ފުލުހުންގެ ހިދުމަތުގައި 25 އަހަރު އުޅުމަށް ފަހު ރިޓަޔާކުރާ ފުލުހުންނަށް ވަޒީފާގައި ދެމިހުންނަ މުއްދަތުގައި ލިބޭ ގޮތަށް ހިލޭ ބޭސްފަރުވާގެ އިނާޔަތް ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ ހިދުމަތަށް 93 އަހަރު ފުރުމުގެ ރަސްމިއްޔާތުގައި ސީޕީ އަހުމަދު ވިދާޅުވީ ޝަރަފުވެރިކަމާ އެކު ރިޓަޔާކުރާ ފުލުހުންނަށް ލިބިދޭ އިނާޔަތްތައް ހިސާބު ކުރުމުގައި އޮތް ލިމިޓަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށާއި އިނާޔަތް ކަނޑައަޅާނީ އެ ފުލުހަކު ހިދުމަތް ކުރި މުއްދަތަކަށް ބެލުމަށް ފަހު ކަމަށެވެ.
އޭގެ ތެރޭގައި 25 އަހަރަށް ފަހު ރިޓަޔާކުރާ ފުލުހުންނަށް، ފުލުހުންގެ ހިދުމަތަށް ހާއްސަ އިންޝުއަރެންސް ޕެކޭޖުގެ ދަށުން ބޭސްފަރުވާގެ ކަންކަން ހަމަޖެހޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުލުހުންގެ ދިރިއުޅުން ފަހި ކުރެވޭނެ ގޮތަށް ދިރާސާކުރަމުން އަންނަ ކަމަށާއި ފުލުހުންނަށް އާ ފުރުސަތުތައް ހޯދައިދީ، ފުލުހުންގެ ކަންކަން ހަރުދަނާ ކުރަން ވަރަށް ބޮޑު އިސްކަމެއް ސަރުކާރުން ދޭ ކަމަށެވެ.
ކޮމިޝަނަރު ދެކެވަޑައިގަންނަވާ ގޮތުގައި ފުލުހުންނަށް ކުރިއަށް އޮތީ އުއްމީދީ ދުވަސްތަކެކެވެ.
ސަރުކާރުގެ ބޭސްފަރުވާ އިންޝުއަރެންސްގެ ނިޒާމު، އާސަންދައާ އެކު ފުލުހުންނާއި ސިފައިންނަށް ވަކި އިންޝައަރެންސްއެއް ކަނޑައަޅާފައިވެ އެވެ. އެ އިންޝުއަރެންސްގައި ފުލުހުންނާއި އެމީހުންގެ އާއިލާތަކަށް ހިލޭ ބޭސްފަރުވާގެ ހިދުމަތް ޕްރައިވެޓް ހޮސްޕިޓަލްތަކުން ވެސް ހޯދެ އެވެ.