15 އެޕްރީލް 2017 - 10:58

ޕިއޮންޔޮން (އެޕްރީލް 15) - ކޮރެއާ ޕެނިންސުލާ ސަރަހައްދުގައި އެމެރިކާ އިން ބިރު ދެއްކުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމަށާއި އެފަދަ ކަންތައް ތަކުރާރު ކުރާ ނަމަ އެމެރިކާ އަށް ނިއުކްލިއާ ހަމަލާއެއް ދޭން ތައްޔާރަށް އޮތް ކަމަށް ނޯތު ކޮރެއާ އިން އިންޒާރު ދީފި އެވެ.
ނޯތު ކޮރެއާ އިން މި އިންޒާރު ދީފައި ވަނީ އެ ގައުމުގެ ބާނީ ކިމް އިލް ސަންގެ 105 ވަނަ އުފަން ދުވަސް މިއަދު ފާހަގަ ކުރަމުން ދަނިކޮށެވެ. ނޯތު ކޮރެއާގެ އަސްކަރިއްޔާގެ ބާރު ދައްކާލަން އެ ގައުމުގައި ހުރި ބަރު ހަތިޔާރުތައް މިއަދު ވަނީ ވެރިރަށް ޕިއޮންޔޮންގެ މަގުތަކަށް ނެރެފަ އެވެ. އެ ގައުމުގެ ބާނީގެ އުފަން ދުވަސް ފާހަގަކުރަމުން މިދަނީ އިތުރު ނިއުކްލިއާ ޓެސްޓެއް ކުރަން ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އަމުރު ކުރައްވަފާނެ ކަމަށް އަޑުތައް ފެތުރިފައި ވަނިކޮށެވެ.
"ނޯތު ކޮރެއާގެ ލަޝްކަރު އޮތީ ބޮޑު ހަނގުރާމައަކަށް ތައްޔާރުވެފައި. ނޯތު ކޮރެއާ އަށް ދޭ ކޮންމެ ނިއުކްލިއާ ހަމަލާއަކަށް ނިއުކްލިއާ އިން ރައްދު ދިނުމަށް ވަނީ ތައްޔާރުވެފައި،" ނޯތު ކޮރެއާގެ އަސްކަރީ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
ނޯތު ކޮރެއާ އިން ދާދި ފަހުން ވަނީ ފަސް މިސައިލް ޓެސްޓެއް ކޮށްފަ އެވެ. އަދި އެމެރިކާ އަށް ހަމަލާ ދެވޭ ވަރުގެ ނިއުކްލިއާ މިސައިލެއް އެ ގައުމުން ޓެސްޓް ކުރަން ތައްޔާރުވަމުންދާ ކަމަށް އޮފިޝަލުން ލަފާކޮށްފައިވެ އެވެ.