15 އެޕްރީލް 2017 - 05:44

ވިހޭތާ މަހެއް ނުވާ ތުއްތު ދަރިފުޅު ގޮވައިގެން ގާތުން ކިރުދޭން އިންދާ މަންމަ އަށް ނިދި، ކުއްޖާ މަރުވި ހާދިސާއެއް ހުރިހާ މައިންބަފައިންނަށް ވަރުގަދަ އިންޒާރަކަށް ވެއްޖެ އެވެ.
އިނގިރޭސިވިލާތުގެ ނޯތުއެމްޓަންގައި މިދިޔަ އަހަރުގެ ޖުލައި މަހު ހިނގި ހާދިސާގައި، އުމުރުން 25 ދުވަސްވީ އަންހެންކުއްޖަކު މަރުވި މައްސަލައިގެ ތަފްސީލް ހާމަކުރަމުން، ރަސްމީ ފަރާތްތަކުން ވަނީ ތުއްތު ދަރިން ބޮޑެތި މީހުން ގާތުގައި ނިންދެވުމާ މެދު މައިންބަފައިން ސަމާލުވާން އިލްތިމާސްކޮށްފަ އެވެ.
ކާކުކަން ހާމަކޮށްފައި ނުވާ އަންހެންމީހާ ބަލިވެއިނީ އޭނާ އަށް ދަރިން ލިބުމުގެ އުއްމީދެއް ނެތް ކަމަށް ޑޮކްޓަރުން ބުނެފައި ވަނިކޮށެވެ. އެ ބޮޑު ސަޕްރައިޒަށް ފަހު، އިމަޖެންސީ ސިޒޭރިއަނެއްގައި މިދިޔަ އަހަރުގެ ޖޫން މަހު ވިހޭ ދަރިފުޅު ގޮވައިގެން ނިދާ އެނދުގައި އިށީނދެ އިންދާ ދަންވަރު 3:30 އެހާއިރު ނިދިފައި ހެނދުނު 7:15ގައި ހޭލެވުނު އިރު ލިބުނީ ބޮޑު ޝޮކެކެވެ. އެނދުމަތީގައި މޫނު ވަތަށް އޮތް ކުއްޖާ ނޭވައެއް ނުލަ އެވެ.
"އޭނަ އޮތީ ގޮދަޑިމަތީގައި އަހަރެންގެ އުނަގަނޑު ކައިރީގައި. ނޭވައެއް ނުލާ،" އަންހެންމީހާ ކިޔައިދީފައިވެ އެވެ.
މަންމަ އާއި ބައްޕަ ނިދާ އެނދާ ޖެހިގެން ހުންނަ ކުޑަ އެނދުގައި ނިދަމުން ގެންދިޔަ ތުއްތުކުއްޖާ އަށް ގާތުން ކިރު ދޭން ބޮޑު އެނދަށް ގެންދިޔައީ އެ ރޭ ތިންވަނަ ފަހަރަށް ހޭލުމުންނެވެ. ކުރިން ރަނގަޅަށް ނިދައި ބުއް ބޮއެ އުޅުނު ކުއްޖާ އެ ދުވަސްކޮޅު އުޅުނީ އަބަދު ރޮއެރޮއެ އަދި މީހެއްގެ ގާތުގައި އޮންނަން ބޭނުންވެފައި ކަމަށް އަންހެންމީހާ ކިޔައިދިނެވެ.
އޭނާ އަށް ހޭލެވުމާ އެކު ޕެރެމެޑިކުންނަށް ގުޅި ނަމަވެސް އޭރު މާ ލަސްވެއްޖެ އެވެ. ދަރިފުޅު ސަލާމަތެއް ނުކުރެވުނެވެ.
ތަހުގީގަށް ފަހު ރަސްމީ ފަރާތްތަކުން ހާމަކުރި ގޮތުގައި ކުއްޖާގެ ނޭވާ ހޮޅި ބެދިފައިވާ ކަމުގެ ހެކި ޕޯސްޓް މޯޓަމް އިން ވަނީ ލިބިފަ އެވެ. އެހެންކަމުން، ކުއްޖާ މަރުވި ކަމަށް ބެލެވެނީ ގައި ދަށުވެގެން ނުވަތަ ފިތިގެން ކަހަލަ ގޮތަކުންނެވެ.
"މިއީ އެކްސިޑެންޓަކުން ހިނގި ކަމެއް. ކުއްޖާގެ މަންމަ ނިދީ ގަސްތަކު ނޫން،" ކުއްޖާ މަރުވި ގޮތް ތަހުގީގުކުރެއްވި ކޮރޮނަރު އޭން ޕެމްބާ ވިދާޅުވި އެވެ.
"ވިހައިގެން އުޅޭ ތުއްތު ދަރިފުޅު މައިންބަފައިން ނިދާ އެނދަށް ގެންދިޔުމަކީ މީހުން ކުރާ ކަމަކަށް ވާއިރު ވަރަށް ގިނަ ފަހަރު އެކަމުން އެއްވެސް މައްސަލައެއް ދިމައެއް ނުވޭ. އެކަމަކު ތުއްތު ކުދިން މި ގޮތަށް ގެންގުޅުމަކީ ކިހާ ނުރައްކާތެރި ކަމެއްކަން އާއްމުންނަށް ވިސްނެން ޖެހޭ. މިއީ ވަރަށް ހިތާމަވެރި އަދި ކުއްލި މަރެއް. މައިމީހާ އަށް ނިދުނީ އެއްގޮތަކަށް ވެސް ގަސްތަކު ނޫން."