ފަހު ސިކުންތުގައި މިލާނުން އިންޓައާ އެއްވަރުކޮށްފި
ފަހު ސިކުންތުގައި މިލާނުން އިންޓައާ އެއްވަރުކޮށްފި

މިލާން (އޭޕްރިލް 15) – އިޓާލިއަން ލީގުގައި މިއަދު އިންޓަ މިލާން 2-1 އިން މޮޅުވާން ދަނިކޮށް ކްރިސްޓިއަން ޒަޕާޓާ ޖެހި ގޯލާ އެކު އޭސީ މިލާނުން މެޗުގެ ފަހު ސިކުންތުގައި 2-2 އިން އެއްވަރުކޮށްފި އެވެ.

މި ދެ ޓީމު މި ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުން 2-1 އިން މިލާން މޮޅުވާން ދަނިކޮށް އިންޓަ އިން އެއްވަރުކުރީ ހަމަ ފަހު ސިކުންތުގަ އެވެ.

އޭޝިއާ އަށް ފަސޭހަ ވަގުތަކާ ދިމާކުރުމުގެ ގޮތުން މި މެޗު ކުޅުނީ އިޓަލީ ގަޑިން މެންދުރު 12:30 ގަ އެވެ. މިއީ މިދިޔަ 31 އަހަރު މިލާން ހިންގި އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބާލުސްކޯނީ ޗައިނާގެ އިންވެސްޓަރަކަށް އެ ކްލަބް ވިއްކާލި ފަހުން ކުޅުނު ފުރަތަމަ މެޗެވެ. އަނެއްކޮޅުން މިދިޔަ އަހަރުން ފެށިގެން އިންޓަ ހިންގަނީ ވެސް ޗައިނާގެ ކުންފުންޏަކުންނެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި މިލާނުން ރަނގަޅަށް ކުޅެ ގިނަ ފުރުސަތުތަކެއް ހޯދި ނަމަވެސް ހާފުގެ ފަހުކޮޅު އިންޓަ އިން ވަނީ ކައުންޓާ އެޓޭކުގައި ދެ ގޯލް ޖަހައިފަ އެވެ. ފުރަތަމަ ލަނޑު 36 ވަނަ މިނެޓުގައި އެންޓޯނިއޯ ކަންޑްރޭވާ ޖެހިއިރު ދެ ވަނަ ގޯލް 44 ވަނަ މިނެޓުގައި ކާމިޔާބުކުރީ ކެޕްޓަން މައުރޯ އިކާޑީ އެވެ.

ދެ ވަނަ ހާފުގައި އިންޓަ ފަހަތަށް ޖެހިގެން ކުޅުނުއިރު މިލާނަށް އުއްމީދެއް ލިބުނީ 83 ވަނަ މިނެޓުގައި އަލެސިއޯ ރޮމަނޮލީ ޖެހި ގޯލުންނެވެ. މިލާނުން އެއްވަރުކުރީ ފަހު ސިކުންތުގައި ކޯނަރަކުން ހުރަސްވި ބޯޅައަކުން ޒަޕާޓާ ޖެހި ގޯލުންނެވެ. އޭނާ ފޮނުވާލި ބޯޅަ މަތީ ދަނޑީގެ އެތެރެ ފުށުގައި ޖެހިފައި ނުކުތް ނަމަވެސް ގޯލް-ލައިން ޓެކްނޮލޮޖީގެ އެހީގައި ރެފްރީ ވަނީ އެ ބޯޅަ ގޯލު ރޮނގު ހުރަސްކުރި ކަމަށް ނިންމައިފަ އެވެ.

މި މޮޅާ އެކު މިލާން ވަނީ ހަ ވަނައިގައި އިންޓަގެ މައްޗަށް ދެ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. މިލާނަށް 58 ޕޮއިންޓް ލިބިފައިވާއިރު އިންޓަ އޮތީ 56 ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ. ދެ ޓީމުން ވާދަކުރަމުން އަންނަނީ ޔުރޮޕާ ލީގުގެ ފަހު ޖާގަ ލިބޭ ފަސް ވަނަ އަށް އެރުމަށެވެ.