މެދުކެނޑުމެއްނެތި 22 ގަޑިއިރަށްވުރެ ގިނައިރު އުދުހުމުގެ ގާބިލުކަން ލިބިގެންވާ، އެއާބަސް ކުންފުނީގެ "A350-1000ULR" މަރުކާގެ ވައިޑް ބޮޑީ ބޯޓު ފުރަތަމަ ފަހަރަށް ކުރި ޓެސްޓު ދަތުރު ކާމިޔާބުކަމާ އެކު ނިންމާލާފައިވާ ކަމަށް އެ ކުންފުނިން އަންގާރަ ދުވަހު ބުނެފި އެވެ.
"ޓެސްޓު ކުރުމަށް ހާއްސަ އާލާތްތައް ހަރުކުރެވިފައިވާ މި ބޯޓު ވަނީ 3 ގަޑިއިރާއި 43 މިނެޓަށް އުދުހި، 41،000 ފޫޓަށްވުރެ (12،500 މީޓަރު) މައްޗަށް ދަތުރުކޮށްފައި،" ޔޫރަޕްގެ މަތިންދާބޯޓު އުފައްދާ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އަލްޓްރާ ލޯންގް-ރޭންޖް (ޔޫއެލްއާރް) ނުވަތަ އާދަޔާ ހިލާފަށް ދުރު ރާސްތާއަށް ދަތުރުކުރުމުގެ ގާބިލްކަމަށް ނިސްބަތްކޮށް ނަން ދީފައިވާ މި ބޯޓަކީ، އޮސްޓްރޭލިއާގެ ކުއާންޓަސް އެއާލައިނުން ސިޑްނީ އާއި ލަންޑަނާ ދެމެދު މެދުކެނޑުމެއްނެތި ދަތުރުތައް ކުރުމަށް އޯޑަރު ދީފައިވާ 12 ބޯޓުގެ ތެރެއިން ބޯޓެކެވެ.

އެއާބަސް ކުންފުނީގެ "A350-1000ULR" މަތިންދާބޯޓު. -- ފޮޓޯ: އެއާބަސް
އެއާބަސްއިން ބުނި ގޮތުގައި ފުރަތަމަ A350-1000ULR ބޯޓު ކުއާންޓަސްއާ ހަވާލުކުރުމަށް މިހާރު ރާވާފައިވަނީ 2027 ވަނަ އަހަރުގެ އެޕްރީލް މަހު އެވެ. އެއާލައިނުން ކުރިން އުންމީދުކޮށްގެން ތިބީ ސިޑްނީ އާއި ލަންޑަނާ ދެމެދު ކުރާ މި ދަތުރުތައް 2025 ވަނަ އަހަރު ފެށުމަށެވެ.
ފްރާންސްގެ ދެކުނުގެ ރަށެއް ކަމަށްވާ ޓުލޫޒްގައި ހުންނަ އެއާބަސްގެ މަރުކަޒުން އަންގާރަ ދުވަހު ކުރި މި ޓެސްޓު ދަތުރާ އެކު، ދެ މަސް ދުވަހުގެ ޓެސްޓުތަކެއް ކުރިއަށްގެންދާނެ އެވެ. މިއީ މިހާރު ހުރި A350 ގެ ތިން ބާވަތަށް ގެނެސްފައިވާ ބަދަލުތައް ހުއްދަ ހޯދުމަށް ކުރެވޭ ޓެސްޓުތަކެކެވެ. މީގެ ތެރޭގައި ގާތްގަނޑަކަށް 18،500 ކިލޯމީޓަރު (11،500 މޭލު) އަށް އުދުހުމުގެ ފުރުސަތު ހޯދައިދޭ އިތުރު ތެޔޮ ޓޭންކެއް ހިމެނެ އެވެ.
މިހާރު ދުނިޔޭގައި ވައިގެ މަގުން ކުރާ އެންމެ ދިގު ވިޔަފާރި ދަތުރަކީ ސިންގަޕޯ އެއާލައިންސުން ސިންގަޕޫރުން ނިއު ޔޯކަށް ކުރާ ދަތުރެވެ. އެ ދަތުރުގައި 18 ގަޑިއިރަށްވުރެ ގިނައިރުން 15،350 ކިލޯމީޓަރުގެ ރާސްތާއެއް ކަޑައްތުކުރެ އެވެ. -- އޭއެފްޕީ