ފިއުރިއަސްގެ އަށް ވަނަ ފިލްމް "ފޭޓް އޮފް ދި ފިއުރިއަސްް" ރިލީޒް ކުރި ހަފުތާ ބަންދުގައި އެކަނި ވެސް ނޯތު އެެމެރިކާގެ ބޮކްސް އޮފީހުގައި 103.8 މިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކު، ފެށުން ރަނގަޅުކޮށްފި އެވެ.

ނޯތު އެމެރިކާގެ އިތުރުން ބައެއް އެހެން ކޮންޓިނެންޓަކުގައި ވެސް ފިލްމް ދައްކައިގެން މިހާތަނަށް ވަނީ ޖުމްލަ އާމްދަނީ 534.2 މިލިއަން ޑޮލަރަށް އަރައިފަ އެވެ. އެހެންވެ މި އަދަދަކީ ރެކޯޑަކަށް ވެދާނެ އެވެ.

މީގެ ކުރިން ރިލީޒް ކުރި ހަފުތާ ބަންދުގައި "ފޭޓް އޮދް ދަ ފިއުރިއަސް" އާ ގާތް ކުރާ އަދަދަށް އާމްދަނީ ލިބިފައި ވަނީ ސްޓާ ވޯސް: ދަ ފޯސް އެވޭކަންސް (529 މިލިއަން ޑޮލަރު)، ޖުރަސިކް ވޯލްޑް (524.9 މިލިއަން ޑޮލަރު) އަދި ދަ ހެރީ ޕޮޓާ އެންޑް ދަ ޑެތުލީ ހެލޯސް ޕާޓް 2 (483.2 މިލިއަން ޑޮލަރު) އަށެވެ.

ފިލްމަށް ލިބެމުން އަންނަ ތަރުހީބަށް ބަލާ އިރު، ބޮކްސް އޮފީހުގައި "ފޭޓް އޮފް ދި ފިއުރިއަސް" ވަރަށް ވަރުގަދަ ވިޔަފާރިއެއް ކުރާނެ ކަމަށް ބެލެވެ އެވެ. އަދި ފިލްމުގެ ވިޔަފާރި ބިލިއަން ޑޮލަރުން ޖާގަ ހޯދާނެ ކަމަށް ވެސް މިހާރު ވަނީ ބެލެވެން ފަށައިފަ އެވެ.

ޔުނިވާސަލް ޕިކްޗާސް އިން ޑިސްޓްރިބިއުޓް ކުރާ "ފޭޓް އޮފް ދަ ފިއުރިއަސް" ހަދަން ހަރަދުކޮށްފައި ވަނީ 250 މިލިއަން ޑޮލަރެވެ.

އެފް ގެރީ ގްރޭ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އޭ ލިސްޓް ގިނަ ތަރިންތަކެއް ފެނިގެންދާ ފިލްމެކެވެ. އޭގެ ތެރޭގައި ވިން ޑީޒަލް، ޑްވޭން ޖޯންސަން (ރޮކް)، ޗާލިޒް ތެރަން، ޖެސަން ސްޓެތަމް، ޓައިރީޒް ގިބްސަން، ކާޓް ރަސަލް އަދި ނަތަލީ އެމަނުއެލް ހިމެނެ އެވެ.