14 އެޕްރީލް 2017 - 06:30

މިއީ ސައިންސްވެރިން ދިރާސާއެއް ކޮށްގެން ނޫނީ ނޭނގޭ ވަރު ކަމެއް ހެއްޔެވެ؟ އެކަމަކު ބޫޓުގެ ނާޑުވާގައި ކިތަންމެ ބާރަށް ގޮށް ޖަހާފައި ދުވަން ފެށިޔަސް އިރުކޮޅަކުން ގޮށް ދޫވެ މޮހިފައި އޮންނާތީ ހައިރާނެއް ނުވޭ ހެއްޔެވެ؟ އެހާ ބާރަށް ޖަހާ ގޮށް އެހާ ފަސޭހައިން މޮހެނީ ކީއްވެގެންކަން އެނގިގެން ނޫނީ މިކަމަށް ހައްލެއް ނެތެވެ. އެހެންވެ ސައިންސްވެރިން މިކަމަށް ދިރާސާއެއް ކުރީ އެވެ.
ބޫޓުގެ ނާޑުވާ އެހާ ފަސޭހައިން މޮހޭ ސަބަބެއް ކަމަށް، ޔުނިވާސިޓީ އޮފް ކެލިފޯނިއާ ބާކްލޭގެ ސައިންސްވެރިން ގަބޫލުކުރާ ސަބަބަކީ މިއީ އެވެ؛
ބިމުގައި ފައި ޖެހޭ ބާރުމިނުގައި ނާޑުވާއަށް ވާންވުމަށް ފަހު ކުރުގެޅެ އެވެ. މިކަމުގެ ސަބަބުން ގޮށަށް ދޫވެ އެވެ. އަދި މިގޮތަށް ދޫވާ ވަގުތު އަނެއްކާވެސް ބިމުގައި ފައި ޖެހި، ނާޑުވާގެ ދެކޮޅު އެކި އަތްއަތަށް ހޫރުމުން، އަތުން ގޮށެއް މޮހާލާ ފަދަ ގޮތަކަށް ގޮށް ދޫވެގެން ދަނީ އެވެ.
ނާޑުވާ މޮހޭ ސަބަބު ސައިންސްވެރިން ހޯދުމަކީ އާދައިގެ ކަމެއް ނޫނެވެ. ދިރާސާ ޓީމުން ބުނީ ނާޑުވާއަށް މިވާ ގޮތް ޑީއެންއޭގެ ސްޓްރަކްޗާއާ ވެސް ވާނެ އެވެ.
ނާޑުވާ މޮހޭ ގޮތް ދެނެގަތުމަށް ސައިންސްވެރިން ވަނީ ސްލޯމޯޝަން ކެމެރާ ބޭނުންކޮށް އެކި އެކްސްޕެރިމެންޓްތައް ވެސް ހަދައިފަ އެވެ. މި ހޯދުންތަކުން އެނގުނު ގޮތުގައި ބޫޓުގެ ނާޑުވާގައި ޖަހާ ގޮށަށް، ފައިގެ ހަރަކާތްތަކުން އަންނަ ބާރާ އެކު ދޫވެގެން ދަނީ މަދު ސިކުންތުކޮޅެއްގެ ތެރޭގަ އެވެ.
މިއީ އެކި ވައްތަރުގެ ގޮށުގެ ތަފާތާއި، ގޮށުގެ ވަރުގަދަކަން ވެސް ދެނެގަނެވުނު ދިރާސާއެއްގެ ގޮތުގައި ސައިންސްވެރިން ފާހަގަކުރެ އެވެ. އެކި މެޓީރިއަލްތަކުގެ ނާޑުވާގައި ގޮށް މޮހޭ ފަސޭހަމިން ތަފާތުވިޔަސް، ގޮށް ދޫވަނީ ހަމަ އެއް ސަބަބަކާ ހުރެކަން ވެސް ދިރާސާއިން އެނގުނެވެ.