13 އެޕްރީލް 2017 - 15:21

ޖީއެސްޓީގެ ގޮތުގައި ލިބުނު މިންވަރު އިތުރުވެ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް މިދިޔަ މަހު އާމްދަނީގެ ގޮތުގައި ޖުމްލަ 1.3 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ދައުލަތުގެ ޓެކްސް އިދާރާއިން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ޖީއެސްޓީ އާއި އެއާޕޯޓް ސާވިސް ޗާޖާއި ރެމިޓެންސް ޓެކްސް އަދި ޓޫރިޒަމް ބޭނުންތަކަށް ވިއްކި ބިމަށާއި އަދި ޓޫރިޒަމް ބޭނުމަކަށް ބަދަލުކުރި ބިމަށް ދެއްކި ފައިސާއިންނެވެ. އެއާ އެކު މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީ ވަނީ 19 ޕަސެންޓް އިތުރުވެފައި ކަމަށް އެ އިދާރާއިން ބުންޏެވެ.
ނަމަވެސް އެއީ ކުރިން ލަފާކުރި މިންވަރަށް ވުރެ 3.3 ޕަސެންޓް ދަށް އަދަދެކެވެ.
މީރާއަށް މިދިޔަ މަހު ޖީއެސްޓީގެ ގޮތުގައި 665.9 މިލިއަން ރުފިޔާ ލިބުނެވެ. އޭގެ އިތުރުން އެއާޕޯޓް ސާވިސްޗާޖުގެ ގޮތުގައި 73.3 މިލިއަން ރުފިޔާ، ރެމިޓެންސް ޓެކްސްގެ ގޮތުގައި 10.4 މިލިއަން ރުފިޔާ އަދި ޓޫރިޒަމް ބޭނުންތަކަށް ވިއްކި ބިމަށާއި ޓޫރިޒަމް ބޭނުމަކަށް ބަދަލުކުރި ބިމަށް 65.6 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.
މިދިޔަ މަހު މީރާއަށް ޑޮލަރުން އެކަނި ވެސް ޓެކްސްގެ ގޮތުގައި 62.3 މިލިއަން ޑޮލަރު ދައްކާފައިވެ އެވެ. އެ އިދާރާގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ތިން މަސް ނިމުނުއިރު މީރާއަށް 4.5 ބިލިއަން ރުފިޔާ ލިބުނެވެ.