އައްޑޫ ސިޓީ ކައުންސިލުން 2023 އާއި 2024 ވަނަ އަހަރު ސަރުކާރުގެ ސާކިއުލާއާ ހިލާފަށް ރާއްޖެ އިން ބޭރަށް ކުރި ދަތުރުތަކަށް 1.2 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓަކުން ދައްކައިފި އެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު ވަނީ 2022، 2023 އަދި 2024 ވަނަ އަހަރަށް ނިމުނު މާލީ އަހަރުތަކުގައި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ މާލީ ބަޔާންތަކާއި ގާނޫނުތަކާއި ގަވާއިދުތަކަށް އަމަލުކޮށްފައިވާ ގޮތް އޮޑިޓްކޮށް، އޭގެ ރިޕޯޓު އާންމުކޮށްފަ އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ މާލީ ހިސާބުތައް މައިގަނޑު ގޮތެއްގައި ސައްހަ ނަމަވެސް، ކައުންސިލްގެ ހިންގުމުގައި ޕްރޮކިއުމަންޓް ދެފުށް ފެންނަ ގޮތަށް ކުރިއަށް ނުގެންދިއުމާއި އެއްބަސްވުންތައް މޮނިޓާ ނުކުރުމާއި ކުލީ ބިންތަކުން ލިބެން ޖެހޭ ފައިސާ ނުހޯދުން އަދި ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފު ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.
ރާއްޖެއިން ބޭރަށް ކޮށްފައިވާ ދަތުރުތަކުގެ ހަރަދުތައް
- 2023 ވަނަ އަހަރު މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ތަޖުރިބާ ދަތުރު:10 ބައިވެރިން ހިމެނޭ އެ ދަތުރަށް ކައުންސިލްގެ ބަޖެޓުން 515,101ރ. ހަރަދުކޮށްފައިވޭ. މީގެ ތެރެއިން 65,381ރ. ހަރަދުކޮށްފައި ވަނީ ދަތުރުގެ މަގުސަދާ ގުޅުމެއް ނެތް އިވެންޓް މެނޭޖްމަންޓް ކޯހަކަށް. އަދި ދަތުރުން ހާސިލުވިކަންކަން ބޭނުންކުރާނެ ގޮތުގެ ތަފުސީލު ލިޔުމުން ބަލަހައްޓާފައެއް ނެތް.
- 2024 ވަނަ އަހަރު މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ތަޖުރިބާ ދަތުރު: އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ދަތުރަށް 685,509ރ. ހަރަދުކޮށްފައިވޭ. މީގެ ތެރެއިން ދަތުރުގެ ޓްރެއިނިންގައި ބައިވެރިނުވާ ސެކްރެޓަރީ ޖެނެރަލް އަދި ކައުންސިލް މެމްބަރެއްގެ ހުރުމާއި ދަތުރުގެ ހަރަދަށް 116,286ރ. ބަޖެޓުން ހޭދަކޮށްފައިވޭ. މިއީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ނެރެފައިވާ ސާކިއުލާތަކާ ހިލާފަށް ކޮށްފައިވާ ބޮޑެތި ހަރަދުތަކެއް.
ރިޕޯޓުގައި ފާހަގަކުރި އިތުރު މައްސަލަތައް
- މަރަދޫ އަވަށުގެ މަސް މާރުކޭޓުގެ މަސައްކަތް ހަ މަސްދުވަހުގެ ތެރޭގައި ނިންމުމަށް 3.3 މިލިއަން ރުފިޔާއަށް އަމިއްލަ ވިޔަފާރިއަކާ ޑިސެމްބަރު 2021 ގައި ހަވާލުކުރި ނަމަވެސް، މި އަހަރުގެ ފެބްރުއަރީގެ ނިޔަލަށް ވެސް އެ މަސައްކަތް ނިމިފައެއް ނުވޭ.
- ހިތަދު އާއި މަރަދޫ އަދި ހުޅުމީދޫގައި މަސްޕްލާންޓް ގާއިމުކުރުމަށް 2020 ވަނަ އަހަރު ހަވާލުކުރި މަޝްރޫއުތަކުގެ ތެރެއިން މި އަހަރުގެ ފެބްރުއަރީގެ ނިޔަލަށް ނިމި ހުޅުވިފައި ވަނީ ހަމައެކަނި ހިތަދޫ މަސްޕްލާންޓު. މަރަދު އާއި ހުޅުމީދޫ މަސްޕްލާންޓުގެ މަސައްކަތްތައް ނުނިމި ވަނީ ވަރަށް ބޮޑަށް ލަސްވެފައި.
