އީރާނުގެ ސާފުނުކުރާ ތެޔޮ އުފުލުމުގެ ސަބަބުން އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ތެޔޮ ޓޭންކަރަކަށް، ރޭގަނޑުގެ ވަގުތެއްގައި އިންޑިއާ ކަނޑުން އެމެރިކާގެ ސިފައިން އަރާފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ހުކުރު ދުވަހު ބުނެފި އެވެ.
"އެމެރިކާގެ ސިފައިން ވަނީ އިންޑިއާ ކަނޑުގައި އޮތް، ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އަދި ދައުލަތެއްގެ ދިދައެއް ނެތް އުޅަނދެއް ކަމަށްވާ 'އެމް.ޓީ. ޑެވީނާ' ހުއްޓުވައި، އޭގެ ތެރެއަށް ވަދެފައި،" އެމެރިކާގެ އިންޑޯ-ޕެސިފިކް ކޮމާންޑުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
"ޣައިރުގާނޫނީ ނެޓްވޯކްތައް ރޫޅާލުމަށާއި، އީރާނަށް މާއްދީ އެހީތެރިކަން ފޯރުކޮށްދޭ އުޅަނދުތައް ހުއްޓުވުމަށްޓަކައި، ދުނިޔޭގެ ކޮންމެ ސަރަހައްދެއްގައި ވިޔަސް، ކަނޑުމަގުން ބަލައިފާސްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނަން،" އެ އޮޕަރޭޝަންގެ ފޮޓޯތަކާއި ވީޑިއޯ ކްލިޕެއް ހިމަނާފައިވާ އެ ޕޯސްޓުގައި ބުނެފައިވެ އެވެ.
'ޑެވީނާ' އަށް އެމެރިކާގެ ޓްރެޒަރީން 2024 ވަނަ އަހަރު ދަތިކުރުމުގެ ފިޔަވަޅު އެޅީ، އެ އުޅަނދުން އީރާނުގެ ތެޔޮ ޗައިނާއަށް ފޯރުކޮށްދީފައިވާ ކަމަށް ބުނެ އެވެ.
ފެބުރުއަރީ މަހުގެ ފަހުކޮޅު އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ފެށި ހަނގުރާމައަށް ފަހު، އީރާންގެ ސިފައިން ވަނީ ގަލްފް ސަރަހައްދާއި އިންޑިއާ ކަނޑު ގުޅުވައިދޭސްޓްރެޓީޖިކް ކަނޑުއޮޅިއެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށް، ކަނޑުމަގުން ހިސާރުކޮށްފަ އެވެ.
އޭގެ ފަހުން އެމެރިކާއިން ވެސް ވަނީ އީރާނުގެ ބަނދަރުތައް ބަންދުކޮށް އަމިއްލަ ހިސާރެއް ގާއިމުކޮށްފަ އެވެ. އަދި ގިނަ އަދަދެއްގެ އުޅަނދުފަހަރުގެ މިސްރާބު ބަދަލުކޮށްލާފައިވާއިރު، އެންގުމަށް ތަބާވާން ދެކޮޅު ހެދި ހަ އުޅަނދަކަށް އެމެރިކާއިން ވަނީ ހަމަލާ ދީފަ އެވެ. -- އޭއެފްޕީ