16 އެޕްރީލް 2017 - 06:25

ފަސްދޮޅަސް ހަތަރު ވަނަ ނެޝަނަލް ފިލްމް އެވޯޑް ހަފުލާގައި އިންޑިއާގެ ރައީސް ޕްރަނާބް މުކަރްޖީގެ އަތްޕުޅުން ދަރިފުޅު އަދި ބަތަލާ ސޯނަމް ކަޕޫރަށް އެވޯޑް ލިބޭތަން ދެކެން ކެތްމަދުވެފައިވާ ކަމަށް ސޯނަމްގެ ބައްޕަ އަދި މަޝްހޫރު އެކްޓަރު އަނިލް ކަޕޫރު ބުނެފި އެވެ.
ނެޝަނަލް އެވޯޑްގައި އެންމެ މޮޅު ހިންދީ ފިލްމަކަށް، ސޯނަމް ޓައިޓްލް ރޯލް ކުޅުނު "ނީރްޖާ" ހޮވުނު އިރު، އެވޯޑް ހަފުލާގެ ސްޕެޝަލް މެންޝަން އެވޯޑް ސޯނަމަށް ދޭ ގޮތަށް ވަނީ ނިންމައިފަ އެވެ.
ނެޝަނަލް އެވޯޑް ހަފުލާ އޮންނާނީ އަންނަ މަހުގެ ތިނެއްގަ އެވެ.
ދެހާސް ވަނަ އަހަރު ރިލީޒް ކުރި "ޕުކާރް" އިން ނެޝަލް އެވޯޑް ހޯދާފައިވާ އަނިލް ބުނީ ކެރިއަރުގެ އެހާ ކުރީކޮޅުގައި އަދި އެހާ މަދު ފިލްމްތަކެއް ކުޅެފައިވާ އިރު، ސޯނަމް އަށް އިންޑިއާ އަށް ސަރުކާރުން ދޭ މަތީ އެވޯޑެއް ލިބުމަކީ ވަރަށް ފަހުރުވެރިވާ ކަމެއް ކަމަށެވެ. އަދި އެއީ ސޯނަމްގެ ނަސީބު ކަމަށް ބުންޏެވެ.
"އަހަރެންނާއި މުޅި އާއިލާ ވެސް މިކަމާ ވަރަށް އުފަލުން މި ތިބީ. އަހަރެމެން ގަބޫލު ކުރަނީ މިއީ ސޯނަމްގެ ނަސީބޭ. އެވޯޑް ހަފުލާ އަށް ވަރަށް އެބަ އިންތިޒާރު ކުރަން،" އޭނާ ބުންޏެވެ. "ރައީސްގެ އަތްޕުޅުން ސޯނަމް އެވޯޑް ހޯދާ ތަން ބަލަން ހަމަ ކެތްތެރިކަން ކުޑަވެފައި މިހިރީ."
އަނިލް ބުނީ "ނީރްޖާ" އަށް އެންމެ މޮޅު ހިންދީ ފިލްމުގެ ނެޝަނަލް އެވޯޑް ލިބުމަކީ ވެސް ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.
"އެ ފިލްމަކީ އެތައް ބަޔަކު ވަރަށް ލޯބިވި ފިލްމެއް. އަދި އެހާމެ މޮޅު ފިލްމެއް." އޭނާ ބުންޏެވެ.
"ނީރްޖާ" އަކީ 1986 ގައި ޕާކިސްތާންގެ ޓެރަރިސްޓުންތަކެއް ކަރާޗީގެ އެއާޕޯޓްގައި ހައިޖެކް ކުރާ ކުރީގެ އެއާލައިން ޕޭމް އެއާގެ ފްލައިޓެއްގެ ޕަސިންޖަރުން ސަލާމަތް ކުރަން އޭގެ އެއާ ހޮސްޓެސްއެއް ކަމަށްވާ ނީރްޖާ ބެނޮޓް، ކުރި ހިތްވަރު ގަދަ ހަގީގީ ހާދިސާގެ މައްޗަށް ހަދާފައިވާ ފިލްމެކެވެ.
އެ ހާދިސާގައި ނީރްޖާގެ ފުރާނަ ގެއްލިގެންދާ އިރު، ފްލައިޓްގައި ތިބި އެތައް ބައެއްގެ ފުރާނަ އޭނާ ސަލާމަތްކޮށްދެ އެވެ.
"ނީރްޖާ" ޑައިރެކްޓްކޮށްފައި ވަނީ ރާމް މަދްވާނީ އެވެ.