- ވާދަވެރިކަން ގެއްލޭ ގޮތަށް، އެއްކަމެއްގެ ގޮތުގައި ބެލެވޭ ޕްރޮކިއުމަންޓްތައް 35,000ރ. އަށް ވުރެ ކުޑަކުރުމަށް ވަކިވަކިކޮށްގެން ޖުމްލަ 512,733ރ. ހަރަދުކޮށްފައިވޭ.
- ދެހާސްބާވީހާއި 2023 ވަނަ އަހަރު ތެރޭގައި ޖުމުލަ 292,620ރ. ގެ ޕްރޮކިއުމަންޓްތަކަށް ކޮޓޭޝަން ހޯދާފައި ވަނީ ގުޅިފައިވާ ތިންވަނަ ފަރާތަކުން.
- ޑިސެންބަރު 31، 2024 ގެ ނިޔަލަށް ކުލީ ބިންތަކުން ލިބެން ޖެހޭ 13.95 މިލިޔަން ރުފިޔާ އަދިވެސް ނުލިބޭ. މީގެ ތެރެއިން 54 ބިމަކުން ގިނަ ދުވަސްތަކެއް ވަންދެން ކުލި ނުދައްކައިގެން އަރާފައިވާ ބާކީ ފައިސާގެ ޖުމްލައަކީ 7.65 މިލިޔަން ރުފިޔާ. ކައުންސިލުން ހިސާބުތައް ރަނގަޅަށް ބަލަހައްޓާފައި ނުވާތީ އޭހެ ސައްހަކަން ކަށަވަރުކުރެވެން ނެތް.
- ޓޫރިޒަމް ބޭނުމަށް ދޫކޮށްފައިވާ ބިންތަކުގެ ސައިޒު އެއްވެސް އިއުލާނެއް ކުރުމެއް ނެތި ޖުމްލަ 166,340 އަކަފޫޓަށް ބޮޑުކޮށްދީފައިވޭ.
- ބިންތައް އެހެން ފަރާތްތަކަށް ބަދަލުކުރުމުގެ އެއްބަސްވުންތަކުގައި ކުރިން ދީފައިވާ ދެ އަހަރުގެ ގްރޭސް ޕީރިއަޑް އަލުން ދިނުމުގެ ސަބަބުން ސިޓީ ކައުންސިލަށް 5.58 މިލިޔަން ރުފިޔާގެ ގެއްލުންވެފައިވޭ.
- ސިޓީ ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބުނު 492,533ރ. ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައެއް ނުވޭ.
- ކޮންޑިޝަނަލް ގްރާންޓުގެ ދަށުން 1.87 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ކަދުރު ރުއްތައް ހޯދައި، މަރަދޫ އަވަށުގެ ލިންކުރޯޑުގެ ދުވާރުގެ ތާރުގަނޑު ކަނޑައިގެން 100 ރުއް އިންދާފައިވޭ. މީގެ ސަބަބުން ދުވާރު ބޭނުންނުކުރެވޭ ވަރަށް ހަލާކުވެ، ފަސްގަނޑު ދަމައިގޮސް، އެކަންކަން ރަނގަޅުކުރުމަށް ކައުންސިލުން އިތުރު ހަރަދުތައް ކުރަންޖެހުނު.
ބިންތަކުން ކުލީގެ ގޮތުގައި ލިބެން ޖެހޭ ފައިސާގެ ރިކޯޑުތައް ރަނގަޅަށް ބަލަހައްޓައި، ފައިސާ ނުދައްކާ ފަރާތްތަކުން ފައިސާ ހޯދުމަށް ފިޔަވަޅު އެޅުމާ އެކު، އާމްދަނީ ފައިސާ ލަސްނުކޮށް ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރަން އޮޑިޓް ރިޕޯޓުގައި އައްޑޫ ސިޓީ ކައުންސިލަށް ވަނީ ލަފާ ދީފަ އެވެ.
މުއްދަތު ހަމަވެފައިވާ އައްޑޫ ސިޓީގެ ތަރައްގީގެ ޕްލޭން އަދި ފައިނޭންޝަލް ޕްލޭން، ރައްޔިތުންގެ ބައިވެރިވުމާ އެކު ވީ އެންމެ އަވަހަކަށް އެކުލަވާލައި އާންމުކުރަން ވެސް އޮޑިޓް ރިޕޯޓުގައޮ ލަފާ ދީފައިވެ އެވެ.