ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކޮންގްރެސް ބާއްވަން ކުރިން ކަނޑައެޅި ތާރީހު އޯލެވެލް އިމްތިހާނުގެ ދުވަސްވަރާ ދިމާވާތީ އެ އަށް ވުރެ އަވަހަށް ކޮންގްރެސް ބާއްވަން އެ ޕާޓީގެ އާއްމު މަޖިލީހުން ރޭ ފާސްކޮށްފި އެވެ.
ޕީއެންސީގެ އިސް ބޭފުޅަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި ކޮންގްރެސް އަވަސް ކުރަން ރޭގެ ބައްދަލުވުމަށް ހުށަހެޅުއްވީ ޕާޓީގެ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެ ހުށަހެޅުން ފާސްކުރީ އޭނާ ވިދާޅުވި ގޮތުގައި ރޭގެ ބައްދަލުވުމުގައި ބައިވެރިވެ ވޯޓު ދިން މެންބަރުންގެ އިއްތިފާގުންނެވެ.
"ކުރިން ކަނޑައެޅި ތާރީހު މި ދިމާވަނީ ޖީސީއީ އޯލެވެލް އިމްތިހާނު ބާއްވާ ދުވަސްވަރާ. އެހެންވެ ރައީސް އެދިވަޑައިގެންނެވީ އެ އަށް ވުރެ އަވަސްކުރަން،" އޮފިޝަލް ވިދާޅުވި އެވެ.
ޕީއެންސީގެ ލީޑަޝިޕުން ކުރިން ނިންމާފައި އޮތީ އެ ޕާޓީގެ ކޮންގްރެސް، އަންނަ އޮކްޓޯބަރުމަހު ބާއްވާށެވެ.
މިދިޔަ އޭޕްރިލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އއ. ތޮއްޑު އާއި ރަސްދޫން ލިބުނު ކާމިޔާބީ ފާހަގަކުރަން އެ މަހުގެ 19 ވަނަ ދުވަހު ރަސްދޫގައި ބޭއްވި ޖަލްސާައެއްގައި ރައީސް މުއިއްޒު ގޮވާލެއްވީ ޕީއެންސީގެ ކޮންގްރެސްގެ ތައްޔާރީތައް މުޅި ރާއްޖޭގައި ފެށުމަށެވެ.
އެ މަނިކުފާނު އޭރު ވިދާޅުވީ މިއީ ޕާޓީ ޑިމޮކްރަސީ ހަމަތަކުގެ މަތިން ހަރުދަނާކޮށް، ވަރުގަދަ ކުރުމަށް ލިބޭ އެންމެ މުހިއްމު ދަނޑިވަޅު ކަމަށެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ކުރަންވީ ކަމަކީ މި ކޮންގްރެސް އަށް ތައްޔާރުވުމުގެ މަސައްކަތް ފެށުން ކަމަށެވެ. ހުރިހާ ރަށެއްގެ ސްޓިއަރިން ކޮމެޓީތަކާއި ދާއިރާތަކުގެ ރައީސުން ފަދަ މުހިއްމު މަގާމުތަކަށް ބޭފުޅުން އައްޔަންކުރާ އެ ކޮންގްރެސްއަށް އެންމެ ރަނގަޅު ކެންޑިޑޭޓުން ހޮވުމުގެ މަސައްކަތް ފެށުމަށް ވެސް ރައީސް ގޮވާލެއްވި އެވެ.
"މިއީ ޕާޓީގެ ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ވަރުގަދަކުރުމަށް އެންމެ މުހިއްމު ދަނޑިވަޅު. ކުރިއަށް އޮތް ދުވަސްތަކުގައި ހުރިހާ ރަށެއްގައި އަޅުގަނޑުމެންގެ ސަޕޯޓަރުން ކުރަންވީ ކަމަކީ މި ކޮންގްރެސްއަށް ތައްޔާރުވުމުގެ މަސައްކަތްކުރަންވީ،" ޕީއެންސީގެ ރައީސްގެ ހައިސިއްޔަތުން ރައީސް މުއިއްޒު ވިދާޅުވެފައި ވެ އެވެ.
އެ މަނިކުފާނު ވިދާޅުވީ ރަށްރަށުން ކޮންގްރެސްއަށް ނަގަންވާނީ ގައުމާއި ރަށުގެ މަސްލަހަތުގެ އިތުރުން ދާއިރާގެ މަސްލަހަތު އިސްކުރައްވާނެ ބޭފުޅުން ކަމަށެވެ.