ފޯވާޑުން މިއަށް ވުރެ ސީރިއަސް ވާން ޖެހޭ: މޮރީނިއޯ
ފޯވާޑުން މިއަށް ވުރެ ސީރިއަސް ވާން ޖެހޭ: މޮރީނިއޯ

ބްރުސެލްސް، ބެލްޖިއަމް (އޭޕްރިލް 14) – ޔުއެފާ ޔުރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ބެލްޖިއަމްގެ އެންޑަލެކްޓާ 1-1 އިން މެންޗެސްޓާ ޔުނައިޓެޑް އެއްވަރުވުމުން އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ފޯވާޑުންނާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

އެންޑަލެކްޓް ދަނދުގައި ކުޅުނު މި މެޗުގެ 36 ވަނަ މިނެޓުގައި ހެންރިކް މިކިތާރްޔަން ވަނީ ޔުނައިޓެޑަށް ލީޑު ނަގައިދީފަ އެވެ. އެންޑަލެކްޓުން އެއްވަރުކުރީ 86 ވަނަ މިނެޓުގައި ލީންޑާ ޑެންޑޮންކާ ޖެހި ގޯލުންނެވެ.

"އަހަންނަކީ މެންޗެސްޓާ ޔުނައިޓެޑުގެ ޑިފެންޑަރެއް ނަމަ ފޯވާޑުންނާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހޭނެ. އެ މީހުން (ޑިފެންޑަރުން) ސީރިއަސް މަސައްކަތެއް ކުރި. އެކަމަކު މެޗު ނިންމާލަން ޖެހޭ މީހުން (ފޯވާޑުން) ނުކުރޭ،" މޮރީނިއޯ ބުންޏެވެ.

ރޭގެ މެޗުގައި ޔުނައިޓެޑުން 16 ޝޮޓް ފޮނުވާލި އެވެ. ޕްރިމިއާ ލީގުގެ ގަދަ ޓީމުތަކުގެ ތެރެއިން ވެސް މި ސީޒަނުގައި ގޯލް ޖެހުމުގެ ބައި އެންމެ ދަށް އެއް ޓީމަކީ ޔުނައިޓެޑެވެ. ޗެލްސީ އާއި ޓޮޓެންހަމް ހޮޓްސްޕާސް އާއި ލިވަޕޫލާއި މެންޗެސްޓާ ސިޓީ އަދި އާސެނަލުން 60 އަށް ވުރެ ގިނަ ގޯލް ޖަހާފައިވާއިރު ޔުނައިޓެޑަށް ޖެހިފައިވަނީ 46 ގޯލެވެ.

"ހަމަ އާއްމު މައްސަލަ މިދިމާވަނީ. އަހަރެމެން އަތުގައި ކޮންޓްރޯލް އޮތީ. އަހަރެމެންނަށް ފުރުސަތު ލިބުނު. އެކަމަކު ބޭނުންވާ ވަރަށް ގޯލެއް ނުޖެހޭ،" މޮރީނިއޯ ބުންޏެވެ. "މިއަށް ވުރެ ސީރިއަސްވާން އެބަޖެހޭ."

އޯލްޑް ޓްރެފޯޑުގައި ކުޅޭ ދެ ވަނަ ލެގު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެރޭ އެވެ. އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމަށް ޔުނައިޓެޑުން ވަނީ ޔުރޮޕާ ލީގު ކާމިޔާބުކުރަން އަމާޒު ހިފައިފަ އެވެ.