ޔުވެންޓަސްގައި މަޑުކުރަން ޑީބަލާ ނިންމައިފި
ޔުވެންޓަސްގައި މަޑުކުރަން ޑީބަލާ ނިންމައިފި

ޓިއުރިން (އޭޕްރިލް 14) – ޔުވެންޓަސްގެ އާޖެންޓީނާ ފޯވާޑް ޕައޮލޯ ޑީބަލާ އެ ކްލަބުގައި 2022 ވަނަ އަހަރުގެ ނިޔަލަށް މަޑުކުރަން ކޮންޓްރެކްޓް އާކޮށްފި އެވެ.

މި ސީޒަނުގައި 16 ގޯލް ޖަހާފައިވާ އުމުރުން 23 އަހަރުގެ ފޯވާޑް ގެންދިއުމަށް ގިނަ ކްލަބްތަކަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ހާއްސަކޮށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މިދިޔަ ހަފުތާގައި ބާސެލޯނާ ކޮޅަށް ޖެހި ދެ ގޯލާ އެކު އޭނާގެ ޑިމާންޑް ބޮޑުވި އެވެ.

"އަހަރެން އަބަދުވެސް ބޭނުންވަނީ އަހަރެން ކުރާ ކަމަކުން އެންމެ މައްޗަށް ދާން. އަހަންނަށް އެނގޭ ކާމިޔާބީ ހޯދަން ބޭނުން ނަމަ ހުންނަން އެންމެ ރަނގަޅު ތަނަކީ ޔުވެންޓަސްކަން،" ޑީބަލާ ބުންޏެވެ.

ޕަލާމޯ އިން 23 މިލިއަން ޕައުންޑަށް 2015 ވަނަ އަހަރު ޔުވެންޓަސްއާ ގުޅުނު ފޯވާޑް ވަނީ އެ ކްލަބަށް ކުޅެދިން 82 މެޗުން 39 ގޯލް ޖަހައި 16 ލަނޑު ޖަހަން މަގުފަހިކޮށްދީފަ އެވެ.