14 އެޕްރީލް 2017 - 18:58

ޅ. ހިންނަވަރުގައި ބީއެމްއެލްގެ ސެލްފް ސާވިސް އޭޓީއެމްއެއް ބަހައްޓައި، މިއަދު ހިދުމަތް ދޭން ފަށައިފި އެވެ.
އެ ބޭންކުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި އޭޓީއެމް ބޭނުންކޮށްގެން ފައިސާ ނެގުމާއި ޖަމާކުރުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް އެ ރަށުގައި 24 ގަޑިއިރު ދެމުން ގެންދާނެ އެވެ. މި އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމާއި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑިރެކްޓަރ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފެވެ.
"ހިންނަވަރުގައި އޭޓީއެމްގެ ޚިދުމަތް ދޭންފަށާފައި މިވަނީ ބޭންކުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށާއި ވީހާވެސް ގިނަ ބަޔަކަށް ފަސޭހަކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭންކުން ފަށާފައިވާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ތެރެއިންނެވެ،" ބަޔާނުގައި ވެ އެވެ.
އޭޓީއެމްގެ ހިދުމަތް ފެށުމަށް ހިންނަވަރުގައި ބޭއްވި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ މިއީ ދިވެހި ރައްޔިތުންނަށާއި ވިޔަފާރިތަކަށް އަދި މުޖުތަމައުތަކަށް އެ ޕްރޮގްރާމެއްގެ ފައިދާ މިހާރުވަމުންދާ ބީއެމްއެލްގެ "އަހަރެންގެ ބޭންކް" ޕްރޮގްރާމުގެ މުހިންމު ފިޔަވަޅެއް ކަމަށެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާ އެކު 20 އަތޮޅުގައި 34 ބްރާންޗް، 85 އޭޓީއެމް، 4000 ޕީއޯއެސް މަޗަންޓުން، 200 ކޭޝް އޭޖެންޓުން، 27 ސެލްފް ސަވިސް ބޭންކިން ސެންޓަރު އަދި ފަސް ދޯނި ބޭންކިން ޔުނިޓުގެ ހިދުމަތް ދެމުން އަންނަ ކަމަށް ބީއެމްއެލްގެ ބަޔާނުގައި ވެ އެވެ.