މަސައްކަތާ ހެދި ދީޕިކާ ބަލިވެ އަރާމްކުރަނީ
މަސައްކަތާ ހެދި ދީޕިކާ ބަލިވެ އަރާމްކުރަނީ

ސަންޖޭ ލީލާ ބަންސާލީގެ ތާރީހީ ފިލްމް "ޕަދްމަވަތީ" އަށް ދާދި ފަހުން ކުރިމަތިވި މައްސަލަތަކާ ހެދި، ޝޫޓިން ހުއްޓިފައި އޮތުމަށް ފަހު އަލުން އޭގެ ޝޫޓިން ފަށައިފި އެވެ. ނަމަވެސް ބަންސާލީ އަށް އަދިވެސް ހަމަޖެހުމުގެ ނޭވައެއް ނުލެވެ އެވެ. މިހާރު ކުރިމަތީގައި އޮތް މައްސަލައަކީ ފިލްމުގެ ޓައިޓްލް ރޯލް ކުޅޭ ބަތަލާ ދީޕިކާ ޕަދްކޯން ތަންކޮޅެއް ބަލިވެ އުޅޭތީ، އޭނާގެ މަންޒަރުތައް އަލުން ނަގަން ފަށަން މަޑުކޮށްލަން ޖެހުމެވެ.

ފިލްމުގެ ފުރަތަމަ ޝޫޓިން ޝެޑިއުލް ނިންމާލައިފައިވާ އިރު، ސެޓަށް ދެ ފަހަރެއްގެ މަތިން ދިން ގެއްލުންތަކާ ހެދި، ޝޫޓިން ހުއްޓިފައި އޮތުމަށް ފަހު އަލުން ފެށީ މި މަހުގެ ކުރީކޮޅު އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ދާދި ފަހުން ރިލީޒް ކުރި ހޮލީވުޑް ފިލްމް "ޓްރިޕްލް އެކްސް: ދަ ރިޓާން އޮފް ޒެންޑަ ކޭޖް" އިން ފެނިގެން ދިޔަ ދީޕިކާ ސޮއިކޮށްފައި ހުރި އެހެން ޕްރޮޖެކްޓްތަކުގައި ބުރަކޮށް އުޅެން ޖެހުމާއި ގައުމުން ބޭރަށް މާ ގިނައިން ދަތުރު ކުރަން ވެސް ޖެހުމުން ކަނދުރާ އާއި ބުރަކަށީގައި ރިއްސުން ފަދަ ވޭންތަކާ މި ދުވަސްކޮޅު ވަނީ ކުރިމަތިލާން ޖެހިފަ އެވެ.

އެހެންވެ އޭނާ އަރާމްކުރަން ޖެހެ އެވެ. ހާލަތު މުޅިން ހަމައަކަށް އެޅުމުން ދީޕިކާ ޝޫޓިންގައި ބައިވެރިވާން ފަށާނެ އެވެ. އަދި އޭނާގެ އިސްތަށިގަނޑުގެ ކުލަ ވެސް ދާދި ފަހުން ބަދަލުކޮށްފައި ވާތީ އެ ވެސް ދީޕިކާ އަލުން ޝޫޓިން އަށް ނިކުންނަ އިރު ވިސްނަން ޖެހިފައި އޮތް ކަމެކެވެ.

ކުރިން ކަޅުކޮށް އޮތް އިސްތަށިގަނޑު މިހާރު އޮތީ މަޑު މުށިކުލައެއް ޖައްސައިފަ އެވެ.

ބަންސާލީ މިހާރު އަންނަނީ ޝާހިދު ކަޕޫރާއި ރަންވީރު ސިންގް ހިމަނައިގެން ނަގަން ޖެހޭ މަންޒަރުތައް ނަގަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ޕަދްމަތީ" އަށް ދިމާވި މައްސަލަތަކާ ހެދި ފިލްމް ރިލީޒް ކުރުން ވެސް މިހާރު ވަނީ ފަސްކޮށްފަ އެވެ. މި ރިލީޒް ކުރަން އޮތީ މި އަހަރުގެ ނޮވެމްބަރުގެ 17 ގަ އެވެ.

އެކަމަކު މިހާރު ބަންސާލީއާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފައި ވަނީ ކުރިން ވެސް ތާވަލްކޮށްފައި އޮތް ތާރީހުގައި ފިލްމް ރިލީޒް ކުރާނެ ކަމަށާއި ފިލްމް ލަސް ކުރަން ނިންމައިފައި ނެތް ކަމަށެވެ.