ޕަސިންޖަރުންނަށް ބަދަލު ދޭން ޔުނައިޓެޑް އެއާލައިންސް އިން ނިންމައިފި
ޕަސިންޖަރުންނަށް ބަދަލު ދޭން ޔުނައިޓެޑް އެއާލައިންސް އިން ނިންމައިފި

ވޮޝިންޓަން (އެޕްރީލް 13) - ގަދަބާރުން ޕަސިންޖަރަކު ބޭލި ހާދިސާ ހިނގި ފްލައިޓުން ދަތުރުކުރި ހުރިހާ ޕަސިންޖަރުންގެ ޓިކެޓް ރިފަންޑްކޮށްދޭނެ ކަމަށް ޔުނައިޓެޑް އެއާލައިންސް އިން ބުނެފި އެވެ.

ޕަސިންޖަރުންނަށް ބަދަލު ދޭން ޔުނައިޓެޑް އެއާލައިންސް އިން ނިންމައިފި
ޕަސިންޖަރުންނަށް ބަދަލު ދޭން ޔުނައިޓެޑް އެއާލައިންސް އިން ނިންމައިފި

ޝިކާގޯ އިން ކެންޓަކީ އަށް މިދިޔަ އާދިއްތަ ދުވަހު ދަތުރު ކުރަން ހަމަޖެހިފައިވާ ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓް އޯވަބުކްވުމުން ހަތަރު ޕަސިންޖަރަކު ފޭބުމަށް އެންގުމުން އޭގެ ތެރޭން އެކަކު ދެކޮޅު ހެދުމުން ގަދަބާރުން އޭނާ ވަނީ ބޯޓުން ބާލުވައިފަ އެވެ. އޭނާ ގަދަކަމުން ގެންދިއުމުގެ ތެރޭގައި ގޮނޑީގެ އަތްގަނޑުގައި ބޯޖެހުމުން އަނގައިން ވަނީ ލޭ ވެސް އައިސްފަ އެވެ. ޗައިނީޒް ދަރިކޮޅު ޑޮކްޓަރެއް ކަމަށްވާ ޑޭވިޑް ޑާއޯ ގަދަބާރުން ދަމާފައި ބޯޓުން ބޭލި ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވުމާ ގުޅިގެން އެ އެއާލައިނަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ. އަދި އެއާލައިން ބޮއިކޮޓް ކުރުމަށާއި ސީއީއޯ އޮސްކާ މުނޯޒް އިސްތިއުފާ ދިނުމަށް ވެސް ދަނީ ގޮވާލަމުންނެވެ. އަދި ބައެއް ފަރާތްތަކުން ދަނީ މުނޯޒް އިސްތިއުފާ ދިނުމަށް ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ.

ޑާއޯ ބޯޓުން ބޭލި ޝިކާގޯ އޭވިއޭޝަން ޑިޕާޓްމަންޓުގެ ތިން އޮފިސަރުން މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ. މުނޯޒް ވިދާޅުވީ ޓިކެޓް ގަނެފައިވާ ޕަސިންޖަރަކު ބޯޓުން ބޭލުމަށް ސިކިއުރިޓީ އޮފިސަރުންނަށް މީގެ ފަހުން ނާންގާނެ ކަމަށެވެ. ޕަސިންޖަރުގެ ކިބައިން މައާފަށް އެދުމަށް އޭނާއާ ސީދާ ގުޅުން ކުރި މަސައްކަތް އަދި ކާމިޔާބު ނުވާ ކަމަށް ވެސް މުނޯޒް ވިދާޅުވި އެވެ.

އަނިޔާވި ޑާއޯ އަށް ޝިކާގޯގެ ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ. އޭނާގެ ވަކީލުން ވަނީ ނޫސްވެރިންނާ މިއަދު ބައްދަލުކުރަން ހަމަޖެހިފަ އެވެ.