އެލައިޑްގެ މޯބައިލް އެޕް ޑައުންލޯޑްކޮށްގެން ޗުއްޓީ ދަތުރެއް
އެލައިޑްގެ މޯބައިލް އެޕް ޑައުންލޯޑްކޮށްގެން ޗުއްޓީ ދަތުރެއް

އެލައިޑް އިންޝުއަރެންސްގެ މޮބައިލް އެޕްލިކޭޝަން ޑައުންލޯޑްކޮށްގެން، ވ. ކެޔޮދޫގެ ގެސްޓް ހައުސްއެއްގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ރޭ ފަށައިފި އެވެ.

"އެލައިޑް މޮބައިލް އެޕް ޕްރޮމޯ"ގެ ނަމުގައި މި މަހުގެ 29 ވަނަ ދުވަހުގެ ރޭ 12:00 އާ ހަމަޔަށް ކުރިއަށްގެންދާ ޕްރޮމޯޝަން ހާއްސަކޮށްފައި ވަނީ ހަމައެކަނި ދިވެހިންނަށެވެ. އެގޮތުން އެލައިޑްގެ އެޕް ޑައުންލޯޑުކޮށް، ހޯމް ސްކްރީނުން ފެންނަ ޓޮފް ބެނާއަށް ފިތާލުމުން ޕްރޮމޯޝަންގައި ބައިވެރިވުމަށް ފުރިހަމަކުރަންޖެހޭ މައުލޫމާތުތައް ފެންނާނެ ކަމަށް އެލައިޑުން ބުންޏެވެ.

އެ މައުލޫމާތުތައް ރަނގަޅަށް ފުރިހަމަކުރުމުން ޕްރޮމޯޝަންގައި ރަޖިސްޓްރީ ކުރެވޭނެ އެވެ. ނަމަވެސް އެލައިޑް އިންޝުއަރެންސްގެ އެޕް މިހާރު ވެސް ބޭނުންކުރާ މީހުން، މައުލޫމާތު ބައި ފުރިހަމަކުރުމުގެ ކުރިން، އެޕްލިކޭޝަންގެ އެންމެ ފަހުގެ ވާޝަން އަށް އަޕްޑޭޓް ކުރަންޖެހޭނެ އެވެ.

ދެ ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް، ވ. ކެޔޮދޫ ގެސްޓްހައުސެއްގައި ތިން ދުވަހާއި ދެ ރޭ ހުރުމުގެ ފުރުސަތު ލިބޭނެ އެވެ. ކެޔޮދޫއަށް ދެކޮޅު ޓިކެޓްގެ އިތުރުން ރޭގަނޑުގެ މަސް ދަތުރެއް އަދި އެލައިޑްގެ އިސްތިހާރުތަކުން ފެންނަ، ފަރަށް އަރާފައިވާ ބޯޓު ކައިރިއަށް ފީނަން ދިއުމުގެ ފުރުސަތު ލިބޭނެ އެވެ.

އެލައިޑްގެ އިސްތިހާރުތަކުން ފެންނަ ކުޑަ ފިރިހެން ކުއްޖާ، ސްނޯކްލިން ދަތުރުގައި މެހެމާނެއްގެ ގޮތުން ބައިވެރިވާނެ ކަމަށް ވެސް، ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި އިންޝުއަރެންސްގެ ހިދުމަތް ދޭ ކުންފުނިން ބުންޏެވެ.