ސުޝާންތާއި ކިރިތީގެ "ރާބްތާ" ޖޫން 9 ގައި ރިލީޒް ކުރަނީ
ސުޝާންތާއި ކިރިތީގެ "ރާބްތާ" ޖޫން 9 ގައި ރިލީޒް ކުރަނީ

ޒުވާން ދެ ތަރިން ކަމަށްވާ ސުޝާންތު ސިންގް ރާޖްޕުޓާއި ކިރިތީ ސެނަން ލީޑް ރޯލް ކުޅެފައިވާ ލޯބީގެ ފިލްމް "ރާބްތާ" ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައި، ފިލްމް ރިލީޒް ކުރާ ތާރީހު އިއުލާންކޮށްފި އެވެ.

"ކޮކްޓެއިލް" އާއި "ފައިންޑިން ފެނީ" ފަދަ ފަދަ ފިލްމްތައް ޕްރޮޑިއުސްކޮށްފައިވާ ދިނޭޝް ވިޖަން ޑައިރެކްޓްކޮށްފައިވާ "ރާބްތާ" ސިނަމާތަކަށް އަންނާނީ އަންނަ ޖޫން މަހުގެ 9 ގަ އެވެ.

މި ފިލްމަކީ ސުޝާންތު އާއި ކިރިތީ އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމު ޝޫޓް ކުރަމުން ދިޔަ ދުވަސްވަރު ދެ މީހުން ވަނީ ލޯބީގެ ގޮތުން ގުޅިފަ އެވެ.

އެކަމަކު މިހާރުގެ އަޑުތައް ބުނާ ގޮތުން އެ ގުޅުން ނިމުމަކަށް އައި ނަމަވެސް، ދެ މީހުންގެ މެދުގައި ވަރަށް ގާތް ރައްޓެހި ކަމެއް އޮވެ އެވެ.

"ރާބްތާ" ގައި ދީޕިކާ ޕަދްކޯން ވެސް ހާއްސަ ފެނިލުމަކުން ފެނިގެން ދާނެ އެވެ. އޭނާ ފެންނާނީ ފިލްމުގެ ވަރަށް ހާއްސަ ލަވައަކުން ކަމަށްވެ އެވެ.

ޕްރިތަމް މިއުޒިކް ތައްޔާރުކޮށް ދީފައިވާ "ރާބްތާ" ގެ ފުރަތަމަ ޕޯސްޓަރު ދައްކައިލުމާ އެކު، ބައެއް މީހުން ބުނެފައި ވަނީ ފިލްމް ވަރަށް ރީތި ވާނެ ކަމަށް ގަބޫލް ކުރެވޭ ކަމަށާއި ސުޝާންތާއި ކިރިތީގެ ކެމިސްޓްރީ ވެސް ވަރަށް ޗާލު ކަމަށެވެ.

ދެ މީހުންގެ ކެމިސްޓްރީއާ ގުޅޭ ގޮތަށް ފިލްމުގެ ޓެގް ލައިނަކަށް ދީފައި ވަނީ އެވްރީތިން އިޒް ކަނެކްޓެޑް އެވެ. "ރާބްތާ" ގެ ޓްރެއިލާ ވެސް ވަރަށް އަވަހަށް ރިލީޒް ކުރާނެ އެވެ.

ސުޝާންތު އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ "އެމްއެސް ދޯނީ: ދި އަލްޓޯލްޑް ސްޓޯރީ" އެވެ. ކިރިތީ އެންމެ ފެނުނީ ޝާހްރުކް ހާނާއި ކާޖޮލްގެ "ދިލްވާލޭ" އިންނެވެ.