ވޯލްޑް ކަޕްގައި މުޅިން އަލަށް ވާދަކުރާ ކުޑަކުޑަ ކޭޕް ވާޑޭ އިން ސްޕެއިން ހިފަހައްޓައި 0-0 އިން މެޗު އެއްވަރުކޮށްފި އެވެ. 

ގްރޫޕް އެޗް ގެ ފުރަތަމަ މެޗުގައި ޔޫރަޕްގެ ޗެމްޕިއަނުންގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔަ ނަމަވެސް، ވޯލްޑް ކަޕްގައި އަލަށް ވާދަކުރާ ކޭޕް ވާޑުން ވަނީ އެއްވެސް ގޯހެއް ނުހަދައި ދިފާއީ ގޮތުން މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ކޭޕް ވާޑްގެ ހާފުގެ ތެރޭގައި ސްޕެއިންގެ ކުޅުންތެރިން ދިޔައީ ގިނަ ވަގުތު ބޯޅަ ގެންގުޅެމުންނެވެ. މުޅި ޓީމު ފަހަތަށް ފައިގެން ތިބި ކޭޕް ވާޑޭގެ ކުޅުންތެރިންގެ އެއްވެސް އުނދަގުލަކާނުލައި އޮމާން ޕާސިންގް ގޭމެއް ސްޕެއިން ކުޅެމުން ދިޔަ އެވެ.

މެޗުގައި އެންމެ ފާހަގަކޮށްލެވުނު ކުޅުންތެރިޔަކީ ކޭޕް ވާޑްގެ އުމުރުން 40 އަހަރުގެ ތަޖުރިބާކާރު ގޯލްކީޕަރު ވޮޒީނިއާ ޖޯސީމާރް ޑީއާޒެވެ. އޭނާ ވަނީ ފުރަތަމަ ހާފުގައި އެކަނިވެސް ނުރައްކާތެރި 6 ހަމަލާއެއް ދިފާއުކޮށް، ސްޕެއިންގެ ފޯވާޑުންނަށް ބޮޑު މާޔޫސްކަމެއް ކުރިމަތިކުރުވާފައި އެވެ.

ސްޕެއިންއިން ފުރަތަމަ ހާފުގައި ޖުމްލަ 15 ހަމަލާ އުފެއްދި އެވެ. އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ފެރާން ޓޮރޭޒް އަށެވެ. އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އެއަށްފަހު ރީބައުންސްވެގެން އައި ބޯޅަ ކީޕަރު ވޮޒީނިއާ ވަނީ ހުށިޔާރުކަމާ އެކު ދިފާއުކޮށްފަ އެވެ. 

ފުރަތަމަ ހާފުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި އައިމެރިކް ލަޕޯޓް ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާވެސް ކީޕަރު ވަނީ ސަލާމަތްކޮށްފައި އެވެ.

ވޯލްޑް ކަޕްގައި އަލަށް ވާދަކުރާ ކޭޕް ވާޑްގެ ޑިފެންޑަރުން ދެއްކީ ހިތްވަރުގަދަ ކުޅުމެކެވެ. އެ ޓީމުގެ ޑިފެންޑަރުން ކަމަށްވާ، ސިޑްނީ ލޮޕޭޒް ކަބްރާލް އަދި ޖޮވާނޭ ކަބްރާލް ވަނީ އެ ދެ ކުޅުންތެރިން ބެކެހއްޓި ލެފްޓް ވައަތް ފަޅި ވަރުގަދައަށް ބަންދުކޮށް، ސްޕެއިންއިން އަރިމަތިން އުފައްދަން އުޅުނު ހަމަލާތައް ހުއްޓުވާފައި އެވެ. 

މި މެޗަކީ އޮކްޓޯބަރު 2024 ގެ ފަހުން، ރަސްމީ މުބާރާތެއްގެ ފުރަތަމަ ހާފުގައި ސްޕެއިން އަށް ލަނޑެއް ނުޖެހި ނިންމާލަންޖެހުނު ފުރަތަމަ މެޗަށެވެ.

ސްޕެއިންގެ ކުޅުންތެރިން ކޭޕް ވާޑްގެ ފެނަލްޓީ އޭރިއާ ވަށާލައިގެން ގިނަ ވަގުތު ހޭދަކުރި ނަމަވެސް، ލަނޑު ޖަހާނެ ހުސް ފުރުސަތުތަކެއް ތަނަވަސްކުރެވޭ ގޮތެއް ނުވި އެވެ. އެފްރިކާ ބައްރުގެ މި ޓީމުން ދެއްކި ބަދަހި އަދި ޑިސިޕްލިން ޑިފެންސިވް ކުޅުމުގެ ސަބަބުން ސްޕެއިންގެ މިޑްފީލްޑަރުންނަށް ބޮޑެތި ހުރަސްތަކަކާ ކުރިމަތިވި އެވެ. މެޗުގެ 93 ވަނަ މިނެޓުގައި، ކޭޕް ވާޑުން އުފެއްދި ނުރައްކާތެރި ކައުންޓަ އެޓޭކެއް ހުއްޓުވުމަށް ކުރި މަސައްކަތުގައި، މާޔޫސްވެފައި ހުރި ސްޕެއިންގެ މިޑްފީލްޑަރު ޕެޑްރީ ވަނީ ފައުލުކޮށްފަ އެވެ.

ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ބަދަލުކުރުމަށްޓަކައި، ސްޕެއިންގެ ކޯޗު ލުއިސް ޑި ލަ ފުއެންޓޭ ވަނީ 70 ވަނަ މިނެޓުގައި ލަމީން ޔަމާލް އާއި މިކެލް މޮރީނޯ ކުޅެން އަރުވާފަ އެވެ. އަދި މެޗުގެ ފަހުކޮޅު ޑެނީ އޮލްމޯ އާއި ނިކޯ ވިލިއަމްސް ވެސް ކުޅެން ނެރުނެވެ.

ނަމަވެސް ތަރިންނުން ފުރިގެންވީ މި ބަދަލު ކުޅުންތެރިންނަށް ވެސް ކޭޕް ވާޑްގެ ދިފާއު ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.