މީހަކު ކުރިއަރައިގެން ދާ ނަމަ ހަސަދަވެރިން ގިނަވާނެ ކަމަށް ބޮލީވުޑްގެ ތަރި އަދި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކަންގަނާ ރަނާވަތު އިއްޔެ ބުނެފި އެވެ.
ކަންގަނާ އެގޮތަށް ބުނީ މިހާރު ބޮލީވުޑްގައި އެންމެ ގަދައަށް ދެކެވެމުންދާ ފިލްމު "ޑޮން 3"ގެ މައްސަލައިގައި، ބޮލީވުޑްގެ ތަރި ރަންވީރު ސިންގްއާ ދެކޮޅަށް ބޮލީވުޑްގެ ފިލްމީ މަސައްކަތްތެރިންގެ އެންމެ ބޮޑު ޖަމިއްޔާ ކަމަށްވާ އެފްޑަބްލިއުއައިސީއީ އިން އަޅާފައިވާ ފިޔަވަޅާ ގުޅޭ ގޮތުން ވާހަކަދައްކަމުންނެވެ.
އެ މައްސަލައަކީ ފަރުހާން އަޚްތަރު ޑައިރެކްޓްކުރާ "ޑޮން 3" އިން ރަންވީރު ކުއްލިއަކަށް ވަކިވުމާ ގުޅިގެން އެފްޑަބްލިއުއައިސީއީން ރަންވީރާ އެކު އެއްވެސް ބަޔަކު މަސައްކަތް ނުކުރުމަށް ނިންމުމާ ގުޅިގެން އުފެދިފައިވާ ހަމަނުޖެހުމެކެވެ.
ކަންގަނާގެ ކުރިއަށް އޮތް ފިލްމު "ބާރަތު ބާގްޔާ ވިދާތާ"ގެ ޓްރެއިލާ ލޯންޗުކުރުމަށް އިއްޔެ ބޭއްވި ހަފުލާގައި އެންޑީޓީވީއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ބޮލީވުޑުން އޮތީ އޭނާ ވެސް "ބޭން"ކޮށްފައި ކަމަށެވެ.
"އަހަރެން ވަނީ ހުރިހާ އެންމެންގެ ފަރާތުން ބޭން (މަނާ) ކޮށްފައި. ތިމާގެ ގާބިލުކަމާއި ހައިސިއްޔަތު އުފުލިގެންދާ ވަރަކަށް ހަސަދަވެރިން ވެސް ގިނަވާނެ. އެހެންވީމާ އެމީހުން ވެސް ވިސްނަންވީ އެމީހުންގެ ހައިސިއްޔަތަކީ ކޮބައިތޯ،" ކަންގަނާ ބުންޏެވެ.
ކަންގަނާ ބުނީ ކާމިޔާބީގެ މަގުގައި ގޮންޖެހުންތަކާ ކުރިމަތިވުމަކީ ވެދާނެ ކަމެއް ކަމަށާއި، އެކަމާ މާޔޫސްވާނެ ކަމެއް ނެތް ކަމަށެވެ. ދިރިއުޅުމުގައި ކުރިއަށް ދާއިރު ހުރަސްތަކާ ކުރިމަތިވާނެ ކަމަށާއި އަބަދު އޮމާން މަގަކުން ކުރިއަށް ދެވޭނެ ކަމަށް އުއްމީދުކޮށްގެން ނުވާނެ ކަމަށް އޭނާ ބުންޏެވެ.
ކަންގަނާގެ އާ ފިލްމު "ބާރަތު ބާގްޔާ ވިދާތާ"އަކީ 26/11 މުމްބާއީ ޓެރަރިސްޓް ހަމަލާގައި ހޮސްޕިޓަލްގެ މުވައްޒަފުން ދެއްކި ހިތްވަރުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. އެ ފިލްމު ސިނަމާތަކަށް އަންނާނީ މި މަހު 12 ގަ އެވެ.
ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ އެއް ޖަމިއްޔާ އިން ރަންވީރުއާ އެކު ފިލްމީ ދާއިރާގެ އެއްވެސް ބަޔަކު މަސައްކަތް ނުކުރުމަށް އަންގައި "ނޮން-ކޯޕަރޭޝަން ޑައިރެކްޓިވް"އެއް ނެރުނީ "ޑޮން 3"ގެ ޝޫޓިން ފެށުމަށް އެންމެ ތިން ހަފުތާއަށް ވެފައި ވަނިކޮށް ކުއްލި ގޮތަކަށް ފިލްމުން އޭނާ ވަކިވުމާ ގުޅިގެންނެވެ.
ރަންވީރު އެ ފިލްމުން ވަކިވީ އޭނާގެ ފަހުގެ ފިލްމު "ދުރަންދަރު"އަށް ލިބުނު ބޮޑު ކާމިޔާބީއަށް ފަހު، "ޑޮން 3"ގެ ސްކްރިޕުޓްގައި ހުރި ބައެއް ކަންކަމާއި، ހާއްސަކޮށް އަނިޔާވެރި މަންޒަރުތަކާއި ބޭނުންކޮށްފައި ހުރި ބައެއް ބަސްމަގާ ހިތްހަމަނުޖެހިގެން، ސްކްރިޕްޓް ބަދަލުކުރަން އެދުމުން އެކަމާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކެއްގައި ކަމަށް ރިޕޯޓްތަކުގައިވެ އެވެ.
އެފްޑަބްލިއުއައިސީއީން ބުނި ގޮތުގައި، މި މައްސަލައިގައި ޖަވާބުދާރީވުމަށް ރަންވީރަށް ތިން ފަހަރެއްގެ މަތިން ނޯޓިސް ފޮނުވުމުން ވެސް އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.
މި ނިންމުމާ ގުޅިގެން މީޑިއާތަކުގައި ރަންވީރު "ބޭން" ކުރި ކަމަށް ޚަބަރު ފެތުރުނު ނަމަވެސް، އެ ޖަމިއްޔާ އިން ފަހުން ބުނެފައި ވަނީ އެއީ ކޯޓެއް ނޫން ކަމުން މީހުން ބޭން ކުރުމުގެ ބާރު އެމީހުންނަށް ނެތް ކަމަށެވެ.
ނަމަވެސް އެޅި ފިޔަވަޅަކީ "ނޮން-ކޯޕަރޭޝަން" ނުވަތަ އެއްބާރުލުން ނުދިނުން ކަމަށާއި އޭގެ މާނައަކީ އެފްޑަބްލިއުއައިސީއީގެ އެއްވެސް މެމްބަރަކު، މި މައްސަލަ ހައްލުވަންދެން ރަންވީރާ އެކު މަސައްކަތް ނުކުރުން ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.