މުސްލިމް ކުޅުންތެރިޔާގެ ދީނީ ޝަރުތުތައް ކްލަބުން ގަބޫލުކޮށްފި
މުސްލިމް ކުޅުންތެރިޔާގެ ދީނީ ޝަރުތުތައް ކްލަބުން ގަބޫލުކޮށްފި

ނިއު ޒީލެންޑްގެ ހުނަރުވެރި ރަގަބީ ކުޅުންތެރިޔާ ސޮނީ ބިލް ވިލިއަމްސްގެ ޖާޒީގައި ވަކި ކަހަލަ ބްރޭންޑްތަކެއް ބޭނުންނުކުރެވޭނެ ކަމަށް އޭނާ އެދުނު އެދުން ކްލަބުން ވެސް ގަބޫލުކޮށްފި އެވެ.

ދީނީ ކަންކަމަށް ވަރަށް ލޯބިކުރާ މުސްލިމް މި ކުޅުންތެރިޔާ އެދުނީ ރަލުގެ ބާވަތްތަކާއި ބޭންކިންގެ ދާއިރާތަކުގެ ވިޔަފާރި އާއި ޖުވާގެ ވިޔަފާރީގެ އެއްވެސް ބްރޭންޑެއް ޖަހާފައިވާ ޖާޒީ ލާން އޭނާ އަށް މަޖުބޫރުނުކުރުމަށެވެ. އެކަން އެންމެ ފަހުން އޭނާގެ ކްލަބް އޯކްލޭންޑް ބްލޫސް އިން ވަނީ ގަބޫލުކޮށް، އެފަދަ ބްރޭންޑްތައް އޭނާގެ ޖާޒީން އުނިކުރަން އެއްބަސްވެފަ އެވެ.

ވިލިއަމްސް ބުނި ގޮތުގައި އެ ތިން ދާއިރާގެ ބްރޭންޑްތަކުގެ ލޯގޯ ޖަހާފައިވާ ޖާޒީ ލާން ދެކޮޅުހެދުމުގެ މައިގަނޑު ސަބަބަކީ އޭނާގެ ދީނީ އަގީދާ އެވެ.

ވިލިއަމްސް އަކީ ނިއު ޒީލެންޑްގެ ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. ގައުމީ ޓީމުގެ ޖާޒީ ސްޕޮންސާކޮށްފައި ވަނީ އިންޝުއަރެންސް ކުންފުންޏެއް ކަމަށްވާ އޭއައިޖީންނެވެ. އެ ކުންފުނީގެ ލޯގޯ ހުރި ޖާޒީ އޭނާ ލާނެ އެވެ.

"އަހަންނަށް އަހަރެންގެ ދީން އެނގެމުން ދާ ވަރަކަށް، ކުރިން އަހަރެން ކުރަމުން އައި ބައެއް ކަންކަން ކުރިއަށް ގެންދާ ހިތެއް ނެތް،" ވިލިއަމްސް ބުންޏެވެ.

އެއްވެސް ގޮތަކުން ބައިވެރިވާން ބޭނުންނުވާ ކުންފުނިތަކުގެ ސްޕޮންސަަޝިޕްގެ އެއްވެސް މަސައްކަތެއްގައި އުޅެން އޭނާގެ މައްޗަށް ލާޒިމްނުވާ ގޮތަށް އެއްބަސްވުންތައް ވެސް މިހާރު ވަނީ ބަދަލުކޮށްފަ އެވެ.

ނިއު ޒީލެންޑްގެ ރަގަބީއާ ބެހޭ މައި އިދާރާ އިން ބުނި ގޮތުގައި އެ ލުއިތަައް ދޭން ނިންމީ އާއިލީ، ނަސްލީ އަދި ދީނީ ކަންކަމަށް ބަލައިފަ އެވެ.

ވިލިއަމްސް އަކީ ހަމައެކަނި މޮޅު ރަގަބީ ކުޅުންތެރިއެއް ވެސް ނޫނެވެ. ރަގަބީ އަށް އޭނާގެ ކުޅިވަރު ހަޔާތް ހުސްކުރުމުގެ ކުރިން އޭނާ އަކީ ޕްރޮފެޝަނަލް ބޮކްސިން ތެޅުންތެރިއެއް ވެސް މެ އެވެ. ރަގަބީ އަށް އެނބުރި އައިސް އޭނާ ވަނީ 2015ގެ ވޯލްޑް ކަޕް ނިއު ޒީލެންޑަށް ހޯދައިދީފަ އެވެ.

ވޯލްޑް ކަޕްގެ މެޑެލް އޭނާ ހަދިޔާކުރީ ފައިނަލްގައި އޮސްޓްރޭލިޔާ ބަލިކުރުމާ އެކު އުފާފާޅުކުރަން ދަނޑު މައްޗަށް އެރި ކުޑަކުއްޖަކަށެވެ. އެ ކުއްޖާ ދަނޑަށް އެރުމާ އެކު ސެކިއުރިޓީ ގާޑުން ވަނީ އޭނާ ވަައްޓާލައި، ހިފަހައްޓާފަ އެވެ.

ވިލިއަމްސް ބުނި ގޮތުގައި އެ ކުއްޖާއާ މެދު ސެކިއުރިޓީ ގާޑުން އަމަލްކުރި ގޮތް ރަނގަޅެއް ނޫނެވެ. އެއީ މުޅި ނިއު ޒީލެންޑަށް އެވަގުތު ލިބުނު އުފަލުގެ ޖާދުލުގައި ޖެހުނު ކުއްޖެއް ކަމަށް، މެޑެލް ހަދިޔާކުރުމަށް ފަހު، ވިލިއަމްސް ބުނެފައިވެ އެވެ.