ގަދަކަމުން ބޯޓުން ބޭލި މީހާގެ ދެ ދަތާއި ނޭފަތް ވަނީ ބިނދިފައި
ގަދަކަމުން ބޯޓުން ބޭލި މީހާގެ ދެ ދަތާއި ނޭފަތް ވަނީ ބިނދިފައި

ވޮޝިންޓަން (އެޕްރީލް 14) - އޯވަބުކްވެފައިވާ ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓަކުން ގަދަބާރުން ބޭލި ޑޮކްޓަރުގެ ދެ ދަތާއި ނޭފަތް ބިނދިފައިވާ ކަމަށް އޭނާގެ ވަކީލުން ބުނެފި އެވެ.

ވަކީލުން ބުނީ މިދިޔަ އާދިއްތަ ދުވަހު ހިނގި ހާދިސާއާ ގުޅިގެން އެއާލައިނާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށެވެ. ބޯޓުން ގަދަކަމުން ބޭލި އޭޝިއާ ދަރިކޮޅުގެ ޑޮކްޓަރުގެ ވަކީލުން ކުރިން ވަނީ އެ ހާދިސާގެ ހެކި ނައްތާނުލުމުގެ އަމުރެއް އެއާލައިނުގެ މައްޗަަށް ނެރެދިނުމަށް އެދި ކޯޓަށް ހުށަހަޅައިފަ އެވެ.

ބޯޓުން ބޭލި ޑޭވިޑް ޑާއޯގެ ދަރި ކްރިސްޓަލް ޑާއޯ ޕެޕާ ބުނީ އެ ހާދިސާއާ ގުޅިގެން އާއިލާ އަށް ވެސް ހިތްދަތިކަން ލިބިފައިވާ ކަމަށެވެ. ޑާއޯ އަށް ފަރުވާ ދިނުމަށް ފަހު ބުދަ ދުވަހުގެ ރޭ ވަނީ ދޫކޮށްލައިފަ އެވެ. ނަމަވެސް އޭނާގެ އިތުރު އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށް ބުނެފައިވެ އެވެ.

އޯވާބުކްވެފައިވާ ބޯޓުން ފޭބުމަށް އެންގި ހަތަރު މީހުންގެ ތެރޭގައި ޑޮކްޓަރު ހިމެނުނު ނަމަވެސް އޭނާ އެކަމަށް ދެކޮޅު ހެދީ ޖެހިގެން އަންނަ ދުވަހު ބަލި މީހުން ބަލަން ޖެހޭތީ އެވެ. އުމުރުން 69 އަހަރުގެ ޑޮކްޓަރު ދެކޮޅު ހެދުމުން ސެކިއުރިޓީން ބޯޓަށް އަރާ ގަދަބާރުން ޑާއޯ ގޮނޑިން ނަގާ އަދި ބޯޓުން ބޭލުވީ ދަމައިފަ އެވެ. ވީޑިއޯ ފުޓޭޖުން ފެނަން ގޮތުގައި އޭނާގެ އަނގައިން ލޭ ވަނީ އައިސްފަ އެވެ. ޑޮކްޓަރު ބޯޓުން ބާލުވާ ވީޑިއޯ ވަނީ އެތައް މިލިއަން ބަޔަކު ބަލައިފަ އެވެ.

ޝިކާގޯ އިން ކެންޓަކީ އަށް ދަތުރުކުރަން އޮތް ބޯޓުން ޑޮކްޓަރު ބޭލި ނަމަވެސް އޭނާގެ ކިބައިން އެއާލައިނުން އަދި މައާފަށް އެދިފައެއް ނުވެ އެވެ. އެކަމަކު އެ ފްލައިޓުން ދަތުރު ކުރި އެންމެންގެ ޓިކެޓް ރިފަންޑް ދޭން އެއާލައިނުން ވަނީ ނިންމައިފަ އެވެ.