14 އެޕްރީލް 2017 - 22:30

ޓީއެފްޖީ ކޮކާކޯލާ ލޯންގް ރަންގައި މިއަދު އޯޓިސްޓިކް އެއްމާބަނޑު ދެބެން ކަމަށްވާ މުހައްމަދު އަމީން (މޯޑް) އާއި އަލީ އަމީން (އައްޔަ) ހާފް މެރެތަން ރޭސް ޖަހައި އޯޓިޒަމް ހުއްޓަސް މުޖުތަމައުގައި ހަމަހަމަކަމާ އެކު ވާދަކުރެވިދާނެކަން ސާބިތުކޮށްދީފި އެވެ.

އައި-ރަނާސް އިން ތަމްރީންކޮށްދީގެން އައްޔަ އާއި މޯޑް ހުޅުމާލެ ވަށައި ހަތަރު ބުރު ޖަހަން ޖެހޭ ހާފް މެރެތަން ރޭސް ފުރިހަމަކުރިއިރު އެ ދެ ކުދިންގެ ބޮޑުބޭބެއެއް ކަމަށްވާ، އަލީ އަޔާޒް ވަނީ 10 ކިލޯމީޓަރު ދުވެފަ އެވެ. އޭނާގެ ވެސް އޯޓިޒަމް ހުރެ އެވެ.
"އޯޓިސްޓިކް ކުއްޖަކަށް ވުމަކީ މިފަދަ ކަންކަން ނުކުރެވޭނެ ސަބަބެއް ނޫންކަން އެ ސާބިތުކޮށްދިނީ. މަސައްކަތްކޮށްފިއްޔާ ވާނެ. ބޭނުންވަނީ އެންމެންގެ ސަޕޯޓް،" އައި ރަނާސްގެ ކޯޗު ޝުޖާއު ބުންޏެވެ.
އާއްމު ދުވުމުގެ ރޭސްތަކުގެ ތެރެއިން ދެ ވަނަ އަށް އެންމެ އުނދަގޫ ރޭސް އުމުރުން 27 އަހަރުގެ މޯޑާއި އައްޔަ ފުރިހަމަކުރުމަކީ އެ ދެ ކުދިންގެ ފަރާތުން ފޯރުކޮށްދިން ވަރުގަދަ މެސެޖެވެ. ކަސްރަތުކޮށް ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށް އެކަމުން ހިތްހަމަޖެހުން ހޯދުމަށް އެއްވެސް އުޒުރެއް ނެތް ކަމެވެ.
މިކަމުގައި އައި-ރަނާސް އަށް ވެސް ހާއްސަ ޝުކުރެއް ހައްގުވެ އެވެ. ޗެލެންޖެއްގެ ގޮތުގައި ނަގައިގެން މި ދެ ކުރިން ތަމްރީންކޮށްދީ، އެ ދެކުދިންގެ އުއްމީދު ފުރިހަމަކޮށްދިނީތީ އެވެ.
މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން (އެމްއޭއޭ) ގެ އެންމެ ބޮޑު އެދުމަކީ ވެސް އޯޓިސްޓިކް ކުދިންނަށް އަޅާލައި، މުޖުތަމައުން އެ ކުދިން ބަލައިގަތުމެވެ. އުނިކަމެއް ހުއްޓަސް، އެ ކުދިންގެ ހުނަރުވެރިކަން ކުރިއަރުވައިދިނުމުގައި އެންމެން އެހީތެރިވުމެވެ. އައި-ރަނާސް އިން މި ދެއްކީ އެ ނަމޫނާ އެވެ.
މީގެ އަހަރެއްހާ ދުވަސް ކުރިން އައި-ރަނާސްއާ ގުޅުނު އައްޔަ އާއި މޯޑް ދޭތެރެއަކުން ގެއްލުނު ނަމަވެސް ޓީއެފްޖީ ރޭހަށް ތައްޔާރުވާން މިދިޔަ ތިން މަސް ދުވަހު ބަރާބަރަށް ތަމްރީން ހެދި އެވެ. ދުވަން ފެށުމާ ބަދަލު އައީ ހަމައެކަނި ދެ ކުދިންގެ ބަރުދަނަށް އެކަންޏެއް ނޫނެވެ. އަހުލާގާއި އެހެން ކަންކަމަށް ވެސް ހެޔޮ ބަދަލުތަކެއް އައިސްފި އެވެ.
"އެންމެ ފުރަތަމަ މޯޑް އައިސް ދުވަން ފަށައި އޭނާގެ ބަރުދަން ލުއިވާން ފެށީމާ އައްޔަ ޖޮއިންކުރީ. މިހާރު ހަމައެކަނި ރަނގަޅުވީ ފިޓްނަސް ލެވެލެއް ނޫން. ޑިސިޕްލިން އާއި ހުރިހާ ކަމެއް ވެސް ތަފާތު ދުވަން އަންނަން ފެށި ފަހުން. އެ ދެ ކުދިންގެ ފެމިލީގެ ސަޕޯޓް ވަރަށް ބޮޑަށް ލިބޭ މިކަމުގައި،" ޝުޖާއު ބުންޏެވެ.
ދުވަން އަންނަނީ ކީއްކުރަންހޭ އަހައިފި ނަމަ ކުރިން އެ ދެކުދިން ދޭ ޖަވާބަކީ ހިކެން ކަމަށެވެ. އެކަމަކު މިހާރު ދޭ ޖަވާބު ތަފާތެވެ.
"މިހާރު އަހަފިއްޔާ ބުނާނެ ހިތްހަމަޖެހޭތީއޭ. ސްޓްރެސް ރިލީވްވެ، ވަރަށް ބޮޑަށް ދުވުން އެންޖޯއިކުރާތީއޭ ބުނާނީ،" ޝުޖާއު ބުންޏެވެ.
ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން މި ރޭސް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ވެސް ދުވުމުގެ ތެރެއިން އެންމެންނަށް ހިތްހަމަޖެހުން ހޯދައިދިނުމެވެ. މިއަދު އައްޔަ އާއި މޯޑް ރޭސް ނިންމީ ބޮޑު ހިތްހަމަޖެހުމަކާ އެކު އެވެ. އަދި ވަރުގަދަ މެސެޖަކާ އެކު އެވެ؛ އޯޓިޒަމް ހުރުމަކީ މުޖުތަމައުން އެކަހިކުރަން ޖެހޭ ސަބަބެއް ނޫނެވެ!