ބަދަލު ހިފުން - އެއީ އެންމެ ރަނގަޅު ގޮތް ބާ؟
ބަދަލު ހިފުން - އެއީ އެންމެ ރަނގަޅު ގޮތް ބާ؟

ސޯޝަލް މީޑިއާގައި ތިމާ ހިއްސާކޮށްލާ ވާހަކައަކާ ގުޅިގެން އެހެން މީހަކު ނުކިއްސަރު ގޮތަކަށް ރައްދެއް ދީފި ނަމަ ތިބާ އަމަލު ކުރާނީ ކިހިނެއް ހެއްޔެވެ؟ ހަމަ ޔަގީނުން ވެސް އެ ދެބަސްވި މީހަކާ ދެކޮޅަށް އެއްޗެއް ބުނެލާ ހިތް ވާނެ އެވެ. މައްސަލައިގެ ފަހު ބަސް އިއްވާ މީހަކީ ތިމާ އަށް ވާން ވެސް ބޭނުންވާނެ އެވެ. އަދި ތިމާގެ ފިކުރާ ދެކޮޅަށް ވާހަކަ ދެއްކި މީހާގެ ބަހަކީ އެއްވެސް އެއްޗެއް ނޫންކަން ހާމަކުރުމަކީ މިފަދަ ހާލަތެއްގައި ތިމާއަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމެކެވެ. އެހެން ނޫންތޯ އެވެ؟

ބަދަލު ހިފުމުގެ ރޫހަކީ ނަފުރަތާއި ރުޅިވެރިކަމުގެ ތެރެއަށް މީހާ ގަންބާލުމުގެ އެއް އަސްލެވެ. ގިނަ ފަހަރަށް މިހެން ދިމާވަނީ ނޭނގި އެވެ. މިސާލަކަށް، ރަހަ މީރު ކާއެއްޗަކަށް މީހަކު ދެވިހިފާ ބީދައިން، ބަދަލު ހިފުމުގެ ރޫހު ތިމާގެ ހިތަށް ވެރިވެގެންފި ނަމަ، މީހާގެ މުޅި ސިކުނޑި އެކަމުގައި ވަކި ހިއްޕާލަ އެވެ. އެހެންކަމުން، މި ނުރައްކާތެރި، ޝައިތޯނީ އަމަލުން ރައްކާތެރިވާން ދަސްކުރުމަކީ މުހިއްމު ކަމެކެވެ.

ބަދަލު ހިފުމުގެ ނުރައްކާތެރި އާދައިން ރެކެން މިތުރަކު ބޭނުން ކުރާ އުކުޅެއްގެ ވާހަކަ ހިއްސާ ކޮށްލާނަމެވެ. އޮފީހުގައި މަސައްކަތް ކުރާއިރު، އޭނާ ރުޅި އިސްވާ ޒާތުގެ އީމެއިލްއެއް މީހަކު ފޮނުވައިފި ނަމަ، ވަގުތުން އެކަމާ ދެކޮޅު ހަދައި ރައްދުގެ ޖަވާބު އޭނާ ތައްޔާރު ކުރެ އެވެ. އެކަމަކު އަމިއްލަ ހިޔާލާއި ފިކުރާއި އުދާސްތަކާ އެކު ތައްޔާރު ކުރާ އެ މެސެޖު ނުފޮނުވައި އޭނާ ބަހައްޓަނީ އެވެ. އަދި، އޭގެ އެއް ދުވަސް ފަހުން، އެ މެސެޖް ފޮހެލަނީ އެވެ. މިއީ ވެސް ބަދަލުހިފުމުން އެއްކިބާވެ ހުރުމަށް އަމަލު ކުރެވިދާނެ ރަނގަޅު ގޮތެކެވެ. ނޫންތޯ އެވެ؟

ކޮންމެއަކަސް، ބަދަލު ހިފުމުގެ ރޫހަކީ ވަރަށް ނުރައްކާތެރި ވަބާއެކެވެ. އޭގެ ސަބަބުން ގާތް ގުޅުންތައް ކިލަނބު ވެ އެވެ. ކުރިމަގުގެ އުއްމީދުތަކަށް ހުރަސް އެޅި، އަދި ތިމާއަށް މީހުން ކުރާ ގަދަރު ވެސް ކުޑަ ވެ އެވެ. އެހެންކަމުން، ކަމެއްގައި ބަދަލު ހިފަން ނިޔަތްގަތުމުގެ ކުރިން އެފަދަ ކަމަކުން ނިކުމެދާނެ ހިތި ނަތީޖާއާ މެދު ވިސްނާލުމަކީ ވަރަށް މުހިއްމު ކަމެކެވެ. ހަނދާނުގައި ބަހައްޓަން ޖެހޭ ހަގީގަތަކީ ބައެއް ފަހަރަށް ނަތީޖާ ފޮނިވާނެ ކަމަށް ހިތައި ކުރެވޭ އަމަލުތަކުގެ ނިމުން ހިތިވާނެ ކަމެވެ. ބަދަލު ހިފުމަކީ އެފަދަ ނޭދެވޭ އަމަލެކެވެ.