2026ގެ ވޯލްޑް ކަޕް ބާއްވަން އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެން ބިޑްކުރަނީ
2026ގެ ވޯލްޑް ކަޕް ބާއްވަން އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެން ބިޑްކުރަނީ

އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯ ގުޅިގެން 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ބާއްވަން ބިޑްކުރުމަށް ތައްޔާރުވެއްޖެ އެވެ.

އެ ވޯލްޑް ކަޕަކީ 48 ޓީމު ހިމަނައިގެން ބާއްވާނެ ފުރަތަމަ ވޯލްޑް ކަޕެވެ. އަދި ބިޑް ކާމިޔާބުވެއްޖެ ނަމަ އެ މުބާރާތް ވެގެން ދާނީ ތިން ގައުމެއް ގުޅިގެން ބާއްވާ ފުރަތަމަ ވޯލްޑް ކަޕަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި ބިޑުގައި ހުށަހަޅާނީ އެމެރިކާގައި 60 މެޗު އަދި ކެނެޑާ އާއި މެކްސިކޯގެ ތެރެއިން ކޮންމެ ގައުމެއްގައި 10 މެޗު ކުޅޭ ގޮތަށެވެ.

ފީފާ އިން 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާނެ ގައުމެއް ކަނޑައަޅާނީ 2020 ވަނަ އަހަރެވެ. ކުރިއަށް އޮތް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ރަޝިއާގައި ބާއްވާއިރު 2022 ވަނަ އަހަރު އޮންނާނީ ގަތަރުގަ އެވެ.

އެމެރިކާ އިން ވަނީ 1994 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވައިފަ އެވެ. އެ ގައުމުގައި އޭރު ފުޓްބޯޅައިގެ މަގުބޫލުކަން ކުޑަ ނަމަވެސް އެ މުބާރާތަކީ އެވްރެޖްކޮށް އެންމެ ގިނަ ބަޔަކު ކުޅިބަލަން ވަން މުބާރާތެވެ. މެކްސިކޯ އިން ވަނީ 1970 އަދި 1986 ވަނަ އަހަރު މުބާރާތް ބާއްވައިފަ އެވެ. ކެނެޑާގައި ވަނީ 2015 ވަނަ އަހަރުގެ ވިމެންސް ވޯލްޑް ކަޕް ބާއްވައިފަ އެވެ.

އެމެރިކާ އާއި މެކްސިކޯ ގުޅިގެން މުބާރާތް ބާއްވަން މަސައްކަތްކުރާއިރު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ދެ ގައުމުގައި ބޯޑަރުގައި ފާރެއް ރާނާނެ ކަމަށް އިއުލާންކޮށްފަ އެވެ. އެކަމަކު އެމެރިކާގެ ސޮކާ ފެޑެރޭޝަނުގެ ރައީސް ސުނިލް ގުލާޓީ ވިދާޅުވީ ބިޑަށް ޓްރަމްޕުގެ ސަޕޯޓް އެބައޮތް ކަމަށާއި އެކަމަށް ހިތްވަރު ދެއްވާ ކަމަށެވެ.

ގުލާޓީ ވިދާޅުވީ ތިން ގައުމުން ވެސް ވަނީ ދުނިޔޭގެ ފެންވަރުގެ އިވެންޓްތައް ބޭއްވުމުގެ ކުޅަދާލަން ސާބިތުކޮށްދީފައި ކަމަށާއި އެހެންވެ ތިން ގައުމު އެއްވެގެން ބާއްވާ އިވެންޓެއްގެ ފުރިހަމަކަމާ މެދު ސުވާލެއް ނޯންނާނެ ކަމަށެވެ.

ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ދިނުމުގައި ފީފާ އިން ގެންއުޅޭ އުސޫލުގެ ދަށުން 2026 ގެ ވޯލްޑް ކަޕް ބޭއްވުމަށް ޔޫރަޕާއި އޭޝިއާގެ ގައުމަކަށް ބިޑެއް ނުކުރެވޭނެ އެވެ. އެކަމަކު އެހެން ބައްރުތަކުގެ ގައުމުތަކުން ކުރާ ބިޑްތައް ފީފާގެ ކްރައިޓީރިއާއަށް ނުފެތޭ ނަމަ ފުރުސަތު ލިބިދާނެ އެވެ.

ދެކުނު އެމެރިކާގެ ގައުމުތަކުގެ ތެރެއިން ކޮލަމްބިއާ، އޭޝިއާ/ އޯޝޭނިއާ އިން އޮސްޓްރޭލިއާ އާއި ނިއުޒީލެންޑް އަދި އެފްރިކާ ބައްރުން މޮރޮކޯ އިން ވެސް ބިޑްކޮށްފާނެ ކަމަށް ބެލެވެ އެވެ. ޔޫރަޕަށް ބަލާއިރު އިންގްލެންޑާއި ކަޒަކިސްތާން އަދި އަޒަރުބައިޖާބާއި ތުރުކީ ގުޅިގެން ބިޑްކުރުމުގެ ޝައުގުވެރިކަން ވެސް ފާޅުކޮށްފައިވެ އެވެ.

ވޯލްޑް ކަޕް ބާއްވާނެ ގައުމެއް މީގެ ކުރިން ކަނޑައަޅަނީ ފީފާގެ އެގްޒެކެޓިވް ކޮމިޓީންނެވެ. އެކަމަކު 2026 ވަނަ އަހަރުން ފެށިގެން ކުރިއަށް އޮތްތަނުގައި ބާއްވާ ވޯލްޑް ކަޕް ބާއްވާނެ ގައުމެއް ހޮވާނީ ފީފާގެ މެމްބަރު ގައުމުތަކުގައި މެދުގައި ނަގާ ވޯޓަކުންނެވެ.