ޑޯޓްމަންޑް ކޯޗުގެ ފާޑުކިޔުމަށް ޔުއެފާ އިން ރައްދުދީފި
ޑޯޓްމަންޑް ކޯޗުގެ ފާޑުކިޔުމަށް ޔުއެފާ އިން ރައްދުދީފި

ނިޔޯން، ފްރާންސް (އޭޕްރިލް 13) – އެއްޗެއް ގޮވުމުގެ ހާދިސާއަކާ ގުޅިގެން، ރެޔަށް ފަސްކުރި ބޮރޫޝިއާ ޑޯޓްމަންޑާއި މޮނާކޯގެ މެޗު ފަހުގެ ތާރީހަކަށް ފަސްކުރަން އެއްވެސް ޓީމަކުން ބޭނުންވި ކަމުގެ މައުލޫމާތެއް ނުލިބޭ ކަމަށް ޔުއެފާ އިން ބުނެފި އެވެ.

އަންގާރަ ދުވަހުގެރޭ ކުޅެން އޮތް މެޗަށް ސްޓޭޑިއަމަށް ދިއުމަށް ޑޯޓްމަންޑް ޓީމު ދަތުރުކުރަމުން ދިޔަ ބަސް ކައިރިން އެއްޗިތަކެއް ގޮވުމުން މެޗު ކެންސަލްކުރުމަށް ފަހު ރޭ ވަނީ ކުޅެފަ އެވެ.

މޮނާކޯ 3-2 އިން މޮޅުވި މެޗަށް ފަހު ޑޯޓްމަންޑުގެ ކޯޗު ތޯމަސް ޓުޝެލް ބުނީ އެ ޓީމުން އިތުރު ވަގުތު ބޭނުންވި ކަމަށާއި ޔުއެފާ ރޭ މެޗު ކުޅެން ހަމަޖެއްސިއިރު އެ ކްލަބުގެ ބަހެއް ނުހޯދާ ކަމަށެވެ.

"ޓެކްސްޓް މެސެޖަކުން އަހަރެމެންނަށް އެންގީ ޔުއެފާ އިން ނިންމުމެއް ނިންމާކަން. އަހަރެމެން ބޭނުންވި އިތުރު ވަގުތު މިކަމުން އަރައިގަންނަން. އަހަރެމެންނާ ސީދާ ގުޅޭ ނިންމުމެއް ސްވިޒަލެންޑުން މި ނިންމީ. މިކަން ދުވަހަކު ވެސް ހަނދާން ނުނެތޭނެ. ވަރަށް އެހެން ކަހަލަ އިހުސާސެއް ކުރެވެނީ،" ޓުޗެލް ބުންޏެވެ.

މޮނާކޯގެ ކޯޗު ލެއޮނާޑޯ ޖާޑިމް ވެސް ވަނީ ކުޅުންތެރިންނަށް މެޗަށް ފުރިހަމަ ސަމާލުކަންދޭން އުނދަގޫވި ކަމަށް ބުނެފަ އެވެ.

ފާޑުކިޔުންތަކަށް ރައްދުދެމުން ޔުއެފާ އިން ބުނީ މެޗު ފަސްކުރަން ނިންމި ނިންމުމުގައި ދެ ކްލަބް ބައިވެރިކުރި ކަމަށެވެ. އަދި މެޗު ބުދަ ދުވަހުގެރޭ ކުޅެން ނިންމީ ސްޓޭޑިއަމުގައި ބޭއްވި ބައްދަލުވުމެއްގައި، ދެ ކްލަބާއި ކަމާބެހޭ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުމާއި ރުހުމާ އެކު ކަމަށެވެ.

"ހުރިހާ ފަރާތަކާ ޔުއެފާ އޮތީ ގުޅިފައި. އެއްވެސް ޓީމަކުން މެޗު ނުކުޅެން (ފަހުގެ ތާރީހަކަށް ފަސްކުރަން) ބޭނުންވި ކަމުގެ މައުލޫމާތެއް ނުލިބޭ،" ޔުއެފާގެ ތަރުޖަމާނަކު ވިދާޅުވި އެވެ.

މި ހާދިސާގައި ޑޯޓްމަންޑުގެ މާކް ބަޓްރާގެ އަތަށް ލިބުނު އަނިޔާއަށް ފަރުވާ ހޯދުމަށް ވަނީ އޮޕަރޭޝަނެއްކޮށްފަ އެވެ.