ކެފޭ ރެސްޓޯރަންޓުތަކުގައި ބިދޭސީން މަސައްކަތްކުރުން މައްސަލައަަކަށް ވެގެން ނޫޅޭ ކަމަށާއި އެހެންވެ ލޯކަލް މާރުކޭޓުގައި ބިދޭސީ މުވައްޒަފުން ތިބުން މައްސަލައަކަށް ވަނީ ކީއްވެތޯ މާލޭގެ މޭޔަރު އާދަމް އާޒިމް ސުވާލު އުފައްދަވައިފި އެވެ. 

ސިޓީ ކައުންސިލުގެ 5 ވަނަ ދައުރުގެ ދެވަނަ ރަސްމީ އާންމު ޖަލްސާގައި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ލަބާން ޝަރީފް ވަނީ މާލޭގެ މާރުކޭޓުތަކުގައި ބިދޭސީން ތިބޭ މައްސަލަ ފެންމަތި ކުރައްވައިފަ އެވެ. 

އެކަމާ ގުޅިގެން މޭޔަރު އާޒިމް ވިދާޅުވީ މާރުކޭޓުގައި މަސައްކަތްކުރަން ބޭނުންވާ ދިވެހި މުވައްޒަފުން ނުލިބޭ މައްސަލަ ބޮޑު ކަމަށެވެ. ދިވެއްސަކު ލިބުނަސް އެއް ދުވަހު މަސައްކަތަށް ދިއުމަށް ފަހު އަނެއް ދުވަހު ނުދާ ކަމަށާއި އެހެންވެ ވިޔަފާރިއަށް ބުރޫއަރާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެހެންވެ ހޯމް މިނިސްޓްރީ މެދުވެރިކޮށް، އެތަންތަނުގައި މަސައްކަތްކުރުމަށް ބިދޭސީންގެ ކޯޓާ ދޫކޮށްފައިވާ ކަމަށާއި މިހާރު އެތަނުގައި ބިދޭސީން މަސައްކަތްކުރަނީ އެގޮތަށް ކަމަށް މޭޔަރު ވިދާޅުވި އެވެ. 

"އެހެންވުމުގެ ސަބަބުން އެތަންތަނަށް ވެސް ބިދޭސީންގެ ކޯޓާ ވާނީ ހޯމް މިނިސްޓްރީ މެދުވެރިކޮށް ހޯދައިދީފައި،" 

އާޒިމް ވިދާޅުވީ ލޯކަލް މާރުކޭޓުގައި ބިދޭސީންނަށް ނުތިބެވެގެން ޖެހޭ ސަބަބެއް އޮތްކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. 

ރާއްޖޭގެ އެކި ދާއިރާތަކަށް ބަލާލިޔަސް ބިދޭސީ މަސައްކަތްތެރިން ފެންނަ ކަމަށާއި އެހެންކަމަށްވާ ނަމަ މާރުކޭޓުގައި ބިދޭސީންނަށް މަސައްކަތް ނުކުރެވެންވީ ސަބަބެއް ނެތް ކަމަށް އާޒިމް ވިދާޅުވި އެވެ. 

"ދެން މީގައި ލޯކަލް މާރުކޭޓުގައި ވެސް ބޭރު މީހުންނަށް ނުތިބެވެންޖެހޭ ސަބަބެއް އަޅުގަނޑަކަށް ނުފެނޭ. މި ގައުމުގެ ކޮންތަނެއްގައިތޯ ބޭރު މީހުން ވަޒީފާގައި ނެތީ. އެހެންވީމަ މިހާރު މި ޖެހޭ މައްސަލައަކީ ލޯކަލް މާރުކޭޓުގައި މަސައްކަތު މީހަކަށް ބޭރު މީހެއް ހުރީމަ މައްސަލަ ޖެހޭ،" 

"އެކަމަކު މާލޭގެ ކޮންމެ ކެފޭއެއްގައި ރެސްޓޯރަންޓެއްގައި ބޮޑެތި ރިސޯޓުތަކުގައި ކޮންސްޓްރަކްޝަން ކުންފުނިތަކުގައި ފިހާރަތަކުގައި އެމީހުން ނެތް ތަނެއް ނެތް. އެހެންވީމަ މި ޖެހޭ މައްސަލައަކީ މުވައްޒަފުން ނުލިބެންޏާ ބޭރު މީހުން ގެނެސްގެން މަސައްކަތް ކުރެވޭނީ ދެއްތޯ. އެހެންވީމަ އެމީހުންނަށް ވެސް އެ ފުރުސަތު އޮންނަ ގޮތަށް މިހާރު އޯޕަން އަޕް ވެފައި މި ހުރީ،" 

އާޒިމް ވިދާޅުވި ގޮތުގައި މާރުކޭޓުގައި ބިދޭސީން މަސައްކަތްކުރާތީ އެތަނަށް ވިޔަފާރި ކުރަންދާ ބައެއް މީހުން ދޭތެރެއަކުން މައްސަލަ ޖައްސަ އެވެ. އެކަމަކު ކެފޭ/ރެސްޓޯރަންޓުތައް ފަދަ ތަންތަނުގައި ވެސް ބިދޭސީން ތިބޭ ކަމަށާއި އެކަން މައްސަލައަކަށް ނުހަދަނީ ކީއްވެތޯ އާޒިމް ސުވާލު އުފެއްދެވި އެވެ. 

"ދެން އެތަނުގައި އެތަނަށްދާ ބައެއް މީހުން އެ މައްސަލަ ޖައްސާ. އެކަމަކު ކީއްވެތޯ ކެފޭއަށް ވަންނަ މީހުން ނުޖައްސަނީ. ކީއްވެތޯ ފިހާރައަށް ވަންނަ މީހުން ނުޖައްސަނީ. ކީއްވެތޯ ރިސޯޓުތަކުގައި މައްސަލަ ނުޖައްސަނީ. ކީއްވެތޯ ކޮންސްޓްރަކްޝަނުގައި ގެންގުޅޭ މީހުންގެ މައްސަލަ ނުޖައްސަނީ. ގޭތެރޭގައި ގެންގުޅޭ މީހާގެ މައްސަލަ ނުޖައްސަނީ،" 

މާލޭ ސިޓީ ކައުންސިލުގެ ބައްދަލުވުމެއްގައި މެމްބަރުން ބައިވެރިވަނީ.

މާލޭ ސިޓީ ކައުންސިލުގެ ބައްދަލުވުމެއްގައި މެމްބަރުން ބައިވެރިވަނީ.

އާޒިމް ވިދާޅުވީ އިންސާފުވެރި ގޮތެއްގައި ކުރިއަށްދާ ނަމަ، މާރުކޭޓު ހިންގުމަށް ބޭނުންވާނެ މުވައްޒަފުން ލިބެންޖެހޭ ކަމަށެވެ. 

"އެތަނުގެ [މާރުކޭޓު] ވާހަކަ މި ދެކެވެނީ އެހެން ގޮތަކަށް އަސްލު. އެހެންވީމަ އަޅުގަނޑަށް ފެންނަ ފެނުމުގައި އިންސާފުވެރި ގޮތަކީ އެތަން ހިންގުމަށްޓަކާ ބޭނުންވާނެ މީހުންނަށް މީހުން ލިބެންޖެހޭނެ،"  

އެ މައްސަލާގައި ލަބާން ވަނީ މާރުކޭޓުގައި ބިދޭސީން ތިބޭކަން މައްސަލައަކަށް ވަނީ ބިދޭސީންނަށް ސޭޓުންނަށް ނުތިބެވޭނެ ކަމަށް ގާނޫނުގައި އޮންނާތީ ކަމަށެވެ. 

އެކަމާ ގުޅިގެން އާޒިމް ވިދާޅުވީ މާލޭގެ ގިނަ ތަންތަނުގައި ސޭޓުންނަށް މިހާރު ބިދޭސީން ތިބޭ މައްސަލަ އެބަ އޮތް ކަމަށެވެ. އަދި ގާނޫނު ތަންފީޒުކުރާ ނަމަ، ފުލުހުންނާއި ކައުންސިލާއި ޓްރޭޑް މިނިސްޓްރީ ގުޅިގެން ހުރިހާ ތަނަކަށް އެއް ހަމައެއްގައި އެކަން ތަންފީޒުކުރަމުންދާންޖެހޭ ކަމަށް ވިދާޅުވި އެވެ. 

އެކަމަކު އެ މައްސަލަތައް ތަންފީޒުކުރާއިރު އޭގެ ސަބަބުން މަސައްކަތްތައް ހުއްޓި އާންމުންނަށް ލިބެމުންދާ ހިދުމަތްތަކަށް ބުރޫނާރާނެ ގޮތަށް އެކަން ކުރަން ޖެހޭ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ. 

"ދެން އިމްޕްލިމެންޓް ކުރާއިރުގައި މި ޖެހޭ މައްސަލައަކީ މުވައްޒަފުން ނުލިބެނީ. ދިވެހިން ނުލިބޭތީ އެ މައްސަލަ ޖެހެނީ. ދިވެހިން ލިބޭ ނަމަ އަޅުގަނޑަކަށް ހިޔެއް ނުވޭ އެއްވެސް މީހަކު ބޭރު މީހަކު ބަހައްޓާނެހެން."

ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުގައި ބިދޭސީން ގޮޅީގެ ތެރޭގައި ތިބުމަކީ ކުރިން މަނާ ކަމެކެވެ. އެގޮތަށް ގޮޅީގައި ބިދޭސީން ތިބޭތޯ ބަލައި ކައުންސިލުން ވަނީ މީގެ ކުރިން ގޮޅީގެ ވެރިފަރާތް ޖޫރިމަނާ ވެސް ކޮށްފަ އެވެ.