ޔޫޑަބްލިއުސީ މޯލްޑިވްސްގެފަރާތުން މި އަހަރު ވެސް ރާއްޖޭގެ ހަތަރު ދަރިވަރަކަށް ބޭރު ގައުމުތަކުގައި މަތީ
ސާނަވީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ފަހިކޮށްދީފި އެވެ.

މި ދަރިވަރުން ކިޔެވުމަށް
ހަމަޖެހިފައިވަނީ އެމެރިކާ، ޖަޕާން، އަރުމީނިއާ އަދި އެސްވާޓީނީގައި ހުންނަ
ޔުނައިޓެޑް ވޯލްޑް ކޮލެޖް (ޔޫޑަބްލިއުސީ) ތަކުގަ އެވެ.

އެގޮތުން މިއަހަރު ޔޫޑަބްލިއުސީ މޯލްޑިވްސްއިން
ސްކޮލަޝިޕަށް ހޮވާފައިވާ ހަތަރު ދަރިވަރުންނާއި އެ ދަރިވަރުން ކިޔަވަން
ހަމަޖެހިފައިވާ ތަންތަނަކީ:

  1. ފާތިމަތު ސާޝާ ފަރުހަތު (ގާޒީ ސްކޫލް) – ޔޫޑަބްލިއުސީ އައިސަކް، ޖަޕާން

  2. ފާތިމަތު ފާރިހާ ފަޔާޒް (އަމީނިއްޔާ ސްކޫލް) – ޔޫޑަބްލިއުސީ ޑިލިޖަން، އަރުމީނިއާ.
  3. ޖިއާން އަހުމަދު ސައީދު (އަމީނިއްޔާ ސްކޫލް) – ޔޫޑަބްލިއުސީ ވޯޓަފަޑް ކަމްލަބާ، އެސްވާޓީނީ
  4. އާމިނަތު އުލާ އަހުމަދު (ފިންލޭންޑް އިންޓަރނޭޝަނަލް ސްކޫލް) – ޔޫޑަބްލިއުސީ ޔޫއެސްއޭ، އެމެރިކާ

ބައިނަލްއަގްވާމީ ފެންވަރުގައި
ފާހަގަކޮށްލެވޭ، ތައުލީމީ މުއައްސަސާއެއް ކަމަށްވާ ޔޫޑަބްލިއުސީގެ 18 ކޮލެޖް
ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހުރެ އެވެ. އެގޮތުން މި ހަތަރު ދަރިވަރުން އެ ކޮލެޖްތަކުން
ފުރިހަމަކުރާނީ ދެ އަހަރު ދުވަހުގެ އިންޓަނޭޝަނަލް ބެކަލޯރިއޭޓް (އައިބީ)
ޑިޕްލޮމާއެވެ. މިއީ އޭ-ލެވެލްއާ އެއް ފެންވަރެއްގެ، ދުނިޔޭގެ ހުރިހާ ޔުނިވާސިޓީތަކަކުންނާއި
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ވެސް ބަލައިގަންނަ ސަނަދެކެވެ.

"ޔޫޑަބްލިއުސީ
އިން ފޯރުކޮށްދޭ ތައުލީމަކީ ދަރިވަރުންގެ އަމިއްލަ ޝަހުސިއްޔަތު ބިނާކޮށް،
ހުނަރުތައް ތަރައްގީކުރުމަށް ލިބޭ ތަފާތު އަދި އެހާމެ އަގުހުރި ފުރުސަތެއް،"
ޔޫޑަބްލިއުސީ މޯލްޑިވްސްގެ ސިލެކްޝަންސް ކޯޑިނޭޓަރ އިޒްމާން ސުހައިލް ވިދާޅުވި
އެވެ.

"އަދި މިއީ މަތީ ތައުލީމުގެ
ފުރުސަތުތަކަށް މިދަރިވަރުންނަށް ހުޅުވިގެންދާ މުހިންމު މަގަކަށްވެސް ވެގެންދާނެ."

ޔޫޑަބްލިއުސީ އމޯލްޑިވްސްއަކީ
ދިވެހިރާއްޖޭގައި ޔޫޑަބްލިޔުސީ ސްކޫލްތައް ތަމްސީލުކުރާ ގައުމީ ކޮމިޓީއެވެ. މި
ޖަމިއްޔާގެ ސްކޮލަޝިޕް ޕްރޮގްރާމް ކުރިއަށްގެންދަނީ އަލިފުޅު ތުއްތު
ފައުންޑޭޝަނާއި ޔޫޑަބްލިއުސީ އިންޓަރނޭޝަނަލް އޯގަނައިޒޭޝަނުގެ ދީލަތި
އެހީތެރިކަމާއެކުގަ އެވެ. މިއީ ގްރޭޑް 10 ނިންމާ ދިވެހި ދަރިވަރުންނަށް އަމާޒުކޮށްގެން
ކޮންމެ އަހަރަކުވެސް ހުޅުވާލެވޭ ފުރުސަތެކެވެ.

އެގޮތުން 2001 ވަނަ އަހަރުން
ފެށިގެން މިހާތަނަށް 70 އަށްވުރެ ގިނަ ދިވެހި ދަރިވަރުން ވަނީ މި ސްކޮލަޝިޕްތަކުގައި
ތައުލީމު ހާސިލުކޮށްފައެވެ. ޔޫޑަބްލިޔުސީގެ ދެ އަހަރުގެ ދައުރު ފުރިހަމަކުރި
ގާތްގަނޑަކަށް ހުރިހާ ދަރިވަރުންނަކީވެސް މަތީ ތައުލީމު ޙާސިލުކުރުމަށް އިތުރު
ސްކޮލަޝިޕްތައް ކާމިޔާބުކޮށްފައިވާ ދަރިވަރުންނެވެ. މީގެ ތެރެއިން ގިނަ ދަރިވަރުން
ތައުލީމު ހާސިލުކުރީ އެމެރިކާގެ ޔުނިވާސިޓީތަކުގައެވެ.

މި ސްކޮލަޝިޕްގެ ދަށުން މިހާރުވެސް
ދިވެހި ތިން ދަރިވަރަކު ކެނެޑާ، އިންޑިއާ، އަދި ހޮންކޮންގްގައި ހުންނަ ޔޫޑަބްލިޔުސީ
ތަކުގައި ތައުލީމު ހާސިލުކުރަމުން އެބަދެ އެވެ. މީގެ އިތުރުން، ނިމިދިޔަ މޭ މަހު
ޖަރުމަނާއި ޗައިނާއިން ކިޔެވުން ފުރިހަމަކުރި ދެ ދަރިވަރަކު ވަނީ، މަތީ ތައުލީމުގެ
އިތުރު ފުރުސަތުތައް އެމެރިކާގެ ޔުނިވާސިޓީތަކުން ކާމިޔާބުކޮށްފަ އެވެ.