16 އެޕްރީލް 2017 - 06:28

އާމިރް ހާނާއި އަމީތާބް ބައްޗަން ބައިވެރިވާ، ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ތަގްސް އޮފް ހިންދުސްތާން" ގެ ބަތަލާ އަކީ ކާކުކަން އަދި ނޭނގުނު ނަމަވެސް ފާތިމާ ސަނާ ޝެއިހަށް އެ ރޯލު ހުށަހެޅި ކަމަށް އަޑު ފެތުރިފައިވެ އެވެ. ފާތިމާ އެކަން ދޮގުކޮށްފައި ވަނިކޮށް، އެ ފިލްމަށް އޭނާ ހެދި "ލުކް ޓެސްޓް" ވަނީ ލީކުވެފަ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ފިލްމުގެ ބަތަލާގެ ރޯލް އާލިއާ ބަޓް، ޝްރަދާ ކަޕޫރް އަދި ކިރިތީ ސެނަން ފަދަ ޒުވާން ތަރިންނަށް ހުށަހަޅާފައިވެ އެވެ. އެކަމަކު އެއިން އެއްވެސް ތަރިއަކު އަދި ފައިނަލްކޮށްފައެއް ނުވެ އެވެ.
އާމިރްގެ "ޑަންގަލް" ގައި އޭނާގެ ދަރިއެއްގެ ރޯލް ކުޅުނު، ފާތިމާ ސަނާ ޝެއިހް އަށް "ތަގްސް އޮފް ހިންދުސްތާން" ގެ ބަތަލާގެ ރޯލް ހުށަހެޅި ވާހަކަ ދޮގުކޮށް އޭނާ ބުނެފައި ވަނީ އެ ރޯލް ލިބޭނެ ނަމަ ކިތަންމެހާ ވެސް ރަނގަޅު ކަމަށެވެ. ނަމަވެސް ފިލްމުގެ ބަތަލާގެ ރޯލަށް ލުކް ޓެސްޓެއް، ހަދައި، ފާތިމާ އޮޑިޝަން ވެސް ހެދިކަން މިހާރު ވަނީ ހާމަވެފަ އެވެ. އޭނާ އެއަށް ހެދި ލުކް ޓެސްޓްގެ ފޮޓޯއެއް މިހާރު ވަނީ ލީކްވެފަ އެވެ.
އެ ފޮޓޯގައި ފާތިމާ ފެންނަނީ ދިގު އިސްތަށިގަނޑަކާ އެކު އިހުގެ ހެދުމެއްގައި، ކަނޑިއެއް ހިފަހައްޓާލައިގެން ހުއްޓަ އެވެ
އޭނާގެ އެ ފޮޓޯ ލީކްވުމާ އެކު، މިހާރު ބައެއް މީހުން ގަބޫލު ކުރަނީ "ތަގްސް އޮފް ހިންދުސްތާން" ގެ ބަތަލާގެ ރޯލުން ފާތިމާ ފެންނާނެ ކަމަށެވެ. ނަމަވެސް ފިލްމާ ގުޅުން ހުރި ފަރާތަކުން މިކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ޔާޝްރާޖް އިން ވެސް "ތަގްސް އޮފް ހިންދުސްތާން" ގެ ބަތަލާއަކީ ކާކުކަން އަދިވެސް އިއުލާނެއް ނުކުރެ އެވެ.
އެ ސްޓޫޑިއޯގެ ފިލްމްތަކާ ބެހޭ މައުލޫމާތު އެތަނުގެ ވެބްސައިޓްގައި އަބަދުވެސް ހާމަ ކުރެ އެވެ. އެކަމަކު "ތަގްސް އޮސް ހިންދުސްތާން" ގެ ފަސްޓްލުކް ފިޔަވައި، އެއާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައެއް ނުވެ އެވެ.
މި ފިލްމަކީ "ދޫމް 3" ލިޔެ، ޑައިރެކްޓް ކުރި، ވިޖޭ ކްރިޝްނާ އަޗަރިއާ (ވިކްޓަ) ޑައިރެކްޓް ކުރާ ފިލްމެކެވެ.
"ތަގްސް އޮފް ހިންދުސްތާން" ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ދިވާލީގަ އެވެ.