އީދު ބަންދުގައި ސިންގަޕޫރަށް ވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި އޭރު ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމާ ބައްދަލުކުރައްވަން ނޫން ކަމަށާއި އޭނާއާ ދައްކަވާނެ ވާހަކަފުޅެއް ނެތް ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ސިންގަޕޫރަށް ވަޑައިގަތީ މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން ނިންމުމާ އެކު އުފެދުނު ނުތަނަވަސްކަމުގައި ނާޒިމާ ބައްދަލުކުރައްވަން ކަމަށް ސިޔާސީ ބައެއް އެކްޓިވިސްޓުން ވަނީ އަޑު ފަތުރާފަ އެވެ. އަދި އޭނާ މަގާމުން ވަކިކޮށް މިއަދު ވަނީ މަޖިލީހުގެ ނައިބު ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް އިންތިހާބުކޮށްފަ އެވެ.

މިއަދުގެ މީޑިއާ ބްރީފިން ގައި ރައީސްގެ ސިންގަޕޫރު ދަތުރުފުޅާ ބެހޭ ގޮތުން ނޫސްވެރިއަކު  ސުވާލުކުރުމުން ރައީސް ވިދާޅުވީ އެއީ "ދޮގުގެ ވެސް އެހެން ލެވެލްއެއް" ކަމަށެވެ.

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަކީ އާއިލާއާ އެކު ކުރައްވަން މާ ކުރިިއްސުރެ ރާއްވަވާފައި އޮތް ދަތުރުފުޅެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު [ސިންގަޕޫރަށް] ދިޔައީ ޗުއްޓީއަށް. އަޅުގަނޑުގެ ފެމިލީއާ އެކީ ވަގުތުކޮޅެއް ހޭދަކުރަން. އަޅުގަނޑު ހުރިހާ ވަގުތެއް ހޭދަކުރީ އެކަމުގައި. އަޅުގަނޑެއް ނާޒިމްއާ އެކީގައި ދައްކާ ވާހަކައެއް، ދައްކާނެ ވާހަކައެއް ވެސް، މަޝްވަރާއެއް ވެސް ނެގޯސިއޭޝަނެއް ވެސް ނެތް، އެކަމަކާ ވިސްނާފައެއް ވެސް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ. 

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަކީ އާއިލާއާ އެކު ޗުއްޓީހޭދަކުރައްވަން ކުރެއްވި ދަތުރުފުޅެއް ކަމަށް ހެކިވާނެ އެތައް ބަޔަކު ތިބޭނެ ކަމަށް ވިދާޅުވެ، ސަރުކާރުގެ ބައެއް އޮފިޝަލުންގެ ނަންތައް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރާއި ހައިކޮމިޝަންގެ އެހެން  މުވައްޒަފުންނާއި އެމްއޭސިލްގެ މުވައްޒަފުންނަކީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ހެކިންނެވެ.

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅާ ގުޅުވައި ފެތުރި ވާހަކައާ މެދު ނުރުހުންވެ ވަޑައިގެން ހުންނަވައި އެމަނިކުފާނު ވިދާޅުވީ އެއީ މިހާތަނަށް އަދި ނަމެއް ވެސް ދީފައި ނުވާ ފެންވަރުގެ ދޮގުތަކެއް ކަމަށެވެ.

"އެހެންވީމާ ދޮގުގެ ވެސް، ބުހުތާނު ދޮގަށް ވުރެ ވެސް އެހެން ލެވެލް އެއް، އެހެން ނަމެއް ކިޔަން ޖެހިއްޖެ މިއަށް. ބުހުތާނު ދޮގު[ކަމަށް] އަޅުގަނޑު ހީކުރަނީ އެންމެ މައްޗަށް ހުންނަނީ. އެއަށް ވުރެ ވެސް މައްޗަށް މި ދިޔައީ،" ރައީސް ވިދާޅުވި އެވެ.

ނައިބުރައީސް ހުސައިން މުހައްމަދު ލަތީފުގެ އިތުބާރު ނެތް ކަމަށް ފާސްކުރަން މަސައްކަތްކުރާ ކަމަށް ބުނާ ވާހަކަ އަކީ ވެސް ރައީސް ވިދާޅުވި ގޮތުގައި ހަމަ އެވަރުގެ ދޮގު ވާހަކައެކެވެ.