14 އެޕްރީލް 2017 - 07:12

މި އިވެންޓުގެ އެންމެ ފަހު ރޭސް ކަމަށްވާ 5 ކިލޯމީޓަރުގެ ރޭސް ފަށައިފި. މިއީ ހުޅުމާލެ ވަށައި އެއް ބުރު ޖަހަން ޖެހޭ. އެންމެ ގިނަ ދުވުންތެރިން ބައިވެރިވެފައިވަނީ މި އިވެންޓުގައި.

މި ރޭހުގައި ދުވުންތެރިން ރޭސް ނިންމާ ޓައިމިން ބަލަނީ ބިބުގައި ހަރުކޮށްފައި ހުންނަ އިލެކްޓްރޯނިކް ޓައިމިން ޗިޕެއް މެދުވެރިކޮށް. ރާއްޖެއަށް އިލެކްޓްރޯނިކް ޓައިމިން ތައާރަފްކުރީ ވެސް ޓީއެފްޖީން. އެގޮތުން 2013 ވަނަ އަހަރު ބޭއްވި ފުރަތަމަ ޓީއެފްޖީ ލޯންގް ރަންގައި ވަނީ ބޫޓުގައި ހަރުކުރާ ޗިޕެއް މެދުވެރިކޮށް ޓައިމިން ބަލައިފައި. ރޭސް ނިންމާ ކޮންމެ ބައިވެރިޔަކަށް މެޑެއްޔެއް ދޭއިރު، އެ ސަގާފަތް ވެސް ރާއްޖޭގެ ރޭސްތަކަށް ތައާރަފްކުރީ ޓީއެފްޖީން.

ޖުމްލަ 210 ދުވުންތެރިންނާ އެކު 2013 ވަނަ އަހަރު 10 ކިލޯމީޓަރު އަދި ހާފް މެރެތަން އިވެންޓާ އެކު ފެށި ރޭސް އައީ އަހަރަކަށް ވުރެ އަހަރެއް ފެންވަރު ރަނގަޅުވަމުން. ފުރަތަމަ ދެ އަހަރު ހަވީރު ބޭއްވި ރޭސް 2015 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަނީ މެންދަމު 3:20 އިން ފަށައިގެންނެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ މެރެތަން ރޭހެއް ބޭއްވީ 1980ގެ އަހަރުތަކުގެ ފަހުކޮޅު. އޭގެ ފަހުން ގަވާއިދުން މެރެތަން ރޭސްތައް ބޭއްވި ނަމަވެސް ފަހުން އޮތީ ހުއްޓިފައި. ޓީއެފްޖީން 2013 ވަނަ އަހަރު ފެށި މި އިވެންޓަށް މެރެތަން ރޭސް އިތުރުކުރީ 2015 ވަނަ އަހަރު.

މި އިވެންޓުގެ 10 ކިލޯމީޓަރު ރޭހުގައި ޓީއެފްޖީން ތަމްރީންކުރި ގިނަ އަދަދެއްގެ ދުވުންތެރިން ހިމެނޭ. އައި ޗެލެންޖުގެ ނަމުގައި ޓީއެފްޖީން ތިން މަހެއްހާ ދުވަހު ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި ތަމްރީން ދިނީ މުޅިން ހިލޭ. ޓީއެފްޖީގެ އިންސްޓްރަކްޓަރުންގެ ތަމްރީނާ އެކު ދުވާ އޭގެ ތެރެއިން ގިނަ ބައިވެރިންނަކީ މުޅިން އަލަށް 10 ކިލޯމީޓަރު ރޭހެއްގައި ދުވާ ދުވުންތެރިން.

ރޭހުގެ ތިން ވަނަ އިވެންޓް ކަމަށްވާ 10 ކިލޯމީޓަރުގެ ރޭސް ފަށައިފި. މި އިވެންޓުގައި ފުރިހަމަކުރަން ޖެހޭނީ ހުުޅުމާލެ ވަށައި ދެ ބުރު.

ހާފް މެރެތަން ރޭސް ދުވަމުން އަންނަ ފާހަގަކޮށްލެވޭ ދުވުންތެރިންގެ ތެރޭގައި ރާއްޖޭގެ 5000 މީޓަރު ދުވުން، 1500 މީޓަރު ދުވުން އަދި 800 މީޓަރު ދުވުމުގެ ޗެމްޕިއަން މަރިޔަމް އަބްދުލްކަރީމް (މަރީ) ހިމެނޭ.

މި ފަހަރުގެ ރޭހުގެ އެންމެ ހާއްސަ ދުވުންތެރިޔަކީ 300 އެއްހާ މެރެތަން ދުވެފައިވާ ބްރެޓް ވީނާ. ރާއްޖެ އަކީ އޭނާ މެރެތަން ދުވާ 126 ވަނަ ގައުމު. އުމުރުން 67 އަހަރުގެ ވީނާ މިވަގުތު އަންނަނީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ދުވުންތެރިޔާ ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) އާ އެކު މެރެތަން ރޭސް ފުރިހަމަކުރަން.

ފަތިހު 3:30 ގައި ފެށި މެރެތަން ރޭސް ގިނަ ބައިވެރިން ވަނީ ނިންމާފައި. މެރެތަން ރޭހުގައި ހިމެނެނީ 42 ކިލޯމީޓަރު. އެއީ ހުޅުމާލެ ވަށައި 8 ބުރު. ހެނދުނު 6:30 ގައި ފެށި ހާފް މެރެތަން ރޭހުގެ ބައިވެރިން މިހާރު އަންނަނީ ދުވަމުން. މި އިވެންޓަކީ 21 ކިލޯމީޓަރު ނުވަތަ ހުޅުމާލެ ވަށައި ހަތަރު ބުރު.

ރާއްޖޭގައި ބާއްވާ ދުވުމުގެ އެންމެ ބޮޑު އެއް ހަރަކާތް ކަމަށްވާ ޓީއެފްޖީ ކޮކާކޯލާ ލޯންގް ރަންގެ 2017 ވަނަ އަހަރުގެ އިވެންޓް ހުޅުމާލޭގައި ފަށައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ މަގުބޫލު އެއް ޖިމް ހިންގާ ޓީއެފްޖީން އިންތިޒާމްކުރާ މި ރޭހުގައި އޮންނަނީ ފަސް ކިލޯމީޓަރުގެ ރޭހާއި 10 ކިލޯމީޓަރުގެ ރޭހުގެ އިތުރުން ހާފް މެރެތަން އަދި މެރެތަން އެވެ. މީގެ ތެރެއިން މިހާރު ކުރިއަށްދަނީ މެރެތަން އަދި ހާފް މެރެތަން ރޭހެވެ.

ރާއްޖޭގެ މަޝްހޫރު ދުވުންތެރިންނާއި ބޭރުގެ މެރެތަން ދުވުންތެރިން ބައިވެރިވި ނަމަވެސް މި ރޭހުގެ މެޖޯރިޓީ ބައިވެރިންނަކީ ކަސްރަތަށް ދުވާ އާއްމުންނާއި ދުވުމަށް ލޯބިކުރާ އާއްމުންނެވެ. އޭގެ ތެރޭގައި ޕްރޮފެޝަނަލް ވަޒީފާތައް އަދާކުރާ މީހުންނާއި ދެ ޖިންސުންގެ ޒުވާނުންނާއި އުމުރުންދުވަސްވީ މީހުން ވެސް ހިމެނެ އެވެ. މި ފަހަރުގެ ރޭހުގައި 800 ބައިވެރިން ދުވެ އެވެ.

މި ފަހަރުގެ ރޭހުގެ ވެސް މެއިން ސްޕޮންސަރަކީ، 2013 ވަނަ އަހަރުން ފެށިގެން ވެސް ރޭހަށް އެހީތެރިވަމުން އަންނަ ކޮކާކޯލާ އެވެ. އިންޝުއަރެންސް ޕާޓްނަރެއްގެ ގޮތުގައި އެލައިޑް އިންޝުއަރެންސް ބައިވެރިވާއިރު އެމްޓީސީސީ އާއި އެޗްޑީސީ އާއި އެސްޓީއޯގެ އެހީތެރިކަން ވެސް ޓީއެފްޖީ އަށް ލިބޭނެ އެވެ. ޕްރިންޓް ޕާޓްނަރަކަށް ޕްރިންޓް ލެބް، އެޓަޔާ ޕާޓްނަރަކަށް ސޮނީ ސްޕޯޓްސް، ފަސްޓް އެއިޑް ޕާޓްނަރަކަށް ރެޑްކްރެސެންޓް މޯލްޑިވްސް، ހޮޓެލް ޕާޓްނަރަކަށް ސަމަސެޓް ހޮޓެލް، ފޮޓޯގްރަފީ ޕާޓްނަރަކަށް ކޭއާރް ފޮޓޯގްރަފީ ހަރަކާތްތެރިވާއިރު އެންޓެޓެއިނިން ޕާޓްނަރަކީ ޑީޖޭ އުމަރެވެ. ކޮކާކޯލާ ޓީއެފްޖީ ލޯންގް ރަންގެ މީޑިއާ ޕާޓްނަރަކީ މިހާރު ނޫހެވެ.