މަޓާ އަށް މި ސީޒަނުގައި ދެން ނުކުޅެވޭނެ
މަޓާ އަށް މި ސީޒަނުގައި ދެން ނުކުޅެވޭނެ

މެންޗެސްޓާ (އޭޕްރިލް 15) - މެންޗެސްޓާ ޔުނައިޓެޑުގެ ސްޕެއިން މިޑްފީލްޑަރު ހުއާން މަޓާގެ އުކުޅުވަޅަށް ލިބުނު އަނިޔާއަކަށް ފަރުވާ ހޯދަން ކުރި އޮޕަރޭޝަނާ ގުޅިގެން އޭނާ އަށް މި ސީޒަނުގައި ދެން ނުކުޅެވޭނެ އެވެ.

މިދިޔަ މަހު ކުރި އޮޕަރޭޝަނަށް ފަހު އޭނާ އަވަހަށް ފިޓްވާނެ ކަމަށް ކުރިން ބެލެވުނަސް މިހާރު ވަނީ އޭނާ އަށް މި ސީޒަނުގައި ދެން ނުކުޅެވޭނެކަން ކަށަވަރުވެފަ އެވެ. އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ އަންނަ މަސް ނިމުމުގެ ކުރިން އޭނާ ފިޓްނުވާނެ ކަމަށެވެ. ޕްރިމިއާ ލީގު ނިމޭނޭ އަންނަ މަހުގެ 21 ވަނަ ދުވަހު އެވެ. ޔުރޮޕާ ލީގުގެ ފައިނަލަށް ޔުނައިޓެޑް ދަތުރުކޮށްފި ނަމަ އެ މެޗު ކުޅޭނީ މޭ 24 ގަ އެވެ.

ޗެލްސީން 2014 ވަނަ އަހަރު ޔުނައިޓެޑާ ގުޅުނު މަޓާ އަކީ މި ސީޒަނުގައި ޔުނައިޓެޑަށް ދެ ވަނަ އަށް އެންމެ ގިނަ ގޯލް ޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ. މީގެ އިތުރުން އޭނާ ވަނީ ގިނަ ލަނޑުތަކެއް ޖަހަން މަގުފަހިކޮށްދީފަ އެވެ. އެހެންވެ އޭނާ އަށް ނުކުޅެވުމަކީ ޔުރޮޕާ ލީގުގެ ތަށި ހޯދައި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދަން އަމާޒު ހިފާފައިވާ ޔުނައިޓެޑަށް ކުރިމަތިވާ ބޮލުގެ ރިހުމެކެވެ.

ޕްރިމިއާ ލީގުގައި ޔުނައިޓެޑުން އެންމެ އަވަހަށް ކުޅޭ މެޗުގައި މާދަމާރޭ ބައްދަލުކުރާނީ މަޓާގެ ކުރީގެ ކްލަބް ޗެލްސީއާ އެވެ. ޔުނައިޓެޑުގެ އޯލްޑް ޓްރެފޯޑުގައި ކުޅޭ މި މެޗު ފަށާނީ ރާއްޖެ ގަޑިން 8 ޖަހާއިރެވެ.