14 އެޕްރީލް 2017 - 14:24

މެރެތަން ރޭހެއް ފުރިހަމަކުރުމަކީ ދުވުމަށް ލޯބިކުރާ ގިނަ ބަޔެއްގެ ހުވަފެނެކެވެ. ޖުމްލަ 42 ކިލޯމީޓަރުގެ މި އުނދަގޫ، ބުރަ ރޭސް އެއް ފަހަރު ނަމަވެސް ޖަހާލެވޭނީ އާދަޔާހިލާފު ހިތްވަރެއް ހުރެގެންނެވެ. އެހެންވެއްޖެ ނަމަ ހަޔާތުގައި ތިން ސަކޭތައެއްހާ މެރެތަން ދުވެވޭނީ ކިހާ ހިތްވަރެއް ހުރެގެން ހެއްޔެވެ؟

ޓީއެފްޖީން ހުޅުމާލޭގައި މިއަދު ބޭއްވި ކޮކާކޯލާ ލޯންގް ރަންގައި މެރެތަން ރޭސް ފުރިހަމަކުރި އެމެރިކާގެ އުމުރުން 67 އަހަރުގެ ބްރެންޓް ވީނާ އަކީ އޭގެ ލާމަސީލު މިސާލެކެވެ. މިއަދުގެ ރޭހާ އެކު އޭނާ ޖެހި މެރެތަން ރޭހުގެ އަދަދު 288 އަށް އެރީ އެވެ. ވީނާ ބުނި ގޮތުގައި އޭނާގެ ހުރިހާ ހިތްވަރަކީ ވެސް ދުވުމަށް ޖެހިފައިވާ އާދަޔާހިލާފު ލޯތްބެވެ.

"ދޫނިތައް އުދުހޭ ފަދައިން، މަސްތައް ފީނާ ފަދައިން، އަހަރެން ދުވަނީ. މިއީ އަހަރެން ކުރަން ބޭނުންވާ ކަމަކީ،" ދުނިޔޭގެ 125 ގައުމެއްގައި ދުވެފައިވާ ވީނާ މިއަދު ބުންޏެވެ. "އަހަރެން ދިރި ހުންނަނީ ދުވުމަށްޓަކައި."
މީގެ 49 އަހަރު ކުރިން، 1967 ވަނަ އަހަރު އެންމެ ފުރަތަމަ މެރެތަން ރޭހެއް ޖެހި ވީނާގެ އާދަޔާހިލާފު ދަތުރުގައި އޭނާ ވަނީ ދުވުމުގައި ކުރެވޭނެ ހުރިހާ ތަޖުރިބާއެއްކޮށްފަ އެވެ. އުތުރު ތަނޑި އާއި ދެކުނު ތަނޑީގެ އިންތިހާ ދަރަޖައިގެ ފިނީގައި ދުވެފި އެވެ. އެފްރިކާގެ ހަނަފަސް ސަހަރާތަކާއި މެދުއިރުމަތީގަ ގަދަ ހޫނުގައި ވެސް އޭނާގެ ހިތްވަރު ސާބިތުކޮށްދީފި އެވެ. ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ އެވަރެސްޓުގެ ބޭސް ކޭމްޕުގައި، 7000 މީޓަރު އުހުން ފެށިގެން އަޑިގުޑަން ގިނަ ދަތި އުނދަގޫ މަގުތަކާއި ހިތްފަސޭހަ އަރާމު މާހައުލުތަކުގައި ވެސް މެ އެވެ. ދިވެހިރާއްޖެ އަކީ އޭނާގެ ތަޖުރިބާގެ ލިސްޓަށް އިތުރުވި އަނެއްކާ ވެސް މުޅިން ތަފާތު ތަނެކެވެ.
"ވަރަށް ރީތި މިތަން. މޫދުގެ ނޫކަން ވަރަށް ގަދަ. އަނެއްކާ އެހާ ސާފުތާހިރު. ވަރަށް ތަފާތު ތަޖުރިބާއެއް މިވެސް،" ވީނާ ބުންޏެވެ.
ރޭހުގެ އިންތިޒާމްތަކާ މެދު ވެސް އޭނާ ހުރީ ހިތްހަމަޖެހިފަ އެވެ. ހަމައެއާ އެކު ދިވެހިންގެ ހިތްހެޔޮކަމަކީ އޭނާ ފާހަގަކޮށްނުލައި ދޫކޮށްލަން ބޭނުންވި ކަމެއް ނޫނެވެ.
"އިއްޔެ މަގުމަތިން ދަމުން ޕޯސްޓް އޮފީސް ހުންނަތަން މީހެއް ކައިރީ އަހާލުމުން އުފަލާ އެކު ވަގުތުން ކިޔައިދިން. ހާދަ ހިތްހެވޭ. މިތަނުން އެންމެ ފާހަގަވި އެއް ކަމަކީ އެއީ،" ވީނާ ބުންޏެވެ.
ކިތަންމެ ގިނަ މެރެތަން ދުވެފައިވިޔަސް އަދިވެސް ވީނާ އަށް ހިތްވަރު ބޭނުންވެ އެވެ. މިއަދު ޓީއެފްޖީ ރޭހުގައި ދުވިއިރު އޭނާ އަށް އެ ހިތްވަރު ދިނީ، ރާއްޖެ ފަހުރުވެރިވާ މެރެތަން ދުވުންތެރިޔާ ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) އެވެ. ރާއްޖޭގެ މެރެތަން ރެކޯޑް 27 އަހަރު ވަންދެއް ދެމެހެއްޓި ކުޑަހުސެން ވަނީ ވީނާއާ އެކު، ރޭސް އެއްކޮށް ފުރިހަމަކޮށްފަ އެވެ.
"އޭނާ އަހަންނަށް ކޯޗުކޮށްދިން. ބައެއް ފަހަރު އަހަންނަށް ހުއްޓުން އެރުމުން އޭނާ ހިތްވަރުދިން. އޭނާ އަހަރެން މޯޓިވޭޓްކޮށްދިން. އޭނާއާ މެދު ހިތް ލޯބިން ފުރިއްޖެ،" ފަސް ގަޑިއިރާއި 15 މިނެޓުން ރޭސް ފުރިހަމަކުރި ވީނާ ބުންޏެވެ.
މީގެ 12 ވަރަކަށް ދުވަސް ކުރިން، ދުނިޔޭގެ އެންމެ ވަރުގަދަ އެއް ރޭސް ކަމަށްވާ އަޔަންމޭން ފުރިހަމަކުރި ކުޑަހުސެން އަށް ވެސް، ވީނާއާ އެކު ދުވުމަކީ ބޮޑު ހިތްހަމަޖެހުމެކެވެ.
ދުވުމާއި ފެތުމާއި ބައިސިކަލް ދުއްވުން ހިމެނޭ އަޔަންމޭން ޓްރައިތަލޯން ރޭހަށް ފަހު ރަނގަޅަށް ރިކަވާނުވަނީސް ހުސެން މި ރޭހުގައި ދުވަން ނިންމި ސަބަބަކީ ވެސް، ވީނާ ފަދަ ތަޖުރިބާކާރަކާ އެކު ދުވެލުމުގެ ފުރުސަތަކީ ދޫކޮށްނުލެވޭނެ ފަދަ ފުރުސަތެއް ކަމަށް ދެކޭތީވެ އެވެ.
"ފަޔަށް ލިބިފައިވާ ގެއްލުމާ އެކު ވެސް ކޮރުޖަހަމުން، ރޭސް ނިންމި ކަމުގައިވިޔަސް މި ރޭހަކީ އެންމެ ހިތްހަމަޖެހުނު އެއް ރޭސް،" ހުސެން ބުންޏެވެ.
ރޭސް ފެށިގެން ނިމެންދެއް އެކުގައި ދުވެ، އެކަކު އަނެކަކުގެ ތަޖުރިބާތަކުގެ ވާހަކަތައް ހިއްސާކޮށް ގާތް އެކުވެރިކަމެއް ވަނީ ގާއިމްވެފަ އެވެ.
މިއަދުގެ ރޭހަށް ފަހު ވީނާ ދެން ދާނީ ކަޒަކިސްތާނުގައި އޮންނަ މެރެތަނަކަށެވެ. އަންނަ ހަފުތާ ބަންދުގައި އެ ރޭސް ދުވުމަށް ފަހު ދެން އޮތް މަންޒިލަކީ ޒެމްބިއާ އެވެ.
"މިކަމަށް ހުއްޓުމެއް ނެތް،" މެރެތަން ދުވުމުގެ އެތައް ކްލަބެއްގެ މެމްބަޝިޕް އޮންނަ ވީނާ ބުންޏެވެ.
މިއަދުގެ ރޭހަށް ފަހު އެތައް ބަޔަކު އޭނާއާ އެކު ފޮޓޯ ނަގައި ހެދި އެވެ. އަދި ދުވުމާ ގުޅޭ ގޮތުން ތަފާތު ސުވާލުތައް ކުރި އެވެ. އޭނާ އަށް ޖަވާބުދޭން އެންމެ އުނދަގޫވި ސުވާލަކީ، މިހާތަނަށް ދުވި އެންމެ އުނދަގޫ ރޭހާ ބެހޭގޮތުން އަމާޒުވި ސުވާލެވެ.
"އެއްވެސް ރޭހެއް ފަސޭހައެއް ނޫން. ވަރަށް އުނދަގޫ ޖަވާބުދޭން. އެކަމަކު 1979 ވަނަ އަހަރުގެ ބޮސްޓަން މެރެތަނަކީ އަހަރެންގެ ފޭވަރިޓް،" ސްޕޮންސަރުންގެ އެހީ އާއި އަމިއްލަ ޖީބުން ހަރަދުކޮށްގެން ދުވުންތަކުގައި ވާދަކުރާ ވީނާ ބުންޏެވެ.
މިކަމުގައި ގިނަ ދުވަސްތަކެއް ވަންދެއް އޭނާ ދެމިހުރުމުގެ ސިއްރަކީ ހަށިގަނޑު ރަނގަޅަށް ރިކަވާކުރުމެވެ. ކޮންމެ ރޭހަކަށް ފަހު ދެ ދުވަސް އޭނާ ހުސްކުރަނީ އެކަމަށެވެ. އެގޮތުން ފެނުގެ ތެރޭގައި ދުވުމާއި ކްރޮސް ޓްރެއިނިން ހެދުން ފަދަ ކަންތައް އޭނާ ގަވާއިދުން ކުރެ އެވެ.
ޖޯގްރަފީ ޓީޗަރަކަށް މަސައްކަތްކުރުމަށް މިހާރު ރިޓަޔާކޮށްފައިވާ ވީނާ ވަނީ ދުވުމަށްޓަކައި އެތައްކަމެއް ގުރުބާންކޮށްފަ އެވެ. ބާސްކެޓްބޯޅަ ކުޅުމާއި ފަރުބަދައަށް އެރުމާއި ޕެރެސެއިލިން ސްކީ ކުރުމާއި އޭނާ ވަރަށް ޝައުގުވެރިވި ކަންކަމެވެ. އެކަމަކު ދުވުމަށް ހުރަސްއެޅިދާނެތީ އެކަން ހުއްޓާލީ އެވެ.
"އެކަންކަން އަހަރެން ހުއްޓާލީ ދުވުމަށް ހުސްވާން. ދުވުމަށްޓަކައި އަހަރެން ޝައުގުވެރިވި އެހެން ބައެއް ކަންކަން ގުރުބާންކުރީ،" ވީނާ ބުންޏެވެ.
އޭނާ ބޭނުންވަނީ އެންމެ ފަހު ދުވަހާ ހަމަޔަށް ވެސް ދުވުމުގައި ދެމި ހުންނާށެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ދުވެ ތަފާތު ތަޖުރިބާތައް ކުރުމަށް އޮތް ޝައުގަށް ކުޑަ ވެސް ބަދަލެއް ނާދެ އެވެ.
"އެ މީހުން އަހަރެން ވަޅުލަންދެއް ދުވާނަން،" ވީނާ ބުންޏެވެ